Advertisement

ދިވެހި މަހަށް ޔޫރަޕުން ނަގާ ޑިޔުޓީ ލުއިވާނެ ކަމުގެ އާ އުއްމީދެއް

11 ޑިސެންބަރު 2022 - 22:44 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފަރެސްމާތޮޑާގައި ބޭއްވި އެކްސްޕޯގައި ހުރި ބައެއް އުފެއްދުންތައް ރައީސް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް


ދިވެހި މަހަށް ޔޫރަޕުން ނަގާ ޑިޔުޓީ ލުއިވާނެ ކަމުގެ އާ އުއްމީދެއް

11 ޑިސެންބަރު 2022 - 22:44 1

ރާއްޖޭން ޔޫރަޕަށާއި އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ އުފެއްދުންތަކުން މިހާރު ނަގާ ޑިއުޓީއަށް ލުއި ހޯދުމަށް ސަރުކާރުން ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ގދ. ފަރެސްމާތޮޑާގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބަނާ މަހަށް ހަމަ އަގު ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ތަކުރާރުކޮށް ކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފްކޯއަށް މިހާރު މަސް މި ގަންނަނީ ކިލޯއެއް 17ރ. ރޭޓުން ނަމަވެސް، ބޭރުގެ ބާޒާރުތަކުގައި ރާއްޖޭގެ ރޯމަސް ވިއްކަން މި ޖެހެނީ މިއަށް ވުރެ އަގު ހެޔޮކޮށެވެ.

"މިދެންނެވި ރޭޓުން ގަނެގެން އެއަށް ވުރެ ކުޑަ އަގެއްގައި ވިއްކަން ޖެހުމުން، މިފްކޯއަށް އެތައް ރުފިޔާގެ ގެއްލުން އެބަވޭ. އެ ގެއްލުން މި ފޫބައްދަނީ، ސަރުކާރުން މިފްކޯއަށް ފައިސާ ދީގެން،" ރައީސް ފާހަގަކުރެއްވި އެވެ.

މިއީ ވިޔަފާރު އުސޫލުން ބަލާނަމަ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު މިރޭ ވެސް ވަނީ މަހުގެ އުފެއްދުންތަކަށް ވެލިއު އެޑްކޮށްގެން ލިބޭ ނަފާ އިތުރުކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

މިގޮތުން، ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ އެންމެ ބޮޑު މާކެޓްތަކުގެ ތެރޭގައި ޔޫރަޕުގެ ގައުމުތަކާއި އިނގިރޭސިވިލާތް ހިމެނޭއިރު އެ ހުރިހާ ގައުމަކުން 24 ޕަސަންޓުގެ ބޮޑު ޑިޔުޓީއެއް ނަގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް، އެކަމަށް ލުއި ލިބޭނެ ގޮތެއް ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިއަންނަނީ އިނގިރޭސިވިލާތާއި އީޔޫއާ އެކުގައި މިކަމާ މެދު މަޝްވަރާ ކުރަމުން. މިކަމަށް މާ ދުރު ނޫން މުސްތަގުބަލެއްގައި ހައްލެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެ ކަމެއް ހައްލެއް ލިބުމުން، ދިވެހި މަސްވެރިން ބަނާ މަހަށް ހަމަ އަގު ލިބިގެންދާނެ ކަމަށް ވެސް ރައީސް މިރޭ ވިދާޅުވި އެވެ.