11 ފެބުރުވަރީ 2023 - 11:34 0
އާމިނަތު ނިއުޝާ
ނައިބުރައީސް ފައިސަލް އެދިވަޑައިގަތީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަ ދެތަނުގައި ވެސް އެކަން ނުކުރުމަށް -- ފޮޓޯ: ރައީސް އޮފީސް
11 ފެބުރުވަރީ 2023 - 11:34 0
މާލެ ސަރަހައްދުގައި ޕިކުނިކު އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމު އެދިވަޑައިގެންފި އެވެ.
މިއަދު ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކުޑަގިރީގެ ސާފްތާހިރުކަމަށާއި، އެންމެންގެ ލާބައާއި މަންފާއަށްޓަކާ ހެދިފައިވާ އުސޫލުތަކަށް ބޯލެނބުމަށް އެންމެންގެ ކިބައިން އެދޭ ކަމަށެވެ. އަދި ހާއްސަކޮށް ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ފައިސަލް އެދިވަޑައިގަތެވެ.
"ރަށުގެ ސާފްތާހިރުކަމަށާއި، އަދި ރަށުގަ އެންމެންގެ ލާބައާ މަންފާއަށްޓަކާ ހެދިފައިވާ އުސޫލުތަކަށް، ހާއްސަކޮށް ސްމޯކިން، އަޅުގަނޑުމެންނަށް ރަނގަޅީ ނުބުއިއްޔާ. ހަމަ އެއްވެސް މީހަކު ސިނގިރޭޓެއް ނުބުއިއްޔާ ރަނގަޅީ. އެއީ އެންމެ ރަނގަޅު ގޮތް ސިއްހަތަށް," ފައިސަލް ނަސީމް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ ސިއްހަތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށާއި، އަދި އެތަނަށް ޒިޔާރަތްކުރާ ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
"އަޅުގަނޑުމެން ނުބޮން [ދުންފަތުގެ އިސްތިއުމާލު ނުކުރަން]، ނުވެސް ބޯނަން ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ، އެދުމަކީ އެކަންތައްތައް ނުކުރުން. އެހެން ނަމަވެސް ކޮންމެވެސް ވަރެއްގެ ޖާގައެއް އަޅުގަނޑުމެންގެ މަޝްވަރާގެ މަތިން އެއޮތީ ދީފަ. އެދުމަކީ އެ ދެތަނުގައި ވެސް ނުބުއިން," ފައިސަލް ވިދާޅުވި އެވެ.
ވަސީލަތްތައް ތަނަވަސްކޮށް ގާއިމްކޮށްފައިވާ ކުޑަގިރީގެ ދެ ސަރަހައްދެއްގައި ފިޔަވައި އެހެން ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. ކުޑަގިރީގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފްވާނަމަ އެރަށުން ބޭލުމުގެ ބާރުވެސް، ސެކިއުރިޓީންނަށް ލިބިގެންވާކަމަށް މިދިޔަ ބުރާފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޑީސީން ވަނީ ބުނެފަ އެވެ.
ކުޑަގިރީގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ނައިބުރައީސް އެދިވަޑައިގެންފައި ވާއިރު، ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ދުންފަތަށް ދެވި ހިފާފައިވާ ބައެއްކަން ދާދި ފަހުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެ ބޭނުންކުރާ މީހާއެކޭ އެއްފަދައިން ވަށައިގެންވާ މާހައުލުގާ ތިބޭ މީހުންނަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާ، އެކަމުން އަރައިގަތުމަށް އުނދަގޫ ވަބާއެކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment