ރައީސް ޓްރަމްޕު އަދި ސާޖިއޯ ގޯ. އޭނާއަކީ ޓްރަމްޕަށް ލަފާ އަރުވާ އެ ސަރުކާރުގެ އިސް އޮފިޝަލެއް. މި ދަތުރުގައި އޭނާ ފުރަތަމަ ދާނީ ސްރީ ލަންކާއަށް --- ފޮޓޯ: ވައިޓް ހައުސް
އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ ރާއްޖެއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ މީޑިއާ ނޯޓެއްގައި ބުނެފައިވާ ގޮތުގައި މި މަހުގެ 19 އިން 24 އަށް ސާޖިއޯ ރާއްޖެ އާއި ލަންކާއަށް ދަތުރު ކުރައްވާނެ އެވެ. މިއީ އިންޑިއާ ކަނޑުގައި އޮތް ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ކުރާ ދަތުރެކެވެ.
"ރާއްޖެއަށް ކުރައްވާ މި ދަތުރުގައި، ހާއްސަ މަންދޫބު ގޯ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ. މި ބައްދަލުވުންތަކުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަލާމަތީ ކަންކަމުގައި އޮތް އެއްބާރުލުން ވަރުގަދަކުރުން،" ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.
އޭގެ އިތުރުން ރާއްޖޭގައި އިންފްރާސްޓްރަކްޗާ ޕްރޮގްރާމްތައް ހިންގުމާއި އިގުތިސޯދީ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް މަންދޫބުގެ ދަތުރުގައި މަޝްވަރާ ކުރައްވާނެ އެވެ.
އެމެރިކާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު މި އަހަރު އެޕްރީލް 19، ގައި ފުރޭނެ އެވެ. އެ މުނާސަބަތު ފާހަގަކުރުމުގައި ހަރަކާތްތަކެއްގައި ވެސް އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މެދުއިރުމަތީގައި އެމެރިކާ އާއި އިޒްރޭލުން ހަނގުރާމައެއް ފަށާފައިވާ ދަނޑިވަޅެއްގައި އެ ގައުމުގެ ހާއްސަ މަންދޫބަކު ރާއްޖެ ވަޑައިގަންނަވާއިރު ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް (ފޯޅަވަހި) ގެ ސިޔާދަތީ ބާރު ދޫކޮށްލުމާ ގުޅޭ މައްސަލާގައި ރާއްޖެ އާއި އެ ގައުމުގެ މަސްލަހަތު ހިމެނެ އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު އޮތް އިނގިރޭސިވިލާތުން ވަނީ އެ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފަ އެވެ. އެއީ މުއިއްޒުގެ ސަރުކާރުން ބަލައިގަންނަ ނިންމުމެއް ނޫންކަން އޮތީ ހާމަކޮށްފަ އެވެ.
އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕު ވެސް ވަނީ އެ އެއްބަސްވުން ކުރިއަށްގެންދިޔުމާ ގުޅޭގޮތުން ގެންގުޅުއްވި ސްޓޭންޑު ހަތަރު ފަހަރު ވަނީ ބަދަލުކުރައްވާފަ އެވެ. އެންމެ ފުރަތަމަ އެ އެއްބަސްވުމަށް އެމެރިކާގެ ތާއީދު އޮތްކަން ހާމަކުރެއްވި ނަމަވެސް މޮރިޝަސްއަށް ޗާގޯސް ދޫކޮށްލުމަށް އެ ޓްރަމްޕުގެ ރުހުމެއް ނެތެވެ.
ޗާގޯސްގެ ޖަޒީރާއެއް ކަމަށްވާ ޑިއޭގޯ ގާސިއާގައި އިނގިރޭިސިވިލާތާއި އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަ އެވެ. އެ މަރުކަޒު ބޮޑަށް ބޭނުންކުރަނީ އެމެރިކާއިންނެވެ. އިނގިރޭސިވިލާތުން މޮރިޝަސް އާއެކު ސޮއިކުރި އެއްބަސްވުމުގައި ކުރިއަށް އޮތް 90 އަހަރަށް ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހިންގަން މާއްދާއާއެއް ހިމަނާފައިވެ އެވެ.
މުއިއްޒުގެ ސަރުކާރުން ދެކެނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގީ ރާއްޖެއަށް ކަމަށެވެ. އެ މައްސަލާގައި އިނގިރޭސިވިލާތާއި ޗާގޯސްގެ މެދުގައި ގާއިމުކުރި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވުމަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ޗާގޯސްއަށް ރާއްޖޭން މިހާރު ކުރާ ދައުވާގައި އޮތް އެންމެ މުހިންމު ބަޔަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބޮޑު ގައްދާރުން ތެރޭ ހިމެނޭ ނުވަވަނަ ހަސަން ރަސްގެފާނު ނުވަތަ ކާފަރުވި ހަސަން ޕޯޗުގީޒުންނަށް ލިޔުއްވި ލިޔުމެއްގައި ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެފައި އޮތުމެވެ.
އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ފެބްރުއަރީ ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއެއްގައި ވަނީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރިއްޔާއަށް ތިބެވޭ ގޮތަށް އެ ތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވާފަ އެވެ.
""ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، މިހާރު ވެސް އެތަން ހިނގާ ގޮތަށް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ،" އެ އިންޓަވިއުގައި މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، އެ ޑީލާ މެދު އެމެރިކާގެ ސަރުކާރުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައި ނުވެ އެވެ. ހާއްސަ މަންދޫބު ސާޖިއޯ ގޯ ކުރައްވާ ދަތުރުގައި އަލުން އެ ޑީލު ރަސްމީކޮށް ސަރުކާރުން ހުށަހެޅުމަކީ އެކަށީގެންވާ ކަމެކެވެ.
އިންޑިއާ ކަނޑުގެ ހަމަޖެހުން ދަމަހައްޓަން ދިވެހިރާއްޖެއާ އެމެރިކާއާ ދެމެދު އޮތް ގުޅުން މުހިންމު ކަމަށް ވެސް މުއިއްޒު މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ.
""ބައެއް މީހުން ހިތަށް އަރާނެ ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމާއި އެންމެ ވަރުގަދަ އެއް ބާރާއި ގުޅުން އޮންނަން މުހިންމީ ކީއްވެވެބާވައޭ. އިންޑިއާ ކަނޑުގައި ހިނގާ މައުމާލާތް ބައިނަލްއަގުވާމީ ވިޔަފާރިއަށް މުހިންމުވެ، ރައްކާތެރިކަން ބޭނުންވޭ،" އެމެރިކާގެ ޕްރިންސްޓަން ޔުނިވާސިޓީގެ "ޑީންސް ލީޑާޝިޕް ސީރީސް"ގައި ވާހަކަ ދައްކަވަމުން ސެޕްޓެމްބަރު 2024، ގައި މުއިއްޒު ވިދާޅުވެފައިވެ އެވެ.
މި ސަރުކާރުން އެމެރިކާ އާއި ރާއްޖޭގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭއިރު ބާނި ސެންޓަރުން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ދިވެހިން އެންމެ ރުޅި އަންނަ ގައުމަކީ އެމެރިކާ އެވެ. އެ ސާވޭގައި 10 އަކުން އެމެރިކާއަށް ލިބުނީ 3.5 އެކެވެ.
އިރާން ހަނގުރާމައަށް ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ތާއިދު ހޯދުމަށް އެމެރިކާގެ ސަރުކާރުން އަންނަނީ ގައުމުތަކަށް ޑިޕްލޮމެޓުން ފޮނުވަމުންނެވެ. މި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ސަރުކާރުން އެންމެ ފުރަތަމަ ނެރުނު ބަޔާނުގައި އިރާނަށް ފުރަތަމަ ހަމަލާދިން އެމެރިކާ އާއި އިޒްރޭލުގެ ނަން ގެނެސްފައި ނުވެ އެވެ.
ހާއްސަ މަންދޫބު ސާޖިއޯ ގޯ މަސައްކަތް ކުރައްވަނި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ ދަށުންނެވެ. އެ މަގާމަށް އޭނާ އައްޔަނުކުރީ ޓްރަމްޕެވެ. ސާޖިއޯ ގޯއަކީ އެމެރިކާއިން އަވަށްޓެރި އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުވެސްމެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment