މިއުނިކް (ޑިސެމްބަރު 16) - އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ސީޒަން ނިމިފައިވާއިރު، އޭނާ ނެތްތަނަށް މޮރޮކޯގެ ގޯލްކީޕަރު ޔާސީން ބޯނޯ ގެނައުމުގެ މަަސައްކަތް އެ ކްލަބުން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްކީ ކުރުމުގެ ޓުއާއެއްގައި އުޅެނިކޮށް، ނޯޔާ، 36، ފައި ބިންދައިގެން ގޮސް، އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި ސީޒަނުގައި ނޯޔާ އަލުން ދަނޑަށް އެނބުރި ނާންނާނެކަން ޔަގީންވެފައިވާއިރު، ބަޔާނުން އަންނަނީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ގޯލްކީޕަރެއް ގެނައުމަށް މަަސައްކަތް ކުރަމުންނެވެ.
ޖެނުއަރީ 20 ވަނަ ދުވަހު ޖަރުމަނު ލީގު އަލުން ފަށާއިރު، ބަޔާނުގެ އެއް ވަނަ ކީޕަރަށް އާ ކުޅުންތެރިއަކު ފެނިދާނެ ކަމުގެ އިޝާރާތެއް، ބަޔާންގެ ޗީފް އެގްޒެކްޓިވް އަދި ކުރީގެ ގޯލްކީޕަރު، އޮލިވާ ހާން ވަނީ ދީފަ އެވެ.
ސްޕެއިނާއި ޖަަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބަޔާނުން ބޭނުންވަނީ ސެވިއްޔާ އަށް ކުޅޭ ބޯނޯ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯ ގެންގޮސްދިނުމުގައި ބޯނޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބޯނޯގެ ސޮއި ހޯދަން ބަޔާންގެ ސިނިއާ އޮފިޝަލުންތަކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސްޕެއިނަށް ދާނެ އެވެ. ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، ހަސަން ސަލިހަމްދްޒިޗް ވަނީ ބޯނޯ އަކީ ބަޔާނުގެ ޓާގެޓެއް ކަމަށް އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ބީ ޓީމަށް، 2012 ވަނަ އަހަރު ކުޅުނު ބޯނޯ ވަނީ ސްޕެއިނުގެ ރެއާލް ޒަރަގޯޒާ އާއި ޖިރޯނާ އަށް ވެސް ކުޅެފަ އެވެ.
ބޯނޯ، ސެވިއްޔާއާ ގުޅުނީ 2019 ވަނަ އަހަރު ލޯން އުސޫލުންނެވެ. އެކަމަކު، އެ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމެއްގެ ސަބަބުން އެއްބަސްވުން ދާއިމީ ކުރީ އެވެ. އެއީ އެ ފަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން، ސެވިއްޔާ އިން ހޯދިއިރު، ބޯނޯ ދެއްކި މޮޅު ކުޅުމެއްގެ ސަބަބުންނެވެ. ބޯނޯ ވަނީ 2020 ވަނަ އަހަރު ސެވިއްޔާއާ އެކު ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.
ބަޔާނުން 20 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ބޯނޯ އަށް އޮފާ ކޮށްފިނަމަ ސެވިއްޔާ އިން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.












