21 ނޮވެންބަރު 2022 - 14:26 0
އައިޝަތު ނުޒުހާ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު؛ ވިދާޅުވީ ނަޝީދު ދައްކަވަނީ ސިޔާސީ ވާހަކައެއް ކަމަށް---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
21 ނޮވެންބަރު 2022 - 14:26 0
ރާއްޖެ ބަނގުރޫޓުވާ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަނީ ސިޔާސީ ވާހަކަތަކެއް ކަމަށް ބުނެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ނަޝީދު ވިދާޅުވީ އެފަދަ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނަށް އިންނަަވަން ޖެހިވަޑައިގެންފި ނަމަ އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.
ނަޝީދަށް ރައްދު ދެއްވައި އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބަޔަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ.
"އެކި ފަރާތްތަކުން މިވާހަކަ ދައްކަނީ އެކި ސިޔާސީ ބޭނުމުގައި, ސަރުކާރު ބަލިކަށިކޮށް, މިހާތަނަށް މި ދިމާވި ދަތި އުނދަގުލާއެކު ވެސް, ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލުމުގެ ބޭނުމުގައި،" އަމީރު ވިދާޅުވި އެވެ.
ކޮވިޑާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވި ގޮންޖެހުންތަކާއެކުގައި ވެސް އެ ދަތިކަމުން އަރައިގަތް ކަން ފާހަގަކުރައްވައި އެ ކަމުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާކަން ފާހަގަކުރެއްވި އެވެ.
"މި ދަނޑިވަޅުގައި އިގްތިސޯދާމެދު, ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށް ޓަކައި ޒިންމާދާރު މަގާމުތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ, ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރިކަމެއް،" އަމީރު ވިދާޅުވި އެވެ.
މި ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާއެކު، "އިގްތިސޯދީ ކުރިމަގު އޮތީ ފަހިކޮށް" ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރަމުން އަންނަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓަށެވެ. އެ ބަހުސްގައި މެމްބަރުންނަށް ފުރުސަތު ދެއްވުމުގެ ކުރިން އާންމު އުސޫލުން މިއަދު ވެސް ނަޝީދު ގެންދަވަނީ އެކިއެކި ވާހަކަފުޅުތައް ދައްކަވަމުންނެވެ.
އެގޮތުން، ރާއްޖޭގެ ފޮރިން ކަރެންސީ ރިޒާވް ވަރަށް ދަށް ވެފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާތަކުގައި އަސާސީ ކަންކަމަށް ހަރަދުކުރާނެ ފައިސާ ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
Comment