ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--- ފޮޓޯ: މަޖިލިސް
މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފައިވަނީ 61 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވެވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގައި މިއަހަރަށް 5.8 ބިލިޔަން ރުފިޔާ ޖަހާފައި އޮތަސް، އެ ފައިސާ އަދި ހަރަދު ނުކުރާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެހެންނަމަވެސް އެ ފައިސާ ހަރަދުކޮށްފައިވާ ބަޖެޓް ކޮމިޓީގެ ރިޕޯޓުން ހާމަވާ ކަމަށް ބުނެ ބައެއް މެންބަރުންގެ ކަންބޮޑުވުން ހުއްޓެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބަޖެޓު ކޮމިޓީގެ މުގައްރިރަށް ސިޓީއެއް ފޮނުއްވާފަ އެވެ.
އެގޮތަށް އެކަން ކޮށްފައިވާ ނަމަ އެއީ މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި މިއަހަރަށް ކުރާ ހަރަދު، މަޖިލީހުން ފާސްކުރި ވަރަށް އިތުރުވަނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލުން އެކަނި ނޫންކަން ވެސް ބަޖެޓް ކޮމިޓީގެ ރިޕޯޓުން އެނގެ އެވެ.
އިތުރުވާ ހަރަދުގެ ތެރޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޭޝްފްލޯ ހަމައްސަން ދޭ ފައިސާ ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެގޮތަށް ފައިސާ ދެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން މިއަަހަރަށް އިތުރުކުރަން ހުށަހެޅި ފައިސާގެ ތަފްސީލު ދޭން، ބަޖެޓް ރިޕޯޓްގައި ހިމަނަން، ބަޖެޓް ކޮމިޓީން މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ހުށަހެޅުއްވި އެވެ.
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ އެމްޑީޮޕީ މެމްބަރު އިލްޔާސް ލަބީބު ތާއީދު ކުރެއްވި އެ ހުށަހެޅުން ފާހެއް ނުވެ އެވެ. އެ ހުށަހެޅުމަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.
Comment