Advertisement

ހަފްތާ ބަންދަށް ކުޑަގިރި ހިލޭ؛ މިއަދު ހަވީރު ބުކިންއަށް ހުޅުވާލާނެ

9 ފެބުރުވަރީ 2023 - 13:53 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކުޑަގިރި ޕިކްނިކް އައިލެންޑު؛ ދިވެހިންގެ އަތުންް ދެކޮޅު ދަތުރަށް ނެގުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25ރ. --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ހަފްތާ ބަންދަށް ކުޑަގިރި ހިލޭ؛ މިއަދު ހަވީރު ބުކިންއަށް ހުޅުވާލާނެ

9 ފެބުރުވަރީ 2023 - 13:53 0

ކުޑަގިރި ޕިކްނިކު އައިލެންޑަށް ދިޔުމަށާއި އެ ރަށް ބުކް ކުރުމަށް ހަފްތާ ބަންދުތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެއްވެސް ފައިސާއެއް ޗާޖު ނުކުރާނެކަން ހާމަކޮށް މިއަދު ހަވީރު 4:00 އިން ފެށިގެން ބުކިންއަށް ހުޅުވާލާނެކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީގެ ޕީއާރު އެންޑް މާކެޓިން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ހަފްތާ ބަންދުތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ކުޑަގިރީގެ ބުކިން ފީ އާއި ދަތުރުގެ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.

"ކުޑަގިރި ޕިކްނިކް އައިލެންޑަކީ ދިވެހި ރައްޔިތުންނަށްޓަކާ ހާއްސަކޮށް ތައްޔާރުކޮށްފައިވާ ރަށަކަށް ވާތިވެ، ހަފްތާ ބަންދު އަދި ޕަބްލިކް ހޮލިޑޭސް އެއްވެސް ދިވެއްސެއްގެ އަތުން އެއްވެސް ލާރިއެއް ނުނަގާ ކުޑަގިރިއަށް ދެވޭނެ. މާނައަކީ ބުކިން ފީއެއް ނީންނާނެއޭ އަދި ޓްރާންސްޕޯޓުވެސް އަޅުގަނޑުމެން މިދެނީ ހިލޭ," ނިއުޝާދު ވިދާޅުވި އެވެ.

ކުޑަގިރީގެ މެޕް


ނިއުޝާދު ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް ދިއުމުގެ ކުރިން އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހައްދަން ޖެހޭނެ ކަމަށެވެ. އެ ރަށަށް ދިއުމަށް މާލެ އާއި ހުޅުމާލެއިން ފުރާ ފެރީތައް ބާއްވާފައިވާއިރު، ދެ އަހަރުން ދަށުގެ ކުޑަކުދިންނަކަށް އެއްވެސް އަގެއް ޗާޖެއް ނުކުރާނެ އެވެ. ދިވެހިންގެ އަތުންް ދެކޮޅު ދަތުރަށް ނެގުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25ރ. އެވެ. އަދި، ދިވެހިންނާ އެކު ގެންދާ އެއް ބިދޭސީއަކަށް ވެސް މި އަގުގައި ދަތުރުކުރެވޭނެ އެވެ.

ކުޑަގިރި ފެރީ ޝެޑިއުލްތައް (ހަފްތާ ބަންދު)


ވޯކް ޕާމިޓް ހޯލްޑަރުންގެ އަތުން ނެގުމަށް ހަމަޖެހިފައި ވަނީ 75 ރުފިޔާ އެވެ. ފަތުރުވެރިންގެ އަތުން ޗާޖު ކުރުމަށް ނިންމާފައި ވަނީ ބޮލަކަށް 100 ރުފިޔާ އެވެ.

ކުޑަގިރީގެ އެކި ހިދުމަތްތަކުން އަގު ނަގާނެ ގޮތް މިއަދު އެޗްޑީސީން ހާމަކުރި އެވެ. އެގޮތުން، ކެއްކުމާއި ފޯނު ޗާޖުކުރުން ފަދަ ހިދުމަތްތައް ލިބޭގޮތަށް ހުންނަ "ކުޑައަށި"އަށް ޗާޖުކުރާނީ މުޅި ދުވަހު އެއްކޮށް ނަގާނަމަ 500ރ. އެވެ. ހާފް ދުވަހެއް ނަމަ 250ރ. އެވެ. "ބޮޑުއަށި" ނަގާނަމަ ޗާޖުކުރާނީ ދުވާލަކަށް 1،200ރ. އެވެ.

ކުޑަގިރީގެ ޑްރޯން ވިއު. އެ ރަށުގައި ގިނަ އަދަދެއްގެ ހިދުމަތްތައް ވަނީ ގާއިމުކޮށްފައި --- ފޮޓޯ: މިރާން ނާޝިމް/އަދަދު


ކުޑަގިރީގެ ފާހާނާ ބަރިތަކާއި، ޗޭންޖިން ރޫމު އަދި މިސްކިތެއްގެ އިތުރުން ބާބަކިއު އޭރިއާއެއް އަދި ކުޑަކުދިން ކުޅިވަރު ކުޅުމަށް ހާއްސަ ސަރަހައްދެއް ގާއިމްކޮށްފައި ވެއެވެ. މި ތަންތަން ބޭނުންކުރުމަށް އެއްވެސް ފީއެއް ނުނަަގާނެ ކަމަށް ނިއުޝާދު ވިދާޅުވި އެވެ.

ކުޑަގިރިއަށް ގޮސްއުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން:

  • ނަމާދު ގަޑިތަކުގައި މިސްކިތް ސަރަހައްދުގައި މިއުޒިކްކުޅުމާއި، އަޑުގަދަ ކުރުން މަނާ
  • އެކަކު އަނެކަކަށް އިހްތިރާމްކުރުން (އަހްލާގީ އެއްވެސް މައްސަލައެއް ޖެހިއްޖެ ނަމަ ސެކިއުރިޓީ އެޓެންޑު ވާނެ)
  • އިޖްތިމާއީ މިންގަނޑުތަކާ އެއްގޮތަށް ހެނދުން އެޅުން
  • ދުންފަތުގެ އިސްތިއުމާލުކުރުން ހުއްދަ ނޫން ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
  • ސިންގަލް ޔޫސް ޕްލާސްޓިކް ރަށަށް އެރުވުން މަނާ
  • މޫދަށް އެރުން މަނާ ސަރަހައްދުތަކަށް މޫދަށް ނޭރުން
  • ސާފްތާހިރުކަން ދެމެހެއްޓުން
  • ރަށުގެ އެއްވެސް މުދަލަކަށް ގެއްލުން ދިނުން
  • އަމިއްލަ މުދާ ބެލެހެއްޓުން
  • މޫދަށް އެރުމުގައި ކުޑަކުދިންނަށް ސަމާލުވުން
  • މަސްތުވާތަކެތި ގެންގުޅުމަކީ، އަދި ބޭނުންކުރުމަކީ މަނާކަމެއް

މި މަހުގެ 11 ވަނަ ދުވަހު ކުޑަގިރި ހުޅުވާލާނެ އެވެ. ބިން ހިއްކައިގެން ހެދި ކުޑަގިރީގެ މަސައްކަތް ނިންމާފައިވަނީ ސަރުކާރުގެ ކުންފުނިތައް ކަމަށްވާ އެޗްޑީސީ، އެމްޓީސީސީ، ފެނަކަ، އަދި ސްޓެލްކޯގެ ބައިވެރިވުމާ އެކު އެވެ.

އޭގެއިތުރުން ކުޑަގިރިޔަށް ދަތުރު ދިޔުމުގެ އިތުރުން އެ ތަނުގައި ކައިވެނި ހަފުލާތަކާއި، އުފަން ދުވަހުގެ ޕާޓީތަކާއި އެހެން ހަރަކާތްތަކާއި ކޯޕަރޭޓް އިވެންޓްތައް ބޭއްވުމަށް ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.