Advertisement

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް، ސޭލްސްމަނެއް ނެތް ފިހާރައެއް!

24 ޖަނަވަރީ 2023 - 12:48 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޭޝިއަރެއް، ސޭލްސްމަނެއް ނެތް ފިހާރައެއް!

24 ޖަނަވަރީ 2023 - 12:48 3

މުޅި ދުނިޔެއަށް ނަޒަރު ހިންގާލި ކަމުގައި ވީނަމަވެސް މާލެ އަކީ އެންމެ ތޮއްޖެހުން ބޮޑު އެއް ސިޓީ ކަމުގައި ބުނެވިދާނެ އެވެ. މަގުމަތީގެ ކާރޫބާރޫ ބޮޑު ކަމުން ފެށިގެން ގޮސް އާންމު ހިދުމަތް ހޯދުމުގައި ވެސް ތޮއްޖެހިގެން އުޅެންޖެހުމުގެ އުނދަގުލާ ކުރިމަތިލާން ޖެހެ އެވެ.

ޖާގައިގެ ގޮތުން މާބޮޑު ތަނަވަސް ކަމެއް ރާއްޖެއަށް ލިބިފައި ނެތުމުން ގިނަ ހިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް އިންތިހާ އެވެ. ބައްޔެއް ވެގެން ހޮސްޕިޓަލަކަށް ދިޔަސް ޑޮކްޓަރަށް ދެއްކެނީ ބަލި ފަސޭހަވާ ފަހުންނޭ ބުނުން އެއީ ދޮގަކަށް ނުވާނެ އެވެ. ފިހާރައަކަށް އެއްޗެއް ގަންނަން ދިޔަސް އުޅެން ޖެހެނީ މިފަދަ ހާލެއްގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެސްޓީއޯއިން މިވަނީ މިފަދަ ބޮޑު އެއް މައްސަލައަށް ހައްލެއް ހޯދުމާ ގާތަށް ޖެހިލާފަ އެވެ. އެ ކުންފުނިން ރާއްޖެއަށް ތައާރަފު ކުރުމަށް ތައްޔާރުވަމުންދަނީ މީގެ ކުރިން ރާއްޖޭގައި ބޭނުން ކޮށްފައި ނުވާ ޓެކްނޮލޮޖީއެކެވެ. އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން ހިންގާ ފިހާރަ އެކެވެ. އެ ފިހާރައިގައި ކޭޝިއަރެއް، ސޭލްސްމަނުންނެއް ނުތިބޭނެ އެވެ.

"ކަސްޓަމަރު ހަމަ ފިހާރައަށް ވަދެފައި ބޭނުންވާ އެއްޗެއް ހިފައިގެން ދާންވީ، ޗެކްއައުޓު ޕުރޮސެސް އެއް ނޯންނާނެ، ހަމަ ގުރޭބް އެންޑު ގޯ ކޮންސެޕްޓު އޮންނާނީ،" އެސްޓީއޯގެ ޗީފް އިންފޮމޭޝަން އޮފިސަރު، އިސްމާއިލް މިފްރާހު ވިދާޅުވި އެވެ.

މިއީ ދިވެހިންނަށް މުޅިން އާ ކޮންސެޕްޓެއް ކަމުގައި ވީނަމަވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ. އެ ޓެކްނޮލޮޖީ ބޭނުން ކުރަން ފެށުމުން ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ހާސްބައި ކުޑަކޮށްލަދިނުމާ އެކު ފައިސާގެ މުއާމަލާތްތައް ކުރުމުގައި އަރާ އޮޅުންތައް ވެސް އެއްކޮށް ނައްތާލެވެ އެވެ.

އެ ފިހާރައިން ކުރާ ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ވެސް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެޕުގައި އެމީހެއްގެ ބޭންކު ކާޑު ރެޖިސްޓްރީ ކޮށްފައި ލޮގިންއެއް ހެދުމުން އެ ފިހާރައިން ވިޔަފާރި ކުރުމުގެ މަގު ފަހިވީ އެވެ.

"ފިހާރައަށް ވަންނަ ދޮރުގައި އިންނަ ކިއުއާރު ކޯޑު ސްކޭން ކޮށްލީމަ ދޮރު ހުޅުވޭނެ، ދެން ބޭނުންވާ އެއްޗެއްހި ނަގައިގެން ނުކުންނަތާ ސިކުންތު ކޮޅެއްގެ ތެރޭގައި އެޕުގައި އިންޓަގްރޭޓުކޮށްފައި އިންނަ ކާޑުން ފައިސާ ކެނޑޭނެ،" އޭނާ ވިދާޅުވި އެވެ.

އެ މުއާމަލާތް ކުރުމަށް ބޭނުން ކުރަނީ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގައި ހުންނަ "ޓޯކަނައިޒޭޝަން" ކިޔާ ފީޗާ އެކެވެ. އެ ފީޗާއަކީ ޕާސްވޯޑެއް ޖެހުމަކާ ނުލައި ފައިސާގެ މުއާމަލާތްތައް ކާޑުން ކުރެވޭ ރައްކާތެރި ފީޗާ އެކެވެ. ރާއްޖޭގައި އެ ފީޗާ މެދުވެރިކޮށް ހިދުމަތް ހޯދޭނީ ހަމައެކަނި ބީއެމްއެލްގެ ކާޑުތަކުންނެވެ.

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފިހާރައެއް ހިންގުމަށް އެސްޓީއޯއިން ތައްޔާރުވަމުން އަންނައިރު، އެ ފިހާރައިން ހަމައެކަނި ލިބެން ހުންނާނީ އެސްޓީއޯއިން އެތެރެކޮށް ވިއްކާ އުފެއްދުންތަކެއް ނޫނެވެ. އެތަނުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައް ވެސް ހުންނާނެ އެވެ.

އެގޮތުން އެ ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ވެސް ލިބިފައި ވެއެވެ.

"ފިހާރައިން މީހަކު އެއްޗެއް ގަންނައިރަށް އަންނާނެ ވެންޑާއަށް އެޕްލިކޭޝަނުން ނޯޓިފިކޭޝަނެއް، އެނގޭނެ މިހާރު ފިހާރައިގައި ހުރީ ތިމަންނަމެންގެ ކިހައި މުދަލެއްކަން، ރީސްޓޮކް ކުރަންވީ ކޮންއިރަކު ކަން" މިފްރާހު ވިދާޅުވި އެވެ.

ކޭޝިއާލެސް ފިހާރަ؛ ރައްކާތެރިތަ؟

2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފު ކުރި މި ޓެކްނޮލޮޖީއާ އެކު އެންމެ ގިނަ ބައެއްގެ ހިތުގައި އޭރުވެސް އުފެދުނީ ހަމަ މި ސުވާލެވެ. ކޭޝިއަރެއް ނެތް ފިހާރައެއް ރައްކާތެރިވާނެތޯ އެވެ. ފިހާރައިން ވިޔަފާރި ކުރާ މީހުންނަށް އޮޅުވާލުމުގެ ފުރުސަތު އޮންނާނެތޯ އެވެ. ނުވަތަ ބަލާލުމަށް ނަގާފައި ބަހައްޓާ އެއްޗަކަށް ޗާޖު ކޮށްފާނެބާ އެވެ.

އެ ސުވާލުގަ ޖަވާބުގައި މިފްރާހު ވިދާޅުވަނީ މިއީ އެއަށްވުރެ "ސްމާޓު" ޓެކްނޮލޮޖީއެއް ކަމަށެވެ.

"މިސާލަކަށް ފިހާރައިން ދަޅެއް ނަގާ ބޯލާފައި ބެހެއްޓިޔަސް ކެމެރާތަކަށް އެނގޭނެ، ޗާޖު ކުރާނެ، ދެން އެއް ހަރުން އެއްޗެއް ނަގާފައި އެހެން ހަރެއްގައި ބެހެއްޓިޔަސް ކެމެރާތަކަށް އެނގޭނެ އޭނަ އޭތި ނުނަގާކަން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެކިކަންކޮޅުގައި ޖުމްލަ 3000 އަށް ވުރެ ގިނަ ކޭޝިއަރު ލެސް ފިހާރަ ހިންގަމުން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ބުނެ އެވެ.

ކޮންމެއަކަސް މިއީ ދިވެހިން ކަހަލަ، ތޮއްޖެހިގެން ދިރިއުޅެން މަޖުބޫރުވެފައި ތިބި ބަޔަކަށް ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ. އެސްޓީއޯއިން މިގެނެސްދޭ ޒަމާނީ ފިހާރައާ އެކު ކުޑަތަންވެގެން މިއުޅޭ ދިރިއުޅުމުގައި ހަމަ ޔަގީނުން ވެސް ދެން އެ ފިހާރައިގެ ކައުންޓަރު ކިއުގައި ޖެހޭކަށް ނުޖެހޭނެ އެވެ.