ހދ. ނޮޅިވަރަމް: މި ރަށުގެ ބޮޑުމިނުގައި 221 ހެކްޓަރު ހުރޭ. -- ފޮޓޯ: އާދަމް އަޒްމީލް
ޒުވާން އަންހެނެއްގެ އާދަޔާހިލާފު ކުއްލި މަރާ ގުޅިގެން ނިމި ދިޔަ ހަފުތާތެރޭގައި ނޫސްތަކުގެ ސުރުހީއަށް އެންމެ ގިނައިން އެރި ރަށަކީ ހދ. ނޮޅިވަރަމެވެ. މި ލިޔުމުގައި އާލާ ކުރަން މި އުޅެނީ އެ ހިތްދަތި ވާހަކަތަކެއް ނޫނެވެ. މި ފަހަރުގެ "ރަށު ނޯޓު"ގައި ގެނެސްދޭނީ އެ ރަށުގެ އާންމު މައުލޫމާތާއި ގުދުރަތީ ވެށީގެ ތޮބީއަތާއި ތާރީހާއި އާދަކާދަ އާއި މީހުންގެ އުޅުމާއި ގުޅުމެވެ.
މާލެއާ ގާތްގަނޑަކަށް 280 ކިލޯމީޓަރުގެ ދުރުގައި އޮތް 221 ހެކްޓަރުގެ ހދ. ނޮޅިވަރަމްއަކީ ރާއްޖޭގައި އެންމެ ފުރަތަމަ މީހުން އާބާދުވެ އުޅެން ފެށި ގަދީމީ އެއް ރަށެވެ. އެ ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ބީ-9 އެވެ.
އާބާދީގައި 2،800 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީގައި ހިމެނޭއިރު، ގިނަ މީހުންނަކީ ރަށުގައި އިގުތިސޯދީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ މީހުންނެވެ. އިގުތިސޯދީ މައިގަނޑު ހަރަކާތެއްގެ ގޮތުގައި ދަނޑުވެރިކަމުން ނަފާ ހޯދާ މި ރަށަކީ ޒަމާނުއްސުރެ ވެސް ތަނަވަސް ރަށެވެ. ތަނަވަސް ބަޔަކު އުޅުނު ރަށެކެވެ.
ތާރީހުން ފެންނަން އޮތް ގޮތުގައި ނޮޅިވަރަމްގައި ދިރިއުޅުނު އެ ރަށު ދޮން އަލީ ކަލޭފާނަކީ މަހުޖަނެކެވެ. އޭނައާބެހޭ ގޮތުން ހއ. އުތީމު އާދަމް އަބްދުއްރަހުމާން (އާދަމްބެ) ފަތްތޫރަ މަޖައްލާގައި ލިޔުއްވާފައިވާ މަޒުމޫނުގައި ވަނީ މިހެންނެވެ؛
"ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މުޅި ދުނިޔެއަށް އާންމުވެގެން ދިޔަ ތަދުމަޑުކަމުގެ ދަތިހާލު ދިވެހިރާއްޖެއަށް ވެސް މެދުވެރިވެފައި އޮތީ ވަރަށް ބިރުވެރި ދަރަޖައަކަށެވެ. ކާނެ އެއްޗެއް ނުލިބިގެން މަގޫފަތް ކައި އުޅުނެވެ. މި ދަތި ދުވަސްވަރު ވެސް ދޮން އަލީ ކަލޭފާނު ފަރިއްކުޅުވަނީ ކޯރާހަނޑުލުގެ ބަތެވެ. ސައިފޮދު ހިއްޕަވަނީ ކޮކޯ އަޅުވައިގެންނެވެ،"
މި ބަސްކޮޅުން އޭނާގެ އެކައުންޓުގެ ތަނަވަސްކަމާއި، ދިރިއުޅުމުގެ ފެންވަރު ސިކުނޑިއަށް ގެނެވޭނެ އެވެ.
މިއަދު ވެސް ނޮޅިވަރަމަކީ މުއްސަނދި ރަށެކެވެ. ހީވާގި ބަޔަކު އުޅޭ މާ ރަށެކެވެ. ރާއްޖޭގައި މިހާރު ވެސް އެންމެ ގިނައިން ބިލެތް ހައްދަނީ އެ ރަށުގަ އެވެ. މޭވާ އާއި ތަރުކާރީ އަދި ފަތުގެ އެކި ބާވަތްތައް ހައްދައި ވިއްކަ އެވެ.
ނޮޅިވަރަމުގެ ދެ މީހަކު ބިލެތް ކަނޑައިގެން ބިލަތްތައް ބޮނޑިއަށް ބައިކުރަނީ. -- އާދަމް އަޒްމީލް
"އާންމުކޮށް އެ ތަކެތި ވިއްކަނީ ކުޅުދުއްފުއްޓަށް ގެންގޮސްގެން ހޮނިހިރު ބާޒާރުގައި. ކޮންމެ ގެއަކަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭ،" ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސައިން ވިދާޅުވި އެވެ.
ދަނޑުވެރި ނޮޅިވަރަމްގައި ކަނޑުމަހުގެ މަސްވެރިކަން ނެތަސް، ފަރު މަހަށްދާ ކުދި ދޯންޏާއި ޑިންގީ ގެންގުޅެ އެވެ. ސަރަހައްދީ އެއާޕޯޓު އޮންނަ ހަނިމާދޫ އާއި ކުޅުދުއްފުށީ އެއާޕޯޓުން އެހެން ރަށްރަށަށް މީހުން އުފުލުމަށްޓަކައި ނޮޅިވަރަމްގައި ގިނަ އަދަދެއްގެ ލޯންޗު ގެންގުޅެ އެވެ.
މުއްސަނދި ވެއްޓެއް ލިބިފައިވާ މި ރަށުގައި ބޮޑު ކުޅިއެއް ވެސް އޮވެ އެވެ. އެހެން ރަށްރަށުން މީހުން ޒިޔާރަތްކޮށް އެ ކުޅި އަށް އެރި ހަދަ އެވެ. ޗާލު މި ރަށުގައި މިވަގުތު ގެސްޓް ހައުސްއެއް ނެތެވެ. ނަމަވެސް ރަށުގައި އާންމު ވިޔަފާރިކުރާ ތޭރަ ވަރަކަށް ތަނާއި ކެފޭތައް ހުރެ އެވެ.
ރަށުގައި 24 ގަޑިއިރު ކަރަންޓްގެ ހިދުމަތާއި ސިއްހީ ހިދުމަތް ފޯރުކޮށްދެ އެވެ. ތައުލީމު ދެނީ ގްރޭޑު 10 އާ ހަމައަށެވެ. ފެނާއި ނަރުދަމާގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ނަމަވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމުގެ ޝަކުވާ އެބަ އޮތެވެ.
ގަދީމީ ރަށަކަށް ނޮޅިވަރަމްވުމާއެކު ދިވެހި ސަގާފީ ކުޅިވަރުތައް ވެސް ކުޅެ އެވެ. ދަނޑިޖެހުމާއި ބޮޑުބެރުޖެހުމާއި ލަނގެރި ޖެހުން ހާއްސަ ދުވަސްތަކުގައި ބާއްވަ އެވެ. އެކުވެރި، އެއްބައިވަންތަ ރައްޔިތެކެވެ. ނޮޅިވަރަމުގެ ފޮތް ހުޅުވާލާއިރު އުފާވެރިކަމާއި ރައްޔިތުންގެ އުޅުމާއި ގުޅުމުގެ ވާހަކަތައް މާ ހިތްގައިމެވެ.
ރަށުގެ ނަން: ނޮޅިވަރަމް އަތޮޅު: ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ރަށުގެ ކޯޑު: ބީ 9 ރަށުގެ ބޮޑުމިން: 221.10 ހެކްޓަރު އާބާދީ: 2800 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ފިހާރަ: 13 ކެފޭ: 3 ތެޔޮ އަދި ގޭސް ވިއްކާ ތަންތަން: - ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު ސިއްހީ މަރުކަޒު: 24 ގަޑިއިރު މައުލޫމާތު: ނޮޅިވަރަމް ކައުންސިލް
Comment