Advertisement

އަލާމާތްތަކަށް ވުރެ ކުރިން، މީހާގެ ދަލުން ބަލީގެ ހާލަތު ބުނެދޭނެ

about 2 hours 0


އަލާމާތްތަކަށް ވުރެ ކުރިން، މީހާގެ ދަލުން ބަލީގެ ހާލަތު ބުނެދޭނެ

about 2 hours 0

މީހާގެ ހަށިގަނޑުން އޮހޮރޭ ދަލުގައި އެމީހާގެ ހަށިގަނޑުގެ ހަޔަވީ (ބަޔަލޮޖިކަލް) އެތައް ހެކިތަކެއް އެކުލެވެއެވެ. އެހެންކަމުން، އެމީހާގެ ދަލަކީ، އޭނާގެ ސައްހީ ހާލަތު ބަޔާންކޮށްދޭނެ ހެކިތަކެއް ކަމުގައި ގަބޫލުކުރަންޖެހެއެވެ. އެކަން ދެނެގަތުމަށް މީގެ ކުރިން މާ ފުޅާ ދާއިރާއެއްގައި ދިރާސާތަކެއް ހަދާފައި ނެތަސް، ދާދި ފަހުން ކުރި ދިރާސާއެއްގައި ބުނެފައިވަނީ، މީހާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފާޅުވާން ފެށުމުގެ މާ ކުރިން، އެމީހާގެ ދަލުގައި އެބަލީގެ ހެކިތައް ފާޅުވާން ހުންނަ ކަމަށެވެ.

ޖާނަލް އޮފް ފާމަޝޫޓިކަލް އެނަލިސިސްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައިވާ ގޮތުން މީހާގެ ގައިން ނުކުންނަ ދަލުން އެމީހާގެ ހަށިގަނޑުގެ ހޯމޯންތަކުގެ ހާލަތާއި ބޭނުންކުރާ ބޭސްތަކުގެ ތާސީރާއި އެނޫން ވެސް އެފަދަ އެތައް ހަގީގަތެއް، ވަގުތުން ވަގުތަށް ދެނެގަނެވޭނެ އެވެ. އެހެންކަމުން، ހަކުރު ބައްޔާއި ކެންސަރާއި ތުރުތުރުއަޅާ ބަލި (ޕާކިންސަސް) އަދި ހަނދާންނެތޭ ބަލި (އަލްޒައިމާ) ފަދަ ބޮޑެތި ބަލިތައް، އެ ބަލިތަކުގެ އަލާމާތްތައް ހަށިގަނޑުން ފާޅުވުމުގެ ކުރިން، ދަލުގެ ޒަރީއާއިން ދެނެގަނެވިދާނެ ކަމަށް ސައެންސްވެރިން ބުނެއެވެ.

އިންސާނާގެ ހަށިގަނޑުން ދާ ފޮދެއް ނެގުމަކީ، އެއްވެސް ތަދެއް ނުލިބި، އަދި ހަށިގަނޑަށް ގެއްލުމެއް ނުދީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ. އަދި މިއީ، ބަލި މީހާގެ ހާލަތު ދެނެގަތުމަށްޓަކައި އެމީހާގެ ލެޔާއި ކުޑަކަމުދާ ތަކެތި ނެގުމުގެ ބަދަލުގައި ކުރެވިދާނެ، އަދި ވަގުތުން ވަގުތަށް އެމީހާގެ ސިއްހީ ހާލަތު ދެނެގަނެވިދާނެ ގޮތެކެވެ.

މިހާރު ވެސް ބައެއް މީހުން، އެމީހުންގެ ސިއްހީ ހާލަތުން ވަގުތުން ވަގުތަށް ބެލުމަށްޓަކައި، އަތުގައި އަޅާ އެކި ޒާތުގެ އާލާތްތައް – އެޕަލް ސްމާޓް ވޮޗް ފަދަ – ބޭނުންކުރެ އެވެ. ހިތުގެ ހިނގުން، އަޅާ ފިޔަވަޅުގެ އަދަދު އަދި ލޭގެ ޕްރެޝަރު ދެނެގަތުމަށްޓަކައި އެފަދަ އާލާތްތައް ބޭނުންކުރުން މިހާރު ވަނީ ވަރަށް އާންމުވެފައެވެ.

އެފަދަ އާލާތްތަކަށް ފަރިތަވެފައިވާ މީހުން ވެސް ދެނެގަންނަންވީ، އެ އާލާތްތަކަށް ވުރެ މާ ފުރިހަމައަށް އަދި މާ ބަރާބަރަށް، ތިމާގެ ދަލުން ސިއްހީ ހާލަތު ބުނެދޭނެ ކަމެވެ. ދަލުން ތިމާގެ ސިއްހީ ބައެއް ހާލަތްތައް ދެނެގަނެވިދާނެ އާލާތްތައް މިހާރު ވެސް އުފައްދައި ބޭނުންކުރެއެވެ. އޭގެ ތެރެއިން އެކައްޗަކީ ހާއްސަ އެޕްލިކޭޝަނަކާ އެކު ބޭނުންކުރާ ގަޓޮރޭޑް ސްވެޓް ޕެޗްއެވެ. މިއީ އެއް ފަހަރު ބޭނުންކުރާ ގޮތަށް، ގައިގެ ހަންގަނޑުގައި ތަތްކޮށްލާ ސްޓީކާއެއް ފަދަ އެއްޗެކެވެ.

މި ސްޓިކާއިން އެއްކުރާ މައުލޫމާތުތައް، ހާއްސަ އެޕްލިކޭޝަންގެ އެހީގައި ތަހުލީލުކުރުމުން، އެމީހާ ދާހިއްލާ ރޭޓާއި އެމީހާގެ ހަށިގަނޑުން ސޯޑިއަމް މަދުވަމުންދާ މިންވަރު ބުނެދެއެވެ. އަދި އެކަންކަމުގެ މައްޗަށް ބިނާކޮށް ދެން ކުރަންޖެހޭނެ ކަންކަމާ ބެހޭ ގޮތުން އިރުޝާދު ވެސް ދެއެވެ.

ސައެންސްވެރިން ބުނާ ގޮތުގައި މިފަދަ އާލާތްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ގުޅުވައިގެން، ދަލުގެ ޒަރީއާއިން މިހާރަށް ވުރެ ފުރިހަމައަށް މީހާގެ ސިއްހީ ހާލަތު ވަޒަންކުރެވޭނެއެވެ.