11 ޑިސެންބަރު 2022 - 17:46 0
މުހައްމަދު ޝަހްޒާން
މަޖީދީ މަގުގައި ހުންނަ އަގޯރާގެ ފިހާރަ. އެ ފިހާރަ ބަންދު ކުރުމަށް ނިންމާފައި ވަނީ މިމަހު ފަހުކޮޅު -- ފޮޓޯ: އަދަދު
11 ޑިސެންބަރު 2022 - 17:46 0
ފުޅާދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުރަތަމަ ފެށި ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި، ބްރައިޓު ބުރަދާސް އިން ހިންގާ އަގޯރާގެ އެންމެ ބޮޑު ދެ ފިހާރަ ބަންދު ކުރަން ނިންމައިފި އެވެ.
ބަންދު ކުރަން ނިންމާފައި ވަނީ އަގޯރާއިން މަޖީދީ މަގުގެ އިތުރުން ސޯސަން މަގުގައި ހިންގާ ފިހާރަ އެވެ.
އަގޯރާގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ދެ ފިހާރަ ބަންދު ކުރުމަށް ނިންމާފައި ވަނީ މި މަހުގެ ފަހުކޮޅު ކަމަށެވެ.
ނަމަވެސް މީގެ 15 ވަރަކަށް އަހަރު ކުރިން ތިން ފަންގިފިލާއެއް ހިމެނޭހެން ރާއްޖޭގައި ކުރަންފެށި ފުރަތަމަ ވިޔަފާރި، އަގޯރާގެ އެންމެ ދުވަސްވީ ދެ ފިހާރަ ބަންދު ކުރަން ނިންމާފައިވާ ސަބަބެއް އޭނާ ނުބުނެ އެވެ.
އެ ދެ ފިހާރަ ބަންދު ކުރަން ނިންމާފައި ވުމާ އެކު އެ ދެ އިމާރާތް ވެސް ކުއްޔަށް ނަގާގައި ވަނީ ރެޑްވޭވުންނެވެ. ރެޑްވޭވުގެ ދެ ފިހާރަ އެ ދެ މަގުގައި ހުޅުވުމުގެ މަސައްކަތް އެ ކުންފުނިން މިހާރު އަންނަނީ ކުރަމުން ކަމަށް ރެޑްވޭވުން ބުނެ އެވެ.
ރެޑްވޭވުގެ ވެރިޔާ އަހުމަދު ސަލީމް "އަދަދު" ނޫހަށް ވިދާޅުވީ އެ ދެ އިމާރާތުގައި އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ރެޑްވޭވުގެ ދެ ފިހާރަ ހުޅުވޭވަރު ވާނެ ކަމަށެވެ. އެހެންނަމަވެސް އެ ދެ ފިހާރަ ހާއްސަ ކުރާނީ ރެޑްވޭވުގެ ކޮން ވިޔަފާރަކަށް ކަމެއް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރެޑްވޭވް އަކީ މިހާރު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސުޕަމާކެޓުގެ ވިޔަފާރި ހިންގަމުން އަންނަ ކުންފުންޏެވެ. އެގޮތުން މާލެއާއި ހުޅުމާލެ ހިމެނޭހެން އެ ކުންފުނިން ބާރަ ފިހާރައެއް މިހާރު ވެސް ހިންގަމުންދެ އެވެ. އޭގެތެރޭގައި އިލެކްޓުރޯނިކްސްއާއި ބަދިގެ ސަމާނުގެ އިތުރުން ކާބޯތަކެއްޗާއި ހިފާގެންގުޅޭ ސާމާނު ވެސް އެ ފިހާރަތަކުން ވިއްކަމުންދެ އެވެ.
އަގޯރާގެ އެންމެ ބޮޑު ދެފިހާރަ ބަންދު ކުރުމަށް ނިންމާފައިވީ ނަމަވެސް ޗާންދަނީ މަގުގައި ބްރައިޓު ބްރަދާސް އިން ހިންގަމުން އަންނަ އަގޯރާ ފިހާރަ ހިންގަމުން ގެންދާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލް ކަށަވަރު ކޮށްދެއްވި އެވެ.
Comment