13 ފެބުރުވަރީ 2023 - 17:14 0
މުހައްމަދު ޝަހްޒާން
މެރިން އެކްސްޕޯގެ ޕާޓުނަރުންނާ އެކު ސޮއި ކުރުމަށް ބޭއްވި ރައްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ
13 ފެބުރުވަރީ 2023 - 17:14 0
މެރިން އެކްސްޕޯގެ ބޯޓް ބިލްޑިން ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ މެރިން މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އަންނަ މާޗު މަހުގެ 15 އިން 18 އަށް ހުޅުމާލެ ސެންޓުރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މެރިން އެކްސްޕޯއަކީ 2014 އިން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑާއި ޔޫއޭއީގެ އަލްޝާލީ މެރިން ދުބާއީއާ ދެމެދު އެކުލަވާލާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ކަނޑުއުޅަނދުފަހަރު ބަނުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
އަށް ފޫޓާއި 17 ފޫޓުގެ ޑިންގީން ފެށިގެން ގޮސް 21، 24، 36 އަދި 37 ފޫޓުގެ ލޯންޗާއި 50 ފޫޓުގެ ޑައިވިން ދޯނި އަލްޝާލީން ބަނދެ ކަސްޓަމަރުންނާ ހަމައަށް ދަނީ ފޯރުކޮށްދެމުންނެވެ.
އެގޮތުން، ދަތުރުފަތުރާއި، އެކްސްކާޝަން، ޑައިވިން، އަދި ވޯޓާ ސްޕޯޓްސްއަށް ހާއްސަ އުޅަނދުތައް އެކުންފުނިން ވަނީ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.
އެގްޒިބިޓަރުންގެ ގޮތުގައި ޖުމްލަ 36 ފަރާތަކުން ބައިވެރިވެފައިވާ މިފަހަރުގެ މެރިން އެކްސްޕޯގައި ކަނޑު އުޅަނދުފަހަރު ބަނުމާއި ކާގޯ އަދި ފަސިންޖަރުން އުފުލުމާއި ލޮޖިސްޓިކްސްގެ ހިދުމަތްދޭ ކުންފުނިތަކާއި ޑައިވިން އާއި ވޯޓާ ސްޕޯޓްސްގެ އިތުރުން އެކްސްކާޝަން އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް އެގްޒިބިޓަރުންގެ ގޮތުގައި ބައިވެރިވެފައި ވެއެވެ.
މިއަހަރުގެ މެރިން އެކްސްޕޯގައި ވެސް ތަފާތު އެކި އުފެއްދުންތައް މާކެޓަށް ތައާރަފު ކުރުމާއި މިހާރު މާކެޓުގައި ހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތު ދިނުމާއި ކަނޑުދަތުރުކުރުމާއި މަސްވެރިކަން ފަދަ ސިނާއަތްތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ބައެއް ކަހަލަ އާލާތްތަކަށް އައިސްފައިވާ ކުރިއެރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ.
އޭގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ސިނާއަތާ ގުޅުންހުރި ތަފާތު އެކި މައުލޫތަކާ ގުޅޭ ޕެނަލް ޑިސްކަޝަންތަކާއި ސަރުކާރުގެ އިސްފަރާތްތަކާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ޒިޔާރަތް ކުރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ އެވެ.
މޯލްޑިވްސް މެރިން އެކްސްޕޯއަކީ ސަފާރީ ސިނާއަތުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)ގެ ރަސްމީ އިވެންޓެވެ.
Comment