Advertisement

ރަށު ނޯޓު: ރަކީދޫއަށް ދިރުން ގެނައުމުގެ އުއްމީދުގައި

18 ފެބުރުވަރީ 2023 - 13:58 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ވ. ރަކީދޫ އަތިރިމަތިން ނަގާފައިވާ ފޮޓޯއެއް: މިއީ އާބާދީގެ މީހުން މަދު ރަށެއް -- ފޮޓޯ: ހަސަން ޒަރީރު


ރަށު ނޯޓު: ރަކީދޫއަށް ދިރުން ގެނައުމުގެ އުއްމީދުގައި

18 ފެބުރުވަރީ 2023 - 13:58 1

މީގެ އެތައް އަހަރެއް ކުރިން އެހެން ރަށްރަށުގެ މަސްވެރިން ވެސް އެ ރަށުގައި ބަނޑަހަޖަހައިގެން ތިއްބެވެ. ނަމަވެސް، މިއަދު ދިރުން ފަނޑުވެ، ރަށުގައި ދިރިއުޅެނީ އާބާދީގެ އެންމެ 18 ވަރަކަށް ޕަސެންޓު މީހުންނެވެ.

އެންމެ ހަތަރު ހެކްޓަރުގެ ވ. ރަކީދޫ އަށް ދެވިފައިވާ އިނގިރޭސީ އަކުރާއި ނަންބަރަކީ ޖޭ-5 އެވެ. ރަށުގެ އާބާދީ 370 އަށް އެރިޔަސް، ދިރިއުޅެނީ 70 ވަރަކަށް މީހުންނެވެ. އެއީ ވެސް އެކި ސަބަބުތަކާއި ހުރެ ރަށުގައި "ތާށިވެފައި" ތިބި މީހުންނެވެ.

ރަށުގައި ދިރިއުޅޭ ޒުވާނުންނާއި ހަރުފުރައިގެ މީހުން ތިބީ ކައުންސިލާއި ސްޓެލްކޯ އާއި ސިއްހީ މަރުކަޒާއި ސަރުކާރުގެ އެހެން ވަޒީފާތަކުގަ އެވެ. ދެން ތިބި ބަޔަކީ އުމުރުން ދުވަސްވެފައި ތިބި މީހުންނެވެ.

ރަކީދޫގެ އުމުރުން ދުވަސްވީ މީހުންނަށް މިއަދު އެ ފެންނަނީ އެޒުވާން އުމުރުގައި ފެނުނު ރަށެއް ނޫނެވެ. މިހާރު ރަށުގައި ދިރުމެއް ނެތެވެ. ކިޔެވުމަށްޓަކައި ސްކޫލަށް ދާނެ ދަރިވަރުން މަދުވަމުން ގޮސް، ސްކޫލުގައި ކިޔަވައި ދިނުން ހުއްޓައިލިތާ އެތައް އަހަރެއް ވެއްޖެ އެވެ.

"ސަބަބަކީ ރަށުގައި ވަޒީފާ އަށާއި ދަރިންނަށް ކިޔަވައި ދިނުމަށް މާލެ އާއި އަތޮޅުގެ އެހެން ރަށްރަށަށް މީހުން ބަދަލުވުން. މިހާރު ރަށުގައި ތިބީ 70 ވަރަކަށް މީހުން،" ރަކީދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް، އެއްވެސް ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ވަނީ އެ ކުޑަކުޑަ ރަށުގައި އަގުބޮޑު ބަނދަރެއް ހަދައިފަ އެވެ. ނަރުދަމާ އާއި ފެންހޮޅި އެޅުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. ފުޓްސަލް ދަނޑު ހެދުމަށް އިއުލާނުކުރާ ހިސާބު އޮތްއިރު، ރަށުގެ ސިއްހީ މަރުކަޒުގެ ބައެއް މަޝްރޫއުތައް ވެސް އެބަ ހިނގަ އެވެ. ސްކޫލް ވެސް އަލުން ވުޖޫދަށް ގެނައުމަށް އިމާރާތެއް އެޅުމުގެ މަސައްކަތް އެބަ ކުރެ އެވެ.

އެހެންވެ، މި ރަށު ރައްޔިތުން އަދިވެސް ކުރާ އުއްމީދަކީ މަޝްރޫއުތަކާއެކު ރަށަށް ދިރުން ލިބޭނެ ކަމަށެވެ. މިހާރު ހުރި އެއް ގެސްޓްހައުސް ގިނަވެ، މިހާރު ހުރި ދެ ފިހާރައިގެ ބަދަލުގައި އިތުރު ވިޔަފާރިތައް އުފެދި، މިހާރު ހުރި ކުޑަކުޑަ ކެފޭގެ ޒަމާނީ ކެފޭތައް ރަށަށް އައުމަކީ އެމީހުންގެ އުއްމީދެވެ. މަދު ކުދިންކޮޅަކާއެކު ނަމަވެސް ސްކޫލު ވެސް އަލުން ފެށުމަކީ ވެސް ރަށު މީހުން ދެކޭ ހުވަފެނެކެވެ.

ރަތް މަހުގެ މަސްވެރިކަމަށް މަޝްހޫރު މާގުޅީ ކަނޑާ އެންމެ ކައިރީގައި އޮންނަ މި ރަށުގައި މަހަށްދާ ދޯނިތައް ކުރިން ހުއްޓަސް، މިހާރު އޮތީ އެންމެ ދޯންޏާއި އަށެއްކަ ޑިންގީ އެވެ. ރަށުގައި އާމްދަނީ ހޯދަމަށް ކުރާ މައިގަނޑު މަސައްކަތަކީ ވަޒީފާތަކަށް ދިޔުމެވެ. ނަމަވެސް ކެއުމަށާއި އާމްދަނީ ހޯދަން ބައެއް މީހުން މަހަށްދެ އެވެ. އަދި އުމުރުން ދުވަސްވީ ބައެއް މީހުން ފަންގި ވިޔެގެން އާމްދަނީ ހޯދަ އެވެ.

ރަކީދޫއަކީ އިހުގައި ސަގާފީ ކުޅިވަރު ކުޅުނު ރަށެކެވެ. ހާއްސަކޮށް ލަނގިރި ޖެހި ބައެކެވެ. މިހާރު ވެސް އިހުގެ ބައެއް ކުޅިވަރުތައް ކުޅެ އެވެ. ރަށް ކުޑަޔަސް، ރަށުގެ ހިތްގައިމުކަމާއި ހިމޭންކަމާއި ވ. އަތޮޅުގެ ފަޅާއި ފަރުގެ ރީތިކަމާއި ރަށަށް ދިރުން އަންނާނެ ކަމަށް ޝައްކެއް ނުކުރެ އެވެ.

ރަށުގެ މުހިންމު މައުލޫމާތު


ރަށުގެ ނަން: ރަކީދޫ އަތޮޅު: ފެލިދެ އަތޮޅު (ވ. އަތޮޅު) އާބާދީ: 373 އަންހެން: 192 ފިރިހެން: 181 ފިހާރަ: 2 ކެފޭ: 1 ބަނދަރު: ނިމިފައި ފެނާއި ނަރުދަމާ: ކުރިއަށް