Advertisement

ނާސިރަށް ކުރި މަލާމާތުގެ ތެރެއިން؛ "އޭ ބަލަ މޮޔަޔާއޭ ވެރިކަމެއް މި ނުލިބޭނޭ"

19 ޖޫން 2023 - 09:15 5

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ނާސިރަށް ކުރި މަލާމާތުގެ ތެރެއިން؛ "އޭ ބަލަ މޮޔަޔާއޭ ވެރިކަމެއް މި ނުލިބޭނޭ"

19 ޖޫން 2023 - 09:15 5

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ ހަތް ވަނަ ދުވަހާއި އަށް ވަނަ ދުވަހަކީ މުޅި ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލި ދެ ދުވަހެކެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއާ ހަމައަށް ދިޔަގޮތާއި، އޭގެ ފަހަށް ކަން ހިނގައިދިޔަ ގޮތުން އުފެދުނު ހައިޖާނުގައި މުޅި ގައުމު އޮތީ ހިލިގަނެފަ އެވެ.

ދެ ދުވަހެއްގެ ހިމޭންކަމަކަށްފަހު، އެމްޑީޕީ ހަރުގެ ކައިރިއަށް ޖެހިލިއިރު ތާޅަފިލިން އިވެނީ "އެރޭ ސިޑިން، ވެއްޓިދާނެ، އިތުރު ދޮރެއް ހުޅުވިދާނެ!" ލަވަ އެވެ. އެ ލަވަ ހަމަ ނިމުނު އިރަށް އަނެއް ލަވަ އެވެ. "ގައުމެއް ހަލާކުކޮށްލާ ގައުމެއް ފަސާދަކޮށްލާ، ބާގީ ވަހީދަށް ހަލާކޭ ހުރީ" މި ލަވަ އެވެ.

އެތަނަށް އެއްވެ ތިބި މީހުންނަކީ އޭގެ ދެތިން ރެއެއް ކުރިން، ފެބުރުއަރީ 8 ވަނަ ދުވަހު ޖުމުހޫރީ މައިދާނަށް އެއްވުމުން، ފުލުހުންނާ ސިފައިން ނުކުމެ، އެމްއެންޑީއެފް ހަބޭހޭ ގޮވަމުން، އެޔެއް މިޔެއް ނުބަލައި، ތަޅައި ރާކަސް ގަންނަވާލި ބައިގަނޑެވެ. މިރޭ ހެވިދިއްލިފައި ތިބެ އަތްޖަހައި ގޮތްގޮތަށް ބުޑުގަނޑު ތަޅުވަމުން ނަށާއިރު، މެށުނު ތެޔޮހަމާއި ފެޅުނު ބޮލުގައި އެޅި ބޭސްމަލަންގަނޑު ހުރިގޮތަށް ހުރީ އެވެ. އެއިން ޒަހަމެއްގެ މަތީން ހަނދާންހުންނަވަރު ހަމަހެޔެއް ހުރި އާދަމުގެ ދަރިޔަކު އެތަނަކު ނެތެވެ.

މި މީހުންގެ ހިތުގައި އުފެދިފައި އޮތް ނަފުރަތާއި ރުޅިވެރިކަމުގެ ގިންޏާއި، ބާރެއް ނެތުމުގެ ލާޗާރުކަމުގެ އިހުސާސުގެ މައްޗަށް ހިއްވަރު ހޯދައިގަތީ ޖަހަމުން އެދިޔަ ލަވަތަކުންނެވެ. ރަނގަޅަސް ގޯހަސް، އެ މީހުންގެ މަގުސަދަށްޓަކައި އެ ލަވަތައް އަދާކޮށްދިނީ މުހިންމު ދައުރެކެވެ. އެ އަހަރުގެ ފެބުރުއަރީ 7, ވަނަ ދުވަހުގެ ވެއްޓުމުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް، އެ ސިޔާސީ ފޯރި ހިފެހެއްޓީ މިކަހަލަ ވަރަށް ގިނަ ލަވަތަކަކުންނެވެ.

މިޒާތްޒާތުގެ ލަވަ ހަދައި ނެރުމަކީ ފަހުގެ ސިޔާސީ ކަންކަމަށް ހާއްސަ ކަމެއް ނޫނެވެ. ސިޔާސީންނަށް މަލާމާތާއި ފުރައްސާރަކޮށް ލަވަ ފަރިހި ހެދުމަކީ ދިގު ތާރީހެއް އޮތްކަމެކެވެ. މި ލިޔުމުގައި ބަލާލަން މިއުޅެނީ އެފަދަ ލަވައަކަށެވެ.

ލަވައިގެ ނަމަކީ "ވަގަށް ނެގި ޑޮލަރު ތަކުން ނާސިރަށް ލިބުނީ ބޮޅެއް" އެވެ. މިއީ ރައީސް ނާސިރަށް މަލާމާތްކޮށް އޭރު ހެދި ވަރަށް ގިނަ ލަވަތަކުގެ ތެރެއިން ފަތަށްސީލާ ދޮހޮއްކޮ ހެދި ލަވައެކެވެ. ފަތަށްސީލާ ދޮހޮއްކޮއަކީ ފިނޭ އިބްރާހީމްގެ ދޮންކޮއްކޮ އެވެ. އެއީ 'ފަތަސް-ލީގޭ' ދޮހޮއްކޮ އެވެ. ފަތަސްއޭ ކިޔަނީ ރުއްރުކުގެ ފާޅައިން ހަދާ ވަށިގަނޑު ނުވަތަ ފާޅަގަނޑަށެވެ. ފަތަސް-ލީގެއަކީ އޭނާގެ ގެއަށް ކިޔާ ނަމެވެ. ކިޔާ މީހުންގެ ދޫފަރިތައިން ފަތަސްލީގޭ ދޮހޮއްކޮ، ފަތަށްސީލާ ދޮހޮއްކޮއަށް ވީ އެވެ. އޭނާއަކީ އެ ޒަމާނުގެ ލެޖެންޑެކެވެ. ހެންވޭރު ބޮޑުބެރު ޕާޓީގެ އެންމެ ހިނގާ ނަމެވެ. ރޭޑިއަންޓު ކުލަބު، އަދި ފަހުން ނިއުރޭޑިއަންޓުގެ އެންމެ ވަރުގަދަ ސަޕޯޓަރެވެ. ބޮޑީ ބިލްޑަރެކެވެ. ސުރުހީ އެކަނި ބުނެލީމާ ވަގުތުން ޅެން ހަދާލާ މޮޅު ޝާއިރެކެވެ. ނާސިރުގެ ވެރިކަން ނިމުނުފަހުން ނާސިރަށް ހެދި މަލާމާތު ވަރަށް ގިނަ ލަވަތައް ހަދާފައި ހުރީ ފަތަށްސީލާ ދޮހޮއްކޮ އެވެ.

ލަވަ ކިޔާފައި އޮތީ އިބްރާހީމް ރަޝީދު (ހާބުރި) އެވެ. ހާބުރި ތައާރަފުކޮށްދިނުމަކީ މިތަނުގައި ކުރަންޖެހޭނޭ ކަމެއް ނޫނެވެ.

ނާސިރަށް ހެދި މަލާމާތުގެ ލަވަ


ލަވައިގެ މައިގަނޑު

އޭ ބަލަ މޮޔަޔާއޭ ވެރިކަމެއް މި ނުލިބޭނޭ

ޑޮލަރާ ޕައުންޑު ހުރިކަމަކުން ނަފާނުވެސް ވާނޭ

****

އިންތާ ލަހެއް ނުވޭ، ކެރަފާ ވިހަން ފެށީ

ޑޮލަރާ ޕައުންޑުތައް ޅިޔަނަށް އޮހެން ފެށީ

ތިންގަނޑަކަށް ރިސޯޓުތައް، ބަނޑޮހާ ވެލައްސަރާ

ކުރުނބާ ވިލެޖު އެކީ ދީގެންނެ ހުންނެވީ

--

މިލްކު އެތައް ބިމަކާ ލިބި މިކަންތަކޭ އެނގުނީ

ޑޮލަރާ ޕައުންޑު ހުރި ކަމަކުން ނަފާ ނުވެސް ވާނޭ

ރައީސް އިބްރާހީމް ނާސިރު، ކެރަފާ ނަސީމާ ކަލޭފާނާ ކައިވެނިބައްލަވައިގަތީ މެއި 1969 ގަ އެވެ. އެކައިވެނީގެ އުފަލުގައި ބޭއްވި ފަރިއްކޮޅު އޮތީ މެއި 31، 1969 ދުވަހުގެ ރޭ، ނާދީ ގަ އެވެ. އެކައިވެނީގެ ވަރަށް އަލަތުކޮޅު ނާސިރަށް ދެ ބޭފުޅުން ލިބިވަޑައިގަތެވެ. ލަވައިގެ އެ ބައިގައި 'އިންތާ ލަހެއްނުވޭ ކެރަފާ ވިހަންފެށީ' ކަމަށް އެ ބުނަނީ އެކަމަށް އިޝާރާތްކޮށެވެ. ރައީސް ނާސިރުގެ ވަރަށްވެސް އަމިއްލަފުޅު ކަމަކަށް ނިސްބަތްކޮށް ކުޅަ ފުރައްސާރައެކެވެ.

ދިވެހިރާއްޖެއަށް ޓޫރިޒަމް ތައާރަފު ކުރައްވައި، ނާސިރު އަމިއްލަފުޅަށްވެސް އެވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެންނެވި އެވެ. ނާސިރުގެ މިލްކުގައިވާ ރިސޯޓުތައް ހިންގަވައި ދެއްވީ ކެރަފާ އަހުމަދު ނަސީމު އެވެ. ޅިޔަނަށް ޑޮލަރާ ޕައުންޑުތައް އޮހެންފެށިކަމަށް އެ ބުނަނީ މިކަމަށް އިޝާރާތްކޮށެވެ.

ހައިކޯޓުގެ 1984 ވަނަ އަހަރުގެ 3 ނަންބަރު ގަޒިއްޔާއިން އުއްތަމަ ފަނޑިޔާރު މޫސާ ފަތުހީއާއި، ފަނޑިޔާރު އަހުމަދު ހަމީދު ފަހުމީއާއި، ފަނޑިޔާރު އިބްރާހީމް ނަސީރު ބައްލަވައި ޖެނުއަރީ 30، 1986 ގައި ނާސިރަށް ހުކުމް ކުރި މައްސަލައިގައި މިކަމަށް އިޝާރާތްކޮށްފައި އޮވެ އެވެ. އެސް.ޓީ.އޯ އެކައުންޓްސް ޑިވިޝަންގައި އޮންނަ މުލީއާގެ 235 ނަންބަރު އެކައުންޓުގެ ނަންބަރު 44406 ޗެކުން އަހުމަދު ނަސީމް އަށް 100،669.53 (އެއްލައްކަ ހަސަތޭކަ ފަސްދޮޅަސް ނުވައެއް ޕޮއިންޓް ފަހެއް ތިނެއް ރުފިޔާ) ދޫކޮށްފައިވާތީ ކުރި ދައުވާއަކީ ނާސިރުގެ މައްޗަށް އުފުލުނު 10 ދައުވާގެ ތެރެއިން އެއް ދައުވާ އެވެ.

އެސްޓީއޯގެ އެކައުންޓަކުން ކެރަފާ އަހުމަދު ނަސީމްގެ އެކައުންޓަކަށް ފައިސާ ޖަމާވެފައިވާތީ އެ މައްސަލައިގެ ތަހުގީގުގައި އޭނާއާ ސުވާލުކުރެވިފައި ވެއެވެ. އެ ފައިސާއާމެދު އޭނާ ވިދާޅުވީ އެ ފައިސާއަކީ ނާސިރު އޭނާއާ ހިންގުމަށް ހަވާލުކޮށްފައިވާ ބަނޑޮސް އައިލެންޑް ރިސޯޓު ހިންގުމުގެ މަސައްކަތުގެ އުޖޫރަ ދެއްވުމުގެ ގޮތުން ނާސިރު އޭނާއަށް ދެއްވި ފައިސާ ކަމަށެވެ. ބަނޑޮސް ރިސޯޓަކީ ނާސިރުގެ އަމިއްލަފުޅު ރިސޯޓެއް ކަމަށްވާއިރު، އެ ރިސޯޓު ހިންގާ ހަވާލުކުރެވިފައިވާ މީހަކަށް އުޖޫރައިގެ ގޮތުގައި ދޭންޖެހޭ ފައިސާ ދައުލަތުގެ އެކައުންޓަކުން ދޭންޖެހޭނޭ ސަބަބެއް ހައިކޯޓުގައި ދެއްކިފައެއް ނުވެއެވެ.

ބާރެއް އޮތުން ފެނޭ، ވެރިކަން ނެތަސް ހެވޭ

އިރުޝާދު ދެއްވަވަން، ބުނެގެންނެ ހުންނެވީ

މަޖިލިސްގައި މުހާވިރާ މިގޮތަށް އެރޭ ހިނގީ

އަދި ދެން ނަސީބަކުން ފާހޭ މިކަން ނުވީ

--

ދީފަ ނަގަން ވެރިކަން ފެންސިރޭ އެހެން ރޭވީ

ޑޮލަރާ ޕައުންޑު ހުރިކަމަކުން ނަފާ ނުވެސް ވާނޭ

ނާސިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން ވަކިވުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވީ 16 ޖުލައި 1971 ގަ އެވެ. އެ ސިޓީގައި ވިދާޅުވީ ރާއްޖޭގެ އަމަންއާންމު ބެލެހެއްޓުމުގެ ގޮތުންނާއި، ބޮޑުވަޒީރުކަމާއި، ރައީސްކަމުގެ މަގާމުގައި ސަރުކާރު ހިންގުމުގެ މަސްއޫލިއްޔަތު އިސްތަށިފުޅުގައި އަޅުއްވައި އުޅުއްވާތާ 17 އަހަރު ވެއްޖެކަމަށާއި، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އެއްވެސް މީހަކު އެހައި ދިގު މުއްދަތަކަށް އެ މަގާމުގައި ހުރުމަކީ މިޒަމަނާ އެކަށީގެންވާކަމެއް ނޫންކަމަށެވެ. ސިޓީގައި ނާސިރު އެދިވަޑައިގަތީ މިހާރުއްސުރެ ވިސްނަވައި، ގައުމުގެ ރައީސަކަށް ހޮވާނޭ މީހަކާމެދު ގޮތް ނިންމަވައިގެން ތިއްބެވުމަށެވެ.

ވެރިކަން ދޫކޮށްލެއްވުމަށް ގަސްތުކުރައްވާކަމަށް ވިދާޅުވެ ރައީސް ނާސިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު


އޭގެ ފަހުން 1978 ވަނަ އަހަރު، ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވީ ރައީސް މައުމޫނެވެ. ވެރިކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް ނާސިރު ހުންނެވީ އެކީއެކަށް ވެރިކަން ހިންގުމުގެ ބާރުތައް މައުމޫނަށް ބަދަލުކޮށްލައްވާކަށް ނޫނެވެ.

ރައީސް މައުމޫނު އިންތިހާބުވުމަށްފަހު އަދި ވެރިކަމުގެ ހުވާ ނުކުރައްވަނީސް ނާސިރުގެ ނުހަނު ގާތް ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅި އެވެ. އެއީ ވެރިކަމުގެ ބާރުތައް ހިންގުމުގައި އިރުޝާދުދޭ ފަރާތެއްގެ ގޮތުގައި ކުރީގެ ރައީސަށް ހުންނެވޭނޭ މަގުފަހި ކުރުމުގެ ގޮތުން ހުށަހެޅުނު މައްސަލައެކެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާހެއް ނުކުރެއްވި އެވެ.

އޭގެ ފަހުންވެސް ރައީސް މައުމޫނަށް ވެރިކަމުގެ ހުވާކުރެއްވުމަށް ހުރަސް އެޅުއްވުމަށް ނާސިރާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން އެކިގޮތްގޮތަށް މަސައްކަތް ކުރެއްވިކަމަށް ރައީސް މައުމޫނުގެ ވެރިކަމުން ދުށްޓެވެ. ހުވާކުރެއްވިއިރުވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިސް ބައެއް ބޭބޭފުޅުންގެ އަތްޕުޅުގައި ހަތިޔާރު ހުރިކަމަށް ރޭޑިއޯ ހިތާބެއްގައި މައުމޫނު ވިދާޅުވި ވިދާޅުވުމަކީ އެ ސަރުކާރަށް އޭރު އިހުސާސުވެފައި އޮތް ނުރައްކަލުގެ މައްޗަށް ލިބިދޭ ދަލީލެކެވެ.

ލަވައިގެ މި ކަޑީގައި އެ ދައްކަނީ މި ދެންނެވުނު ހާދިސާތަކުގެ ވާހަކަ އެވެ. ވެރިކަން ދޫކޮށްލެއްވިޔަސް، ބާރުތައް ދޫކޮށްނުލައްވާން ނާސިރު ފަހުން ކުރެއްވިކަމަށް ބުނާ މަސައްކަތްޕުޅުތަކުގެ ވާހަކަ އެވެ. ވެރިކަން ދޫކޮށްލެއްވުމަށްފަހު އަލުން ބާރު ހޯއްދަވަން އުޅުއްވުމަކީ 'ފެންސިރު' ނުވަތަ ދަހިކަމުގެ ސިފައެއްކަމަށް ލަވައިގައި ކިޔަ އެވެ.

އަވަހަށް ގެއެއް ގަތޭ، ހެންވޭރު ރޯޝަނީ

ގަނެފައި އެތަން ދިނޭ، ކުއްޔަށް އެކަން އޮތީ

ވެރިކަން ނެތް ދުވަސްވަރަށް، ފައިސާ އޮހޭނެހެން

ބަލަމުން މިކަން ކުރީ ނަމުގައި އުފާއޮތީ

--

ދީފަ ހިފަން ހުއްޓާ ބޮނޑިއެކޭ މިއޮތް ލިބުނީ

ޑޮލަރާ ޕައުންޑު ހުރިކަމަކުން ނަފާ ނުވެސް ވާނޭ

ފަހު ކަޑި އެވެ. ނާސިރު ބައްލަވައިގެންނެވިކަމަށް އެ ބުނާ ހެންވޭރު ރޯޝަނީ އަކީ މިހާރުގެ ރޯޝަނީ ބިލްޑިންގ އެ ހުރި ބިމެވެ. މިއީ ނާސިރު ވެރިކަމުގައި ހުންނެވިއިރު ބައްލަވައިގެންނެވި ގެއެކެވެ. އެތަން އޭރު ހުރީ ކުއްޔަށްދީފަ އެވެ.

ހެންވޭރު ވެލާނާގޭގެ ބިމާ އިންވެގެން އޮތް ފަތްލިޔާގެއާއި މެދުގަނޑުވަރު ބިން ބައްލަވައިގަނެ ވެލާނާގޭ ބިމަށް އިތުރުކުރައްވި އެވެ. ވެޔޮގޭގެ ބިމާއި، މެދުޒިޔާރަތްމަގު 6 ނަންބަރު ގޯއްޗާއި އިމާރާތްތަކާއި، މެދުޒިޔާރަތްމަގު 8 ނަންބަރު ގޯއްޗާއި އިމާރާތްތަކާއި، ނޫރާނީ ގޯޅީގެ 2 ނަންބަރު ގޯއްޗާއި އިމާރާތްފަދަ އެތައް ބިމެއް ނާސިރުގެ އަމިއްލަ ނަންފުޅުގައި މާލޭގައި އޮތެވެ. ހައިކޯޓުން ނާސިރުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާކަމަށް ނިންމުމުން ވެލާނާގެ ފިޔަވައި އެހެން ހުރިހައި ބިންތަކެއް ސަރުކާރުން އަތުލެއްވީ އެވެ. ވެލާނާގެ ވިއްކަވަން ނާސިރު މަސައްކަތްކުރައްވާކަމަށް ބުނެ ފަހުން އެތަންވެސް އަތުލެއްވި އެވެ.

ނާސިރުގެ މިލްކުގައި މި ބިންތައް ހުރިއިރު އޭގެ ތެރެއިން ގިނަ ބިންތައް ހުރީ ކުއްޔަށްދީފަ އެވެ. މިއީ ވެރިކަން ނޯންނަ ދުވަސްވަރަށް ނާސިރު ކުރެއްވި އިންވެސްޓްމަންޓެއްކަމަށް ލަވައިގައި އެ ބުނަނީ އެކަމަށް އިޝާރާތްކޮށެވެ.

ވެރިކަން ދޫކޮށްލެއްވުމަށް ނާސިރު ނިންމެވި ނިންމެވުމަށްފަހުވެސް، ފަހުން ބާރު ހޯއްދަވަން މަސައްކަތްޕުޅު ކުރެއްވިކަމަށް އޮތް ތުހުމަތަކީ ނާސިރާމެދު އައު ސަރުކާރުން ނުރުހުންވި މައިގަނޑު ސަބަބެވެ. އައު ސަރުކާރު ވެރިކަމަށް އައުމާއެކު ނާސިރަށް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގެއްލި އެމަޖިލީހުން ވަނީ ސީދާ ނާސިރަށް އަމާޒުކޮށް އެތައް ގާނޫނެއް ފާސްކޮށްފަ އެވެ. ގާނޫނު ނަންބަރު 97/78 ސަރުކާރުގެ މުއައްޒަފުން، މަގާމުގެ ބޭނުންކޮށްގެން ކުރާ ކުށުގެ ގާނޫނާއި، 98/78 ސަރުކާރުގެ ވެރިން، ގާނޫނާއި ހިލާފުވުމާއި، ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި، އެނޫން ގޮތަކަށް އަމަލުކުރުމާ ބެހޭ ގާނޫނަކީ ސީދާ ނާސިރަށް އަދަބުދެވޭނޭ ގޮތް ފަހިކުރުމަށްޓަކައި ހެދުނު ގާނޫނުތަކެވެ.

ނިންމުން

ނާސިރުގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ ހުކުމްކުރިއިރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އޭގެ ފަހުން 1980 ވަނަ އަހަރު، އިބްރާހީމް ނާސިރު ރާއްޖެއަށް ހަތިޔާރު އެތެރެކޮށް ވެރިކަން ހިއްޕެވުމަށް މަސައްކަތްކުރެއްވިކަމަށް ސަރުކާރުން ތުހުމަތުކުރި އެވެ. އެހެންނަމަވެސް ނާސިރާމެދު ކުރެވުނު މިއިން އެއްވެސް ތުހުމަތަކަށް ނާސިރު މުޅި އުމުރުގައިވެސް ޖަވާބެއް ނުވަތަ ރައްދެއްވެސް ދެއްވާފައެއް ނުވެ އެވެ. މަލާމާތާއި ފުރައްސާރައިގެ ލަވަތައް ހެދުމާއި ކާޓޫނުތައް ކުރެހުމާއި ހުތުރު ލަގަބުތައް ދިނުމުގައި އުފެދިފައި އޮތީ ވާދަވެރިކަމެކެވެ. މިހާރު ހެޔޮނަސޭހަތްދޭ ހަރު ޖީލުގެ ޅެންވެރިން އޭރު ނާސިރަށް ހައްދަވާފައިހުރި ބައެއް ޅެންތައްވެސް އަޅުގަނޑަށް ފެނުނެވެ. އެއިން ޅެމެއްގެ އެންމެ ބައިތެއްވެސް މިތަނުގައި ނަކަލުކުރުމަކީ ލަދު ހުއްދަ ނުކުރާތީ ކުރެވެން ނެތް ކަމެކެވެ.

ނާސިރަށް ނިސްބަތްކޮށް ހެދި ބައެއް ލަވަތަކުގެ ތެރެއިން ނާސިރުގެ ނަންފުޅު ބޭނުންކޮށްފައި ނެތް ބައެއް ލަވަތައް އެމް.ޑީ.ޕީ އުފެދުމަށްފަހު އެ ޕާޓީގެ ހަރުގެތަކުގައިވެސް ޖެހި އެވެ. ތަފާތަކީ އެލަވަތައް އެޕާޓީން ނިސްބަތްކުރީ އޭރުގެ ރައީސް، މައުމޫނަށް ކަމެވެ. މައުމޫނުގެ ވެރިކަމުގައި ނާސިރަށް ހެދުނު ލަވަތައް ފަހުން މައުމޫނުގެ ވެރިކަމަށްވެސް ހެޔޮވަރުވީ އެވެ.

އިހަށް ދުވަހާ ހަމައަށް އަމާނާތްތެރިއެއްކަމަށް ދުށް މީހާ ވަރުގެ ހިޔާނާތްތެރިއަކު ނެތްކަން ސާބިތުވުމާއި، އެންމެ ނުރުހުންވި މީހާ ވަރުގެ ހެޔޮފޯރުވި މީހަކު ނެތްކަން ސާބިތުވަމުން ދިއުމަކީ ދުނިޔޭގެ އާދަ އެވެ. އެ ސުންނަތް ހަނދާން ނައްތާލައި، ހިތްހަމަނުޖެހޭ ވަގުތު ކޮށްލާ މަލާމާތާއި ހަދާލާ ފުރައްސާރައިގެ ޅެންތަކުން ގެެއްލުވާލީ އިއްޒަތްތެރިންގެ އަބުރު އެކަންޏެއް ނޫނެވެ. އެ ލަވަތަކުގެ މިއުޒިކަށް ފައިހަމަކުރަން ނެށި ނެށުމުގައި ގެއްލި ދިޔައީ ދިވެހިންގެ ލަދުހަޔާތެވެ.

ނިންމާލާނީ ނާސިރުގެ ވެރިކަމުގެ ދައުރުގެ ހާދިސާއެއް ކިޔައިދީފަ އެވެ. މި ލިޔުމާ ހުރި ގުޅުމުގެ ބޮޑުކަމުންނެވެ. މިވާހަކަ ލިޔުއްވާފައި އޮތީ ވާރޭވިލާ އަލީ ހުސައިން އެވެ.

ނާސިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވިތަނާހެން މާލޭގެ ހެންވޭރުކޮޅުގައި ދޯނި އެހެލާ ތަނެއް ތައްޔާރުކުރުމުގެ މަސައްކަތެއް ފެށުނެވެ. މަސައްކަތް ހިންގަނީ ސަރުކާރުގެ 4 ކުންފުންޏަކުންނެވެ. އެއީ ގައުމީ ކުންފުންޏާއި މައިޓު ކުންފުންޏާއި އޯކިޑު ކުންފުންޏާއި ސިނަމާ ކުންފުންޏެވެ. މަސައްކަތް ވިލަރެސް ކުރައްވަނީ ސީދާ ބޮޑުވަޒީރު ނާސިރެވެ.

ބޮޑެތި މަސައްކަތްކުރާއިރު އަންބާ ކިޔުމަކީ ދިވެހިންގެ އާދައެކެވެ. އެ ދުވަހު ވެސް ސަރުކާރު 4 ކުންފުނީގެ ފަރާތުން މަސައްކަތް ކުރާން ތިބި މީހުން އަންބާއަށް ފަށައިގަތެވެ. އަންބާ ހާއްސަކުރީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި އިބްރާހީމް ފާމުލަދޭރި ކިލެގެފާނަށެވެ. އަންބާގައި ކީ؛

އައްޑޫ ވިއްކާލި ބޭކޮބާ؟

ވައަތުން ކުޑަހިފި ބޭކޮބާ؟

ވައިތެޔޮ ދަންމާ ބޭކޮބާ؟

ބޮޑުސުއްޓާބޯ ބޭކޮބާ؟

އިސްވެ ކިޔާ މީހާ މައިގަނޑު ކިޔުމުން ދެންތިބި އެންމެން އަޑުވީއްލައި "ބޭކޮބާ؟" އޭ ކިޔަ އެވެ. ކުރީގެ ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ވައަތްތެރި ބޭފުޅެކެވެ. އާދަވެގެން އުޅުއްވާނީ ހިންގަވާފަ އެވެ. ވައަތްޕުޅުގައި އަބަދުވެސް ކުޑައެއް އޮވެ އެވެ. ބައްލަވާނީ ބޮޑު ސުއްޓާ އެވެ. މަސައްކަތްތެރިންގެ އަންބާގައި ގޮވާލީ މި ހުރިހާ ވާހަކައެކެވެ. ބޮޑުވަޒީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުވެސް އިސްތިއުފާ ދެއްވިއިރު ދިވެހިންގެ ހިތުގައި އެމަނިކުފާނާމެދުވެސް ސިޔާސީ ރުޅިވެރިކަމެއް އޮތެވެ.

ސަރުކާރު ހަތަރު ކުންފުނީގެ މަސައްކަތްތެރިން ކުރީގެ ބޮޑުވަޒީރަށް ނިސްބަތްކޮށް މި އަންބާ ކިޔައިފިކަމުގެ ހަބަރު ނާސިރަށް ލިބިވަޑައިގަތުމާއެކު އެތަނަށް ވަޑައިގެން ސިފައިންނަށް އަމުރުކުރެއްވީ އަންބާގައި ބައިވެރިވި އެންމެން ގެންގޮސް ޖަލަށް އަޅާލުމަށެވެ. ކޮންމެ މީހަކަށްވެސް ހެޔޮވަރު މުއްދަތެއްގެ އަދަބެއް ދެއްވި އެވެ. މި ހަރުކަށި ފިޔަވަޅަށްފަހު، ކުރީގެ ވެރިކަމުގެ އިއްޒަތްތެރިންނަށް އާންމުކޮށް އާޑަފުރައްސާރަކުރުން އެކީއެކަށް ހުއްޓުނެވެ.

ފަތަށްސީލާ ދޮހޮއްކޮގެ ޅެމަކަށް ހާބުރި ރަޝީދު ކިޔާފައި އޮތް 'އޭ ބަލަ މޮޔަޔާއޭ ވެރިކަމެއް މި ނުލިބޭނޭ' މި ލަވަޔަކީ ވެރިންނަށް އާޑަފުރައްސާރައިގެ ލަވަ ފަރިހި ކިޔުން މަނާކުރެއްވި، މި އިބްރާހީމް ނާސިރަށް ނިސްބަތްކޮށް ހެދި އެތައްހާސް ލަވަތަކުގެ ތެރެއިން ލަވައެކެވެ.