ޑިވައިސްއަކަށް މައްސަލައެއް ދިމާވުމުން ގިނަ މީހުން އެންމެ ފުރަތަމަވެސް ކުރާ ކަމަކީ ރީސްޓާޓް ކޮށްލުމެވެ. ސްމާޓްފޯނުތަކުގައި މި އާދައަކީ ހަމައެކަނި ފޯނުގެ ހިނގުން ރަނގަޅުކޮށްދޭ ކަމެއް ނޫނެވެ. މިއީ ފޯނުގެ ސަލާމަތީ ރައްކާތެރިކަން ވަރުގަދަކުރުމަށްޓަކައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްސީ) އިންވެސް ދޭ އިރުޝާދެކެވެ.
އެ އެޖެންސީން ވަނީ އައިފޯން އަދި އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށް ނެރެފައިވާ ހާއްސަ ގައިޑުގައިވާ އެއް ކަމަކީ، ގަވާއިދުން ފޯނު ނިވާލުމަށްފަހު އަލުން ހުޅުވުމެވެ. މީގެ މައިގަނޑު ސަބަބަކީ ސައިބަރ ސެކިއުރިޓީ އެވެ.
މިހާރަކަށް އައިސް ފޯނުތަކަށް އަމާޒުކުރާ ގިނަ މެލްވެއާ ނުވަތަ ވައިރަސްތަކަކީ ފޯނުގެ ދާއިމީ މެމޮރީގައި ހަރުލާފައި ހުންނަ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި މިފަދަ ވައިރަސްތައް ވަންނަނީ ފޯނުގެ ވަގުތީ މެމޮރީ (ރޭމް) އަށެވެ.
މިއީ ފޯނު ތަހުލީލު ކުރާއިރު އެއްވެސް ހެއްކެއް، ނިޝާނެއް ނުބެހެއްޓުމަށްޓަކައި ހެކަރުން ބޭނުންކުރާ އުކުޅެކެވެ. އިޒްރޭލުގެ މަޝްހޫރު ޕެގަސަސް ސްޕައިވެއާ ވެސް މަސައްކަތް ކުރަނީ މިގޮތަށެވެ.
ފޯނު ރީސްޓާޓް ކޮށްލުމުން، ރޭމްގައި ހުންނަ ހުރިހާ މައުލޫމާތެއް ފޮހެވިގެންދެއެވެ. އޭރުން ފޯނުގެ މެމޮރީގައި ހަރުލާފައި ހުރި ނުރައްކާތެރި ވައިރަސްތައްވެސް އެއާއެކު ނެތިގެންދާނެ ކަމެވެ.
އެއްވެސް ލިންކަކަށް ފިތާނުލިޔަސް ނުވަތަ އެއްވެސް އެޕެއް ހުޅުވާނުލިޔަސް، އޭގެ ޒާތުގައި ފޯނަށް ވައިރަސް ވަދެދާނެއެވެ. ސައިބަ ސެކިއުރިޓީ މާހިރުންނަށްވެސް މިއީ ދެނެގަންނަން އުނދަގޫ ކަމެކެވެ. ނަމަވެސް، ފޯނު ރީސްޓާޓް ކޮށްލުމަކީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް އޮތް ފަސޭހަ ހައްލެކެވެ.
ކޮންމެ ދުވަހަކު ފޯނު ރީސްޓާޓް ކުރުން މަޖުބޫރެއް ނޫނެވެ. ނަމަވެސް، މަދުވެގެން ހަފުތާއަކު އެއްފަހަރު ފޯނު ރީސްޓާޓް ކޮށްލުމަކީ ބުއްދިވެރި ކަމެކެވެ.
Comment