Advertisement

އިންގްލެންޑް ކޯޗުގެ މަގާމުގައި ދެމިހުރުމާ މެދު ސައުތުގޭޓް ގޮތެއް ނިންމަނީ

11 ޑިސެންބަރު 2022 - 08:04 0

އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް: ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުންނާނެ ކަމަށް ބެލެވޭ


އިންގްލެންޑް ކޯޗުގެ މަގާމުގައި ދެމިހުރުމާ މެދު ސައުތުގޭޓް ގޮތެއް ނިންމަނީ

11 ޑިސެންބަރު 2022 - 08:04 0

ދޯހާ، ގަތަރު (ޑިސެމްބަރު 11) - ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ ފްރާންސް އަތުން ބަލިވެ، އިންގްލެންޑް މުބާރާތުން ކަޓާފައިވާއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރުމާ މެދު ގޮތެއް ނިންމާނީ ހިނގާދިޔަ ކަންތައްތައް ރަނގަޅަށް ބެލުމަށް ފަހު ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

އައުރެލިން ޗުއަމެނީގެ މޮޅު ގޯލުން ފްރާންސް އިން ލީޑުނެގި ރޭގެ ކުއާޓާ ފައިނަލުގައި ހެރީ ކޭން ވަނީ ޕެނަލްޓީއެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފްރާންސް މޮޅުކޮށްދީ ސެމީ އަށް ގެންގޮސްދިން ލަނޑު ޖެހީ އޮލިވިއޭ ޖިރޫ އެވެ.

ސައުތުގޭޓް، އިންގްލެންޑްގެ ކޯޗަކަށް ހުރީ 2024 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެ، ވޯލްޑް ކަޕްގެ ސެމީ އަށް ވެސް ނުގޮސް އިންގްލެންޑް ކެޓުމުން ސައުތުގޭޓަށް މަގާމުގައި ދެމިހުރެވިދާނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ކޮންމެ މުބާރާތެއް ނިންމާފައި ވެސް އަހަރެމެން އެކުގައި އިށީނދެގެން ތިބެ، ދެން ހުރި ކަންކަމަށް މަޝްވަރާ ކުރަން. މި ފަހަރު ވެސް އެ ގޮތަށް އެކަން ހިނގާނެ. ތެދެއް، ޔަގީނުން ވެސް ވިސްނާނެ ކަމެއް އެއީ އަހަރެން މި މަގާމުގައި ދެމިހުރެގެންތޯ ރަނގަޅު ގޮތަކީ، އެއީ ވަރަށް ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް،" 52 އަހަރުގެ ސައުތުގޭޓް ބުންޏެވެ.

އިންގްލެންޑްގެ ކުރީގެ ކުޅުންތެރިން ދެކޭގޮތުގައި 2016 ވަނަ އަހަރު އިންްގްލެންޑްގެ ކޯޗުކަމާ ހަވާލުވި ސައުތުގޭޓަށް އަދިވެސް އެ ޓީމާ އެކު ކުރިއަށްދާން ވަގުތު ދޭން ޖެހެ އެވެ. އެއީ ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑަށް ގިނަ އަހަރުތަކެއް ވަންދެން ނުލިބި އޮތް ކުރިއެރުން ލިބިފައިވާތީ އެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުމުގެ އިތުރުން މިދިޔަ އަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ.

އިންގްލެންޑް ޓީމުން ކާމިޔާބު ހޯދަން ކުރަން ޖެހޭ މަސައްކަތުގައި ދެން ނަގަން ޖެހޭ ފިޔަވަޅުތައް ވެސް އެނގޭނީ ސައުތުގޭޓަށް ކަމަށް އިންގްލެންޑް ޓީމުގެ މިޑްފީލްޑަރު ޑެކްލަން ރައިސް ވަނީ ރޭ ފްރާންސް އަތުން ބަލިވި މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

ސައުތުގޭޓްގެ ކޯޗުކަމުގައި އިންގްލެންޑުން ކުޅުނު 81 މެޗުގެ ތެރެއިން 49 މެޗުން މޮޅުވިއިރު، ރޭ ފްރާންސް އަތުން ބަލިވި މެޗަކީ ސައުތުގޭޓް ހުއްޓައި، އިންގްލެންޑް ބަލިވި 14 ވަނަ މެޗެވެ.