Advertisement

ފެންތަށި ޚަލީލު ދިވެހި ލިބާހަށް ކުރެއްވި ތަޢުރީފު

6 ޖަނަވަރީ 2023 - 06:36 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ފެންތަށި މުޙައްމަދު ޚަލީލު އަދި ދިވެހި ލިބާސް ލައިގެން ހުރި އަންހެން ކުއްޖެއް. -- އާޓްވޯކް: މުހައްމަދު އިސާމް/އަދަދު


ފެންތަށި ޚަލީލު ދިވެހި ލިބާހަށް ކުރެއްވި ތަޢުރީފު

6 ޖަނަވަރީ 2023 - 06:36 1

ކުޑައިރު އިވޭ ވަރަށް ރީތި ލަވައެއްގެ ހަނދާން އާކޮށްލާނަމަވެ. އަހަރެމެން؛ އައްޑިހައިގެ އަހަރުތަކުގައި އުފަންވީ މީހުންނަށް ސިފައިންގެ މިއުޒިކް ބޭންޑުގެ ސްޓޭޖް ހުށަހެޅުންތައް އެއީ ދެން ދިވެހި މިއުޒިކު ވަޒަންކޮށްލަން އެންމެ ޢާއްމުކޮށް ފެންނާނޭ ހުށަހެޅުންތަކެވެ. އޭގެ ތެރެއިން އެއް ލަވައެވެ. ދައްކަނީ ދިވެހި ލިބާހުގެ ވާހަކައެވެ. ލަވަކިޔަނީ ފެންތަށި ޚަލީލޭ ކިޔާ މީހެކެވެ. އޭރުވެސް އެ ލަވަޔާއި އެ ހުށަހެޅުން ރީތިވެގެން އަޑުދަށުން ކިޔޭތޯ އުޅެމެވެ. އޭރު އަހަރެން ހީކޮށްގެން ހުރީ ފެންތަށި ޚަލީލޭ އެ ކިޔަނީ އެ ލަވަކިޔުންތެރިޔާގެ އަޑުގައި ހުންނަ ބިއްލޫރިކޮޅެއްފަދަ ސާފު، އޮމާން ކަމަކުން ކަމުގައެވެ.

ފަހުން އެ ލަވަ އަޑުއިވުނީ ކެސެޓު ރޯލަކުންނެވެ. މަންމަމެން ގެންގުޅުނު ލަވަރޯލަކުންނެވެ. އެއީ ވަކި އަލްބަމެއްކަމެއް ނުވަތަ ރީތި ލަވަތައް އެއްކޮށްގެން ގެންގުޅުނު "މިކްސް ޓޭޕެއް" ކަމެއް ހަނދާނެއް ނެތެވެ. އެހެންނަމަވެސް އޭރު ދެން މި ލިބާހުގެ ވާހަކަ މި ދައްކަނީ ލިބާސް ލީމާ ދިވެހި އަންހެނުންގެ ރީތިކަން ފެންނަ ވާހަކަ ސިފަކުރަމުންކަން އެނގޭ ވަރަށް ސިކުނޑި ތަނަވަސް ވެއްޖެއެވެ.

ފަހުން މާ ފަހުން، އެ ލަވަ އަޑުއިވުނީ، މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާގެ އަޑުން ކަވަރުކޮށްފައިވާތީއެވެ. އަންހެނަކު އެ ލަވަ ކީތީ ފުރަތަމަ އައިބުގޮތެއް ހީވިއެވެ. އެހެންނަމަވެސް، އެ ރާގާއި އެ ޅެންވެރިކަމުގައި ދިރުންއެބަހުރިކަން ބަލައިގަންނަން މަޖުބޫރިވިއެވެ. ބޮޑަށް ދިރާސާކޮށްލަން ޝައުޤުވެރިކަން އުފެދުނީ މިހާ ހިސާބުންނެވެ. މަގޭ ލާނެއް ސިކުނޑީގައި ސުވާލުތަކެއް އުފެއްދީމެވެ. އެއީ އަނެއްކާ ޅެންވެރިޔާގެ ޙަޔާތާ ގުޅުންހުރި ލަވައަކީބާވައެވެ. މިލަވައިގައި އެ ސިފަކުރައްވަނީ ވަކިން ޚާއްޞަ މީހެއް ބާވައެވެ. ޖަވާބެއް ހޯދުމަށް ފެންތަށި މުޙައްމަދު ޚަލީލާ ގުޅާލީމެވެ. މި ލަވައިގެ "ވާހަކަ" އެނގުނީ އެހާ ހިސާބުންނެވެ.

އެއީ އައްޑިހައިގެ އަހަރުތަކެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ޅަފަތުގައި ސިފައިންގޭގައި ބޭންޑެއް އުފެއްދިއެވެ. ބޭންޑުގެ މެންބަރުންގެ އެއް މަޤްޞަދަކަށްވީ، ދިވެހިންގެ އަމިއްލަ ރާގުތަކެއް ޢާއްމުކުރުމެވެ. އެގޮތުން، ގޮތްބަލާލުމަށް، ފެންތަށި މުޙައްމަދު ޚަލީލު އެކުލަވާލި ރާގަކަށް، ހަމަ އޭނާގެ ޅެމެއް، އެ ރީތި އަޑުން އިއްވައިދިނީ "ބުލްބުލް އެހީދޭނުހޭ"؟ އަހާ ސުވާލެއް ކުރައްވަމުންނެވެ. އެ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ދިވެހި ރައްޔިތުން ތިބީ ދިވެހި އަމިއްލަ ރާގާއި ލަވަތައް ބަލައިގަންނަން ތައްޔާރަށެވެ.

ޚަލީލު ވިދާޅުވާ ގޮތުން "ކަސަބުން ބޯވަޅު ކުރި ޖަރީ ހެދުން" މި ލަވައަކީ، އަންހެނެއްގެ ތަޢުރީފުގައި ފިރިހެނަކު ކިޔާ ލަވައެކެވެ. އެއީ ވަކި ޚާއްޞަ މީހަކަށް ނިސްބަތްކުރައްވާ އަމުނުއްވާފައިވާ ޝުޢޫރުތަކެއް ނޫނެވެ. އެހެން ނަމަވެސް "ބުޑުފިއްތި އާއި ލޯޕައްޓާ"ގެ ޒަމާނުގައި ކަސަބު އެޅި ލިބާސް އެޅީމާ ދިވެހި އަންހެނުންގެ ގައިގައި އެ ހުންނަ ނަލަކަން ގެއްލިދާނެއޭ ހިއްތަވައިގެން، ދިވެހި ޘަޤާފަތް ދިރުވައި އާލާކުރެއްވުމުގެ މަޤްޞަދުގައި ފާޅުކުރެއްވި ޝުޢޫރެކެވެ.

މައިގަނޑުގައި ސާދާކަމާއެކު ވިދާޅުވަނީ ކަސަބުން ބޯވަޅު ޖަރީކުރި ހެދުން ނުވަތަ ހިރުއެޅި ލިބާސް ލީމާ މާ ގަޔާވާ ވާހަކައެވެ.

"ކަސަބުން ބޯވަޅު ކުރިޖަރީ ހެދުން އަޅަމުން އަންނާށޭ

އަސަރީ ލޯބިން މާ ގަޔާވެޔޭ އަވަހަށް އަންނާށޭ

ހަސަނާތު ތަރި ފަދައިން ބެބުޅުންތަކުން ފެނޭ"

ހަސަނާތު ތަރި އަކީ ފަޖުރުއްޞާދިޤުގެ ތަރި ނުވަތަ ފަޖުރު ތަރިއަށް ކިޔާ އެހެންނަމެކެވެ. ޅެންވެރިޔާ ދިވެހި ލިބާސް ލައިގެން ހުންނަ މީހާގެ ގައިގައި ހުންނަ ބެބުޅުން ސިފަކުރެއްވުމަށް އެ މިސާލު ނެންގެވީ ހަސަނާތު ތަރިންނެވެ. ހިރުއެޅި ރަތްލިބާހެއް ސިފަކޮށްލަމާހެއްޔެވެ. ރަންހިރާއި، ކުލަކުލައިގެ ބަގިޔާ އާއި ރޮދިގަނޑުގެ ވިދުވަރާއި، އަދާރަސަމް ފޮތީގައި ޖެހޭ ރޫތަކުގެ ކޮންމެ ދުޅައަކުން އެއަރާ ދަޅައާއި، ރަން ފައްޓަރުބައިގެ ވިދުމާއި، ކަންފަތުގައި ލާފައި ހުންނަ މުތީގެ އަލިކަމާއި، އުޅާބަޔާއި ތަކަހޮޅިއަށް އަލިއެޅޭ ކޮންމެ ފަހަރަކު އެ ވިދާލާ ގޮތާއި ރުމާފަޅި ޒީނަތްތެރިކުރަން ޖަހާފައިވާ ގޮފިތަކާއި ދަތިތަކުގެ ވިދުވަރު އެކުލެވުމުން، ބަބުޅާ ތަރިއެއް ސިފަނުވާނޭ ހެއްޔެވެ؟

”މަގުގާ ހިނގާފައިދާއިރު ފޭލީގެ ކަންގަނޑުގެ ހަމައިން

އަޑުރީތި ފައްޓަރުބަޔަކާ ދެ އުޅާގަނޑުން ކީރާގުން

އެކުގާ ފަރިހި ބަޅިނދާ ކޮކާ ކިޔަމުން ދެޔޭ ނަށަމުން"

މިއީ އަޑުތަކަކާއި ފެންނަ މަންޒަރުތަކެއް އެކުލަވާލައިގެން ސިފަކުރުމުގެ ވަރަށް ރީތި މިސާލެކެވެ. "ފޭލީގެ ކަންގަނޑުގެ ހަމައިން"ނޭ ބުނާ ހިނދުން، ފޭލި އަނދެފައި އޮންނައިރު، އެއް ކަން މިނިވަންކަމާއެކު ވިހުރޭ ވިހުރުން ސިފަވެގެންދެއެވެ. ހިނގާލާފައި ދާއިރު، ފައިގެ ލެނބުންތަކާއެކު، ފޭލީގެ އެ ކަންގަނޑު ވަކި ހަމައަކަށް ވިހުރެމުން އައިސް ކުޑަކަޅުވައިގައި ބީހޭ މަންޒަރު ސިފަވެގެންދެއެވެ. ދެން މި ވިދާޅުވަނީ، ކަރުގައި އޮންނަ ފައްޓަރުބަޔާއި ދެ އުޅާ ގަނޑު އެ ހަމައަށް ރާގުޖަހައިދޭ ވާހަކައެވެ. ތެދެކެވެ. ހިނގާލާއިރު އަތް ހޫރެމުންދާ ހަމައިން އުޅާބައި އެކަތި އަނެކައްޗާ ޖެހި ތާލެއް ޖަހައިދެއެވެ. ފައްޓަރުބައިގެ ފަށްތަކާއި ފޮތިތައް ލިބާހުގެ ބޯވަޅުގައްޔާއި ފޮތިގަނޑުގައި ހޭކެމުންދާއިރު، މަޑު ގިގުންޏަކުން ގޮވާ ކަހަލަ އަޑެއް ހުންނާނެއެވެ.

"އޭރު އަޅާބެ ތަކަހޮޅި އާއި އުޅާ- އެވެސް އަޅައިގެން ހެދުން ފުރިހަމަވާނީ. އެ ދޭތީގެ އަޑު ކިޔަމުންދާއިރު 'ޓައް ޓައް ޓައް ޓަޓައް' ހަމައެއްހެން ހުންނާނެ" ޚަލީލް ވިދާޅުވިއެވެ.

އެ "ރާގު" އަޑުއަހައި ލަވަކިޔައި ނަށަމުން އެދަނީ ބަޅިނދާއި ކޮކާލެވެ. ހާދަހާވާ ރީތި މަންޒަރެއް ލޯމައްޗަށް ސިފަވެގެންދެއެވެ. ޅެންވެރިކަމުގެ މުހިއްމު އުކުޅެއްކަމަށްވާ އޮނޮމެޓޮޕިޔާގެ މިސާލެކެވެ. އޮނޮމެޓޮޕިޔާއަކީ، ދިރޭތަކެއްޗާއި އެ ނޫންތަކެތީގެ އަޑުތައް ސިފަކުރުމުގައި ބޭނުންކުރުންކަމަށް ބުނެވިދާނެއެވެ. އެހެންކަމުން މި ކަޑީގައި އެ ވިދާޅުވާ، ފޭލީގެ ކަންގަނޑުގެ ހަމަ، ދެ އުޅާބަޔާއި ފައްޓަރުބައިގެ ރާގު ފަދަ ސިފަކުރުންތަކުން، އެ ތަކެތީގެ ފެންނަން ހުންނަ ސިފަތަކުގެ އިތުރުން، މިހާގެ ހަރަކާތާއެކު އެއިން އިވޭ އަޑުތަކަށް އަދި އުފައްދާ ހަމަތަކަށް މީހާގެ ސަމާލުކަން ދީލުވާލައެވެ.

މިއީ އަޅުގަނޑުމެންގެ އަވައްޓެރި ޤައުމުތަކުގައިވެސް ޅެންވެރިން ގެންގުޅުއްވާ އުކުޅެކެވެ. ހަމައެކަނި އުޅަޔާއި ތަކަހޮޅީގެ އަޑުތަކުން މިއުޒިކު ކުޅެނީކީ ނޫނެވެ. ސާޅީގެ ކަންގަނޑާއި، ތަނޑުތަކުން ވާހަކަވެސް ބުނާ ހިސާބަށް ދެއެވެ. "ކަބީ ޚުޝީ ކަބީ ޣަމް"އިން މަޝްހޫރުވި ލަވަ "ބޯލެ ޗޫޅިޔާ ބޯލެ ކަންގްނާ"ގައި ތަކަހޮޅި އާއި ތަނޑުތައް ވާހަކަދައްކަނީއެވެ. އެތައް ލަވައެއްގައި އަޅާފައިހުންނަ ދޯޕައްޓާގެ ނުވަތަ ސާރީގެ ކަންގަނޑު ނުވަތަ "ޕައްލޫ" ނަށާނެއެވެ. މިއުޒިކު ކުޅޭނެއެވެ.

ލަވައިގެ ދެވަނަ ކަޑީގައި ވަނީ ތަފާތު ބާވަތެއްގެ ސިފަކުރުންތަކެކެވެ. މި ފަހަރު އަޑުތަކެއް ނޫނެވެ. ޝާޢިރުގެ ލަފުޒުތަކުން ކުރައްސަވަނީ ދިވެހި ލިބާހަށް އިތުރު ފުރިހަމަކަން ގެނުވައިދޭ ސިފަތަކެވެ.

"ފަރިކަން އެވާ އިސްތަށިތައް ފަޅިއިން ރުމާ ބަނދެލާފާ

އަލި ރަންމުތީގެ ވިދުންތައް ތުނި ކަންފަތުން ފެނިލީމާ

ދަތިހިތް މަދެން ކުރުވާ ގޮތުން ދެވިދާނެ ހިތް މި ނަގާ"

ރީތި އިސްތަށިގަނޑު ރުމާފަޅިއަކުން ބަނދެލާފައި ހުންނައިރު އެ ފެންނަ ގޮތެވެ. ރަންކުލައިގެ ކަންފަތުލާ އެއްޗެއް އޮޅަލި ކުލައިގެ ކަންފަތުގައި ލާފައި ހުންނައިރު، ކަންފަތު ފޫޅުގަނޑާ ދިމާލުން އެ ވިދާލާ ގޮތެވެ. އިސްތަށިގަނޑު ބަނދެލާފައި އޮތްއިރުވެސް ޅެންވެރިޔާގެ ހިތް ދެވިދާނެ ފަދައޭ ވިދާޅުވުމުން، އެ އިސްތަށިގަނޑުގައި އެ ރުމާލުގެ ހިފެހެއްޓުން ނެތްނަމަ ދެން ވީހީ ކިހިނެތްބާއޭ ހިތާހިތުން ސުވާލުކޮށްލެވެއެވެ.

ފުރަތަމަ ކަޑީގައި އަޑުތަކަށް ސަމާލުކަން ގެނުވިއެވެ. ދެވަނަ ކަޑީގައި ފެންނަ މަންޒަރަށެވެ. ތިންވަނަ ކަޑީގައި އެއަށްވުރެ ފުނަށެވެ. ލިބާހުގައި ހުންނައިރު، އެ ފެންނަ ފާޑުވެރިކަމަށެވެ.

"ބަނޑިޔާ ކިހިލިލާ ދާއިރު ސޫރަވި ނަމޫނާ ތެދެކޭ

ބަގިޔާގެ ފަންނީ ހުނަރުން ސިހުމެއް ލިބުން މީކަމެކޭ

ބަނދި ރައިވަރުން ލިޔެ ޝާޢިރުން ފުރިދާ ޚަޒާނާއޭ"

މަންޒަރު ފުރިހަމަ ވަނީ ދިވެހިވަންތަ ގެވެހިކަންވާރެއް ކަމުގައިވާ ބަނޑިޔާ ކިހިލީގައި ހުރީމައެވެ. މަޑުމަޑުން ހަނދާނަށް އަންނަނީ ވަރަށް މަޝްހޫރު ފޮޓޯގަނޑެކެވެ. ފޮޓޯ ނެންގެވި ބޭފުޅެއްވެސް އަދި ފޮޓޯގައި އެ ފެންނަ ބޭފުޅެއްވެސް އަޅުގަނޑަކަށް ނޭނގެއެވެ. އެހެންނަމަވެސް މި ލަވައިގެ މި ހިސާބަށް ދާއިރު، އަޅުގަނޑަށް ސިފަވަނީ މި ދަންނަވާ ފޮޓޯގަނޑެވެ.

ދިވެއްސެއް ލިބާހެއް ލައިގެން ފޮޓޯއަކަށް ހުއްޓިލެވޭނެ އެންމެ ފާޑުވެރި އެއް ގޮތަކީ އެއީއެވެ. ބަނޑިޔާއެއް ކިހިލިޖަހާލައިގެން ދުރަށް ހިނގަމުން، ކޮނޑުމަތުން ފަސްދީ ބަލާލަމުންނެވެ. ނުވަތަ ފައްޓަރުބައިގައި ހިފަހައްޓާލައިގެންނެވެ. ބަގިޔާ އަކީ ތޯއެވެ؟ އެއީ ދިވެހި ލިބާހުގެ ބޯވަޅުއަޅާއިރު، އަނބުރާ ހަރުކޮށްފައި އޮންނަ ރޮއްޖަކުން، ދެހިރު ދޭތެރޭގައި ފިތިފައި ހުންނަގޮތަށް ޖަހާ މަޅިތަކެކެވެ. ބޯވަޅު ފުރިހަމަ ވަނީ ހިރާއި ބަގިޔާ އާއި ރޮދިގަނޑު ވަކި ތަރުތީބަކުން "އިންދީމަ"އެވެ. މި ފަންނަކީ އަދި ގަތާފަޔެއް ކައިރީ އިށީންނަ ކޮންމެ ކޮންމެ މީހަކަށް އެހާ ފަސޭހައިން ދަސްވާ ކަމެއް ނޫނެވެ. އެއީ ވަކި ހުނަރެކެވެ. އެތައް ދުވަހަކުން ދަސްވެނިވާ ފަންނެކެވެ. ލަވައިގެ މި ކަޑީގައި މި ތާރީފުކުރަނީ ބަނޑިޔާ ކިހިލިޖަހާލައިގެން، ހިރުއެޅި ލިބާހެއް ލައިގެން ހުރި އަންހެނަކަށް އެކަންޏެއް ނޫނެވެ. އެ ލިބާހުގެ ބޯވަޅުއަޅައި ކިނާރީ ގަތައި އެ ލިބާސް ފުރިހަމަ ކުރި ފަންނުވެރިޔާއަށްވެސް މެއެވެ.

ތެދެކެވެ. އައްޑިހަ އަދި ނުވަދިހައިގެ އަހަރުތަކުގައި ދިވެހީން ދިވެހި ޘަޤާފީ ހެދުން އެޅުން ވަމުންދިޔައީ ކުރަން ލަދުގަންނަ ކަމަކަށެވެ. އެހެންނަމަވެސް ދެހާހުގެ އަހަރުތަކުގައި ޚަލީލު ދެކިލެއްވި ހުވަފެނުގައި ކުލަޖެހިއްޖެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. މިއަދުގެ ދިވެހި ޒުވާން އަންހެނުން ލިބާސް ލަނީ ފަޚުރުވެރިކަމާއެކުގައެވެ. ކާވެނި ޙަފުލާތަކާއި، ރަންކިޔުމާއި، ދަސްވެނިވުމާއި މި ނޫންވެސް މުނާސަބާތަކުގައި ނަލަހެދިލުމަށް ލިބާސްލުމަކީ މިއަދު ދިވެހިން ފަޚުރުވެރިވާކަމެކެވެ. ޒަމާނާއި ހޭލުންތެރިކަމާއެކު އައި ކުދި ބަދަލުތަކާ އެކުގައިވިޔަސްމެއެވެ. ހަމަ ހަޤީޤަތުގައިވެސް ދިވެހިން ލުމަށް ކަސަބުން ބޯވަޅު ޖަރީކުރި ލިބާހާ އެއްފަދަ ދެވަނަ އެއްޗެއް ނެތެވެ.