Advertisement

ރަށު ނޯޓު: މ. ނާލާފުށި

11 ފެބުރުވަރީ 2023 - 13:27 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މ. އަތޮޅު ނާލާފުށި. މި ރަށުގެ އާބާދީއަކީ 500 މީހުން. -- ފޮޓޯ: އަލީ ޝާފީ


ރަށު ނޯޓު: މ. ނާލާފުށި

11 ފެބުރުވަރީ 2023 - 13:27 0

ތޮބިއީ ގޮތުން ރާއްޖޭގެ އެހެން ރަށްރަށާއި މ. ނާލާފުއްޓާ ތަފާތެއް ނެތެވެ. ބިން ކުޑަ، ބިން ތިރި ރަށެކެވެ. ނަމަވެސް މިއީ "މުސްކުޅި" ރަށެކެވެ. ރަށުގެ މާޒީ އެތައް ގަރުނަކާ ހަމައަށް މޫލައި ދެމިގެން ގޮސްފައިވާކަން ރަށުގައި ހުރި ހިރިގަލުގެ ކުޑަ މިސްކިތުން އެނގެ އެވެ. އެ މިސްކިތަށް 300 އަށް ވުރެ ގިނަ އަހަރު ވެފައިވާ ކަމަށް ބެލެވެ އެވެ. މިސްކިތުގެ ގޯތިތެރޭގައި ހިރިގަލުގެ ދެ ފެންވަޅު ވެސް ހުރެ އެވެ.

މިހާ ދިގު މާޒީއެއް އޮތް މި ރަށުގެ އާބާދީއަކީ އެންމެ 500 އެވެ. ދެހާސް ވިހި ވަނަ އަހަރުގެ ނިޔަލަށް ދޫކޮށްފައިވާ 118 ގޯތީގެ ތެރެއިން މީހުން ދިރިއުޅެމުން އައީ 85 ގޯއްޗެއްގަ އެވެ.

މ. ނާލާފުށި. -- ފޮޓޯ: އަލީ ޝާފީ


މާލެއާ 76.5 ނޯޓިކަލް މޭލުގެ ރާސްތާއެއްގައި އޮތް މ. އަތޮޅުގެ މި ރަށުގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މަސްވެރިކަން، ކޮންސްޓްރަކްޝަން، ފަތުރުވެރިކަމާއި ސަރުކާރު ވަޒީފާތަކެވެ. ނަމަވެސް, މިއީ އަތް އުރާލައިގެން ތިބެ، ލިބޭ މިންވަރަކީ ފުދޭ މިންވަރު ކަމަށް ގަބޫލުކޮށްގެން ތިބި ބައެއް ނޫނެވެ. ހީވަގި ރައްޔިތެކެވެ. މިހާރު ވެސް ރޯނު ވަށައި، ފަންވިނުމުގެ މަސައްކަތް ކުރެ އެވެ. މި ޒަމާނުގެ މެޑިކަލް ޓޫރިޒަމް ފަދައިން ނާލާފުއްޓަށް ދިވެހި ބޭސްވެރިކަމުގައި މީހުން ޒިޔާރަތްކުރެ އެވެ.

"ނާލާފުއްޓަކީ ބޭރު ރަށްރަށުން އަންނަ މެހެމާނުންނަށް ވަރަށް ފުރިހަމައަށް މެހެމާންދާރީ އަދާކުރުމަށް މަޝްހޫރު، ހިތްހެޔޮ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ،" މ. އަތޮޅު ކައުންސިލްގެ ވެބްސައިޓުގައިވާ ނާލާފުށީ ޕްރޮފައިލްގައި ބުނެފައިވެ އެވެ.

އިހު ޒަމާނުގެ ކުޅިވަރުތައް ކުޅެ، ދިރުވުމުގައި އަރައި ހުރި މ. އަތޮޅުގެ މި ނުފޫޒު ނާލާފުއްޓަށް ފޯރާފައިވާއިރު، އެރަށުގައި އިހުގެ ކުޅިވަރުގެ ތެރެއިން ބޮޑުބެރާއި ލަނގެރި ޖެހުމަކީ މިހާރު ވެސް ކުޅެ އުޅޭ ކުޅިވަރެކެވެ. ދުވަސްވީ މީހުންނާއި ޒުވާނުން ވެސް އެ ކުޅިވަރުތުގައި ހަށިގަނޑު ބަނޑިބަނޑި ކޮށްލަނީ ނުލާހިކު ފުރިހަމަ އަށެވެ.

މިވަގުތު ނާލާފުށީ ގައި ކިޔަވައި ދެމުންދަނީ ގްރޭޑު ހަޔަކާ ހަމައަށެވެ. ސްކޫލުގައި ތިބީ ފަސްދޮޅަހަކަށް ދަރިވަރުންނެވެ. ރަށުގައި ތިބެގެން ފަސޭހައިން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ސަރުކާރުން ވަނީ ނާލާފުއްޓާއި މުއްޔާއި ދެމެދު ސްކޫލް ފެރީގެ ނިޒާމް ގާއިމްކޮށްފައިވެ އެވެ. ރަށުގެ ހެލްތު ޕޯސްޓް ވެސް ވަނީ ސިއްހީ މަރުކަޒަކަށް ބަދަލުކޮށްފަ އެވެ.

ރަށުގައި ބަނދަރެއް އެބަ އޮތްވެ. ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެނީ ފެނަކައިންނެވެ. ތޭވީސް އަހަރު ވަންދެން ހިންގި ބާ އިންޖީނުގޭގެ ދިލަބަޅިން ރައްޔިތުން ސަލާމަތްކޮށް އާ އިންޖީނުގެ އެއް މިދިޔަ އަހަރު ވަނީ ހުޅުވައިފަ އެވެ.

ރައްޔިތުން އަމިއްލައަށް އިސް ނަގައިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ފާހާނާ ލައިންތައް އަޅައި ރަށުގެ އެއްވެސް ގޭބިސީއަކުން ބިމަށް ނަޖިސް ހިންދަން ނުޖެހޭ ގޮތަށް މާކުރިން އޮތީ ހަދައިފަ އެވެ. ސަރުކާރުން މިހާރު ދަނީ ނަރުދަމާ އަދި ފެނުގެ ނިޒާމް ގާއިމުކުރަން މަސައްކަތް ކުރަމުންނެވެ. އަދި މުއްޔާއި މ.ނާލާފުށި ކޯޒްވޭ އަކުން ގުޅާ ލުމަކީ ވެސް ޕްލޭންގައި އޮތް މަޝްރޫއެކެވެ.

ރަށުގެ މާޒީ އާއި ގުޅުމާއި ވެށީގެ ފުރިހަމަ ކަމާއެކު، ކުޑަކުޑަ ނާލާފުށީގެ ނަލަކަން ވަރަށް ބޮޑެވެ.

މުހިންމު މައުލޫމާތު


އަތޮޅު: މުލަކު އަތޮޅު (މ. އަތޮޅު) އާބާދީ: 530 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 6 ސްކޫލު ކުދިންގެ އަދަދު: 60 ރަށުގެ ކަރަންޓް ހިދުމަތް: ގާއިމުކޮށްފައި ބަނދަރު: ހަދާފައި ފެނާއި ނަރުދަމާ: ކުރިއަށް ފިހާރަ: 4 ކެފޭ: 2