about 10 hours 0
މުހައްމަދު ޝަހްޒާން
ބީއެމްއެލްގެ ސީއީއޯ، މުހައްމަދު ޝަރީފް -- ފޮޓޯ: ރައީސް އޮފީސް
about 10 hours 0
ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑުތަކުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ލިމިޓު ބޮޑުކޮށްދިނުމުން، ބައެއް ކަސްޓަމަރުން އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ އެ ކަސްޓަމަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލްއިން ބުނެ އިންޒާރުދީފި އެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 11 ގައި އެ ބޭންކުގެ ކާޑު ލިމިޓަށް ގެނައި ބަދަލާއެކު ދިވެހި ރުފިޔާ އެކައުންޓުތަކުގެ ޑެބިޓު ކާޑުުތަކުން ރާއްޖެއިން ބޭރުގައި ކާޑު މެޝިންތަކުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކު 1000 ޑޮލަރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޓިކެޓާއި ހޮޓެލް ބުކިން ނުވަތަ ސިއްހީ ކަންކަމަށް ފައިސާ ދެއްކުމަށް ޑެބިޓު ކާޑުތަކުން މަހަކު 3000 ޑޮލަރާ ހަމައަށް ލިމިޓު ކަނޑައަޅާފައިވާ ކަމަށެވެ.
ނަމަވެސް އެ ބަދަލުގެ ނަހަމަ ބޭނުން ބައެއް ކަސްޓަމަރުން ހިފަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
އެގޮތުން ބައެއް ކަސްޓަމަރުން، އެ މީހުންގެ ކާޑުތައް އެހެން މީހުންގެ އަތަށް ދީ، އެ މީހުން ރާއްޖެއިން ބޭރަށް ގޮސް ބޭނުން ކުރުމުގެ ހުއްދަ ވެސް ދޭކަން ފާހަގަވެފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
"އޭގެ ތެރެއިން އެކަކު 100 އަށްވުރެ ގިނަ ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވެ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓު އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓު ބޭނުން ކުރުން ވެސް ހިމެނެ އެވެ،" ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.
އެ ބޭންކުން ބުނީ އެމީހެއްގެ އަމިއްލަ ބޭނުންމަށް ދޫކޮށްފައި އޮންނަ ކާޑު އެހެން މީހަކު ބޭނުން ކުރުމަށް ދިނުމަކީ އެ ބޭންކާއެކު ކަސްޓަމަރުންވެފައި އޮންނަ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަދި އެގޮތަށް ކާޑު ލިމިޓުގެ ބޭނުން ނަގަމަގޮތުގައި ހިފާ ކަސްޓަމަރުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އޭގެއިތުރުން އެފަދަ ކަސްޓަމަރުންގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދޫކޮށްފައިވާ ލިމިޓު ކަނޑާލައި އެފަދަ މާޗެންޓުތަކުގައި ވިޔަފާރި ނުކުރެވޭ ގޮތް ހަދަންޖެހިދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ޑެބިޓު ކާޑުން ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑުކުރީ ބޭރަށް ދަތުރުކުރާ މީހުންނަށް ފަސޭހައަކަށް ކަމަށާއި އެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނީ އޭގެ ބޭނުން ނަހަމަގޮތުގައި ނުހިފާ ނަމަ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Comment