Advertisement

ދެވަނަ ދައުރަކަށް ރައީސް ސޯލިހުގެ ފުރަތަމަ ތަސައްވަރު؛ ނިމޭއިރު އިގުތިސޯދު ދެ ގުނަ ކުރުން

6 ފެބުރުވަރީ 2023 - 10:33 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ދެވަނަ ދައުރަކަށް ރައީސް ސޯލިހުގެ ފުރަތަމަ ތަސައްވަރު؛ ނިމޭއިރު އިގުތިސޯދު ދެ ގުނަ ކުރުން

6 ފެބުރުވަރީ 2023 - 10:33 0

ސަރުކާރުން މިހާރު ތަންފީޒު ކުރަމުންދާ މާލީ، އިގުތިސޯދީ އަދި އިޖުތިމާއީ ސިޔާސަތުތައް ބައްޓަންކުރެވިފައިވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގުތިސޯދު ދެގުނަ ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި ދެއްވަމުން އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީހުގައި ކުރިމަތިވި އެންމެބޮޑު އިގުތިސޯދީ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހުނު ތިން އަހަރު ކަމަށެވެ.

"ކުރެވުނު މަސައްކަތާ ކުރާން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރެދޭ ހަގީގަތްތަކެއް އެބަފެނޭ. ފެންނަނީ ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު އިގުތިސޯދެއްގެ މައްޗަށް ބިނާވާ މަންޒަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

އެއާ ވިދިގެން، ދެވަނަ ރިޔާސީ ދައުރަކަށް ވެރިކަން ކުރާ މައި ޕާޓީގެ ރިޔާސީ ޓިކެޓު ދާދި ފަހުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު، ކުރިއަށް އޮތް ފަސް އަހަރުގެ އިގުތިސޯދީ ތަސައްވަރުގެ މައްޗަށް ފުރަތަމަ ފަހަރަށް އަލިއަޅުވައިލެއްވި އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ އެވެ. އަދި މިއަދު ފަށައި، ހިންގާ ނިންމަމުން މިދާ މަޝްރޫއުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިގުތިސޯދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިގުތިސޯދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ވިދާޅުވި ގޮތުގައި އިގުތިސޯދު މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ.

"ސަރުކާރުން މިހާރު ތަންފީޒު ކުރަމުންމިދާ މާލީ، އިގުތިސޯދު އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ މިދެންނެވި ނަތީޖާ ހާސިލްކުރުމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ނާތީޖާ ހާސިލުވުމުން، އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާއި އާ ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރެވި، ތަފާތުތައް ނެތި ދާނެ ކަމަށެވެ.