19 ފެބުރުވަރީ 2023 - 11:17 0
މުހައްމަދު ޝަހްޒާން
ކައިވެނި އަލްބަމް ރިލީޒް ކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ
19 ފެބުރުވަރީ 2023 - 11:17 0
ކައިވެނި ހަފުލާތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށް ހަމައެކަނި ތާރައާއެކު ދިވެހިން ތައްޔާރު ކުރި ފުރަތަމަ ދީނީ މަދަހަ އަލްބަމް ރޭ ރިލީޒްކޮށްފި އެވެ.
މެންހެޓަން ބިޒްނަސް ހޮޓެލުގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކޮމްޕޯޒްކޮށް ތައްޔާރުކޮށްފައިވާ އެ އަލްބަމް ރިލީޒްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު، އަލީ ޒާހިރެވެ.
ޒައިދުގެ އިތުރުން މިއުޒިކީ ދާއިރާގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އެތައް ފަންނާނުންނެއް އެ އަލްބަމަށް މަދަހަ ކިޔައިފައިވެ އެވެ. އޭގެތެރޭގައި މޯލްޑިވިއަން އައިޑޯލްގެ ފުރަތަމަ ސީޒަނުން މަގުބޫލުކަން ހޯދި ޝަލަބީ އިބްރާހިމާއި ތޭރަވާގެ އިތުރުން ހުސެއިން އަލީ އާއި ކުޑަ އިއްބެ އަދި ޖަލާލް ހިމެނެ އެވެ.
ދީނީ ނަސޭހަތާއި ކައިވެނީ އިރުޝާދުތައް ހިމަނޭ 16 މަދަހަ އެކުލެވޭ އެ އަލްބަމްގެ ރިކޯޑިން ކުރިއަށް ގެންގޮސްފައި ވަނީ އަލް-ކައުން ސްޓީޑިއޯއާއި ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ.
ޒައިދު ބުނި ގޮތުގައި އެ އަލްބަމުގައި ބޭނުން ކުރުމަށް ތާރަ ގެނެސްފައި ވަނީ ރާއްޖެއިން ބޭރުންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖެއަށް ތައާރަފު ކުރި ފުރަތަމަ އަލްބަމެވެ.
އެ އަލްބަމް މިހާރު ޔޫޓިއުބުން އަޑުއަހާލެވޭނެ އެވެ. ޝެއިޚް ޒައިދު ވިދަޅުވީ މި އަލްބަމްގެ މަދަހަތައް އަޑުއަހައިލުމުން ކައިވެނީގެ އުފާ އިހުސާސް ކުރެވޭނެ ކަމަށެވެ.
Comment