10 ޑިސެންބަރު 2022 - 15:41 0
އަޒްލިފާ އަބްދުﷲ
މ. މަޑުއްވަރީ: މި ރަށަކީ ސަގާފީ ގިނަ ކުޅިވަރުތަކެއް ކުޅޭ ރަށެއް. -- ފޮޓޯ: ވިޒިޓް މީމު
10 ޑިސެންބަރު 2022 - 15:41 0
ދިވެހިރާއްޖޭގައި އިހު ޒަމާނުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ގުޅަމަތި ހިފުމަކީ ހާއްސަ ކުޅިވަރެކެވެ. ފިރިހެނުން ކުޅެ އުޅުނު ހެވިކަމުގެ މި ކުޅިވަރުގައި، އިދިފުށަށް އުކުމާއި، މަޑިއަށް ޖެހުމާއި، ކަކާތުން ޖެހުމުގެ އިތުރަށް ހެވިކަމުގެ އެތަކެއް ހުނަރެއް ހުރެ އެވެ. މ. އަތޮޅު މަޑުއްވަރި ފިޔަވައި ރާއްޖޭގެ އެހެން ރަށަކުން މިހާރު މި ކުޅިވަރު ނުފެނެ އެވެ. ނަމަވެސް މަޑުއްވަރީގައި އެ ކުޅިވަރު ދަންނަ މީހުން ތިބިއިރު، މިހާރު ވެސް ހާއްސަ ބައެއް ދުވަސްދުވަހު މި ކުޅިވަރު ކުޅެ އެވެ. ތާރަ ޖެހުން، ލަނގިރި ޖެހުން އަދި ދަނޑި ޖެހުން ފަދަ ކަންކަމަކީ ވެސް ވެސް ކުޑަކުޑަ މި ރަށުގެ ސަގާފަތުގެ މުއްސަނދިކަން ފެންނަ ހަރަކާތްތަކެވެ.
މާލެއާ 119 ކިލޯ މީޓަރު ދެކުނުން އޮތް މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ކޭ-9 އެވެ. އެއްދުވަސްވަރެއްގައި، ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބިން ކުޑަ ރަށުގެ ގޮތުގައި އޮތް މި ރަށުގެ ބިން ދެ ފަހަރެއްގެ މަތިން ބޮޑު ކުރެވި، މިހާރު ރަށުގެ ބޮޑުމިނަކީ 10.3 ހެކްޓަރެވެ. އާބާދީގައި ހިމެނެނީ 357 ފިރިހެނުންނާއި 358 އަންހެނުންނެވެ.
މަސްވެރިކަމަކީ ރަށު އިގުތިސޯދުގެ މައިގަނޑު ހަރަކާތެވެ. ދޮށީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަން މި ރަށުގައި ކުރެ އެވެ. މި އަތޮޅަކީ ފަރުމަހުގެ މަސްވެރިކަމުގައި ރާއްޖޭގައި އެންމެ ރަނގަޅު އެ ސަރަހައްދުކަމަށް ވާއިރު، އެ މަސްވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހުން މިރަށުގައި ވެސް ގިނަ އެވެ.
ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ދިވެހިން އާންމުކޮށް ކޮށްއުޅުނު އެކި މަސައްކަތްތަކުގެ މުބާރާތްތައް ބޭއްވިއިރު، މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން ތިން ވަނަ ހޯދާފައި ވަނީ ވެސް މި ރަށެވެ.
ރަށު ވެށީގައި ގުދުރަތީ އެތައް މުއްސަނދިކަމެއް އެބަ ހުއްޓެވެ. ފަޅުތެރޭގައި ހިމުން ވެލި ފިނޮޅާއި ބޯވެލި ފިނޮޅެއް އޮވެ އެވެ. މިޔަރު ބަލާލަން ރަށުގެ ކަނޑު އޮޅިގެ ފުއްޓަރު ފަރާތަކީ ހާއްސަ ސަރަހައްދެކެވެ. މިޔަރު ބެލުމަށްޓަކައި މިހާރު ވެސް އެ ސަރަހައްދަށް މީހުން ފީނަ އެވެ. ރަށުގެ ވަށައިގެންވާ ފަރުތަކުގެ މުއްސަނދިކަމާއި ހިތްގައިމުކަން ނުލާހިކު ޗާލެވެ.
މިއީ ހިތްގައިމު، ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ޒަމާނުއްސުރެ ވެސް ބުނެ އުޅެ އެވެ. އެގޮތަށް ބުނެ އުޅޭ އެއް ވާހަކައަކީ އެ ރަށުގެ މިސްކިތު ވަޅު ފެން ބޮއި، އެ ރަށުން ޅަކަންނެލީގެ ގަރުދިޔަ ބޮއިފި މީހަކު ދެ ވަނަ ފަހަރަށް ޒިޔާރަތް ނުކޮށް ނުހުންނާނެ ކަމެވެ.
"ހަގީގަތުގައި އެ ބުނާ ވާހަކައަކީ މިރަށަށް ޒިޔާރަތްކޮށް، ރަށުގެ ރައްޔިތުންނާއެކު ކައިބޮއެ ހަދައިފި ނަމަ އެ މީހަކަށް އެ ލިބޭ މެހުމާނުދާރީ އާއި ތަޖުރިބާ ކުރާ ހިތްހަމަ ޖެހުމުގެ ސަބަބުން ދެ ވަނަ ފަހަރަށް ވެސް އަންނާނެ ވާހަކަ،" މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާއީލް ނާފިއު ވިދާޅުވި އެވެ.
މި ރަށުގެ ރައްޔިތުންނަކީ ހީވާގި މަސައްކަތްތެރި ބައެކެވެ. ރަށު ކައުންސިލަކީ ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ފޯރި ހުރި އިދާރާއެކެވެ. ކައުންސިލުން ހަރަދުކޮށްގެން މުޅި ރަށް ސޯލާ ލައިޓަށް ބަދަލުކޮށްލުމަކީ އޭގެ ކުޑަ މިސާލެކެވެ.
"މިރަށުގެ މަގުތަކުގައި މި ދިއްލަނީ ސޯލާ ލައިޓް. މުޅި ރަށް ސޯލާ ލައިޓުން ދިއްލި ފުރަތަމަ ރަށަކަށް ވާނީ މިރަށް،" ނާފިއު ވިދާޅުވި އެވެ.
ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު، ސިއްހީ މަރުކަޒުގެ ހިދުމަތް 16 ގަޑިއިރު މިރަށުގައި ލިބެ އެވެ. ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރާއިރު، ފެނަކައިގެ އޮފީސް އިމާރާތް ބިނާކުރުން އެބަދެ އެވެ. އަދި ބޭސްފިހާރައެއް ހެދުމުގެ މަސައްކަތް ވެސް ބާރަށް ހިނގަ އެވެ.
ހިތްހެޔޮ ރައްޔިތެއްގެ ނަމޫނާ ދިރިއުޅުމުން މި ރަށަށް ގެނުވާފައިވާ ނަލަކަން ފުރިހަމަ އެވެ.
ރަށުގެ ނަން: މަޑުއްވަރި އަތޮޅު: މުލަކު އަތޮޅި (މ. އަތޮޅު) ރަށުގެ ކޯޑު: އާބާދީ: 701 އަންހެން: 358 ފިރިހެން: 357 ސްކޫލްގައި ކިޔަވައިދޭ ގްރޭޑް: 10 ފިހާރަ: 3 ކެފޭ: 2 ތެޔޮ އަދި ގޭސް ވިއްކާ ތަންތަން: 2 ަރަށުގެ ކަރަންޓް ހިދުމަތް: 24 ގަޑިއިރުު
Comment