Advertisement

ދިގު ވާހަކަ: ކެތްކުރާނަން

14 ނޮވެންބަރު 2022 - 08:06 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ކެތްކުރާނަން

14 ނޮވެންބަރު 2022 - 08:06 0

އަށް ވަނަ ބަޔާ ގުޅޭ

"ކިހިނެއްވީ؟ ކުއްލިއަކަށް ދާން ތި އުޅެނީ ކީއްވީ؟" އަހަންނަށް އަހައިލެވުނެވެ.

ރިޔާޒުގެ މޫނުގެ މަތީގެ ކުލަވަރު ބަދަލުވާން ފެށިކަން އަހަންނަށް އެނގުނެވެ. އޭނާ ހަރަކާތްތަކުގެ ތަރުތީބު ގެއްލުނެވެ. މީހާގެ ވިންދުތައް އަވަސްވެ ނޭވާ ކުރުވެ، ދާހިތްލާ ގޮތްވަމުން ދިޔަ އެވެ. އެކަން ވަރަށް ސާފުކޮށް އަހަންނަށް ޔަގީން ކުރެވުނެވެ. ރިޔާޒު އަހަންނަށް ކަމެއް ފޮރުވަނީބާއޭ ހިތަށް އެރި އެވެ.

"އެންމެ ރަނގަޅުވާނީ މިތަނުން އަވަހަށް ދިޔައީމަ." އަނެއްކާ ވެސް ރިޔާޒު ބުނެލި އެވެ.

"ހައީ! ބޭބީ؟ ލޯންގު ޓައިމް ދޯ!" ފޮޓޯ ނަގަން އުޅުނު އަންހެން ކުއްޖާ އައިސް ރިޔާޒަށް ސަލާމަށް އަތް ދިއްކޮށްލި އެވެ.

އޭނާގެ އަތުގައި ރިޔާޒެއް ނުހިފަ އެވެ. ސަލާމަށް ޖަވާބެއް ވެސް ނުދިނެވެ. ރިޔާޒު މޫނު އަނބުރައިލީ އެވެ. އެކަން އަހަންނަށް ކަމަކު ނުދިޔަ އެވެ.

"ހައި! ހައު، ހައު؟" އޭނާގެ ސަލާމަށް ޖަވާބުދެމުން އަހަރެން ހިނިތުންވެލީމެވެ.

"ޔޫ؟" އޭނާ ނިތުން ދެތިން ސުވާލު ކޮށްލި އެވެ.

"ރިޔާޒުސް ގަރލް." އަހަރެން ވެސް އޭނާގެ ބަހުރުވައިން ވާހަކަ ކުރިއަށް ގެންދިޔައީމެވެ.

"ޖީ އެފް؟" އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ.

"ޔޭސް. ބަޓް ޕަރމަންޓް." އަހަރެން ބޭނުންވީ އޭނާ ތަޅުވާލާށެވެ.

"އޯހް. މީންސް ވައިފޭތަ؟" އެއީ ދިވެއްސެއްކަން އަހަންނަށް ޔަގީންވީ އެހައި ހިސާބުންނެވެ. "ނުވެސް ބުނެލާ."

"އަހަންނަކީ ނަޒުލިހާ! ރިޔާޒުގެ އަންހެނުން. އަދި ތައާރަފު ވެސް ނުވެވި ދޯ!" އަހަރެން އަނެއްކާ ވެސް ސަލާމަށް އަތްދިއްކޮށްލީމެވެ.

އޭނާގެ މޫނަށް ފުން ނަޒަރަކުން އަހަރެން ބަލަމުން ދިޔައީމެވެ. އޭނާގެ ބަސްމަގާއި ހަރަކާތްތަކުން ޝައްކުގެ ބައްތެލީގެ ރިޔަލުގައި ވައި ކެފެމުންދާތީ އެވެ. ބޭނުންވީ އެކަން ޔަގީންކުރާށެވެ. އަނެއްކޮޅުން ރިޔާޒަށް ހިފިނުހުރެވެންވީ ސަބަބެއް ވެސް އޮންނަންވާނެތާ އެވެ. މީހަކު ފެންނަ އިރަށް އޭނާގެ ވިންދުން ސަނދުބަރަކަ ފޮޅޭން ޖެހޭނީ ކަމެއް ވެފައި އޮތީމަ ތާއޭ ހިތްބުނެލި އެވެ.

"މީ ޓޫ ދޯ!" ބަދަލުގައި އޭނާ ވެސް ސަލާމަށް އަތްދިއްކޮށްލަމުން ހީނލި އެވެ.

"ވަރަށް ފަހުން މެރީ މި ކުރީ. ތީ ރިޔާގެ ފުރެންޑެއް ދޯ!" އަހަރެން ހިނިތުންވެލީމެވެ.

"ޔާ! އޮފީސްމެޓެއް. ކުރިން އެކުގައި އުޅެވުނު. އެކަމު ރިޔާ އޮފީހުން ކެނޑުނު ފަހުން ޚަބަރެއް ވެސް ނުވޭ! އޭރު އަހަރުމެން ވަރަށް އެންޖޯއީ ކުރިން ދޯ ރިޔާ!" އޭނާ ބަލައިލީ ރިޔާޒުގެ މޫނަށެވެ.

"އެހެންތަ؟" އަހަރެން ބުނެލީމެވެ.

"އަދި ނަން ވެސް ނުބުނެވޭ ދޯ! އަހަންނަކީ ޔަލްވީ! ޔަލްވީ ޒައިދާން! އެންމެން ކިޔާނީ ޔަލް. އެކަމަކު ރިޔާ ކިޔާނީ ޔެލް." ޔަލްވީ އަމިއްލައަށް ތައާރަފުވެލި އެވެ.

ރިޔާޒު ނުބަލަން ހުރެ ވެސް ޔަލްވީއަށް ވަށްކަޅިން ބަލަމުން ދިޔަ އެވެ. ނުސީދާ ގޮތެއްގަ އެވެ.

"ހިނގާބަލަ ތިން މީހުން ފޮޓޯއެއް ނަގަން." އެކަމުގައި އިސްވީ އަހަންނެވެ.

"ކިހިނެއް؟" ޔަލްވީ އަހައިލި އެވެ.

"ދޮންބެ ނަގާނީ! ކެމެރާ ދީ. މިހާ ދވަސްވެފަ ދިމާވީމަ ޖެހޭނެ ފޮޓޯއެއް ނަގަން." އަހަރެން ބައިލީ ދޮންބެ ކޮބައިތޯ އެވެ.

"ދޯ!" ޔަލްވީ ވެސް އަހަންނަށް ބައިވެރިވެލި އެވެ.

"ދޮންބޭ!" ދުރުގައި ހުރި ދޮންބެއަށް ގޮވާލަމުން އަހަރެން އަތުން އިޝާރާތްކޮށްލީމެވެ.

ދުވެފައި ކަހަލަ ގޮތަކަށް ދޮންބެ އައިސް ޔަލްވީ އަތުގައި އޮތް ކެމެރާގައި ހިފި އެވެ. އޭރު ވެސް ރިޔާޒު ހުރީ ހިތްހަމަ ނުޖެހިފައި ކަން އަހަންނަށް އެނގުނެވެ. އަހަރެން ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއް ބަދަލުކުރަމުން ކަންކަން ތަރުތީބު އޮޅުވަމުން ދިޔައީމެވެ. ރިޔާޒުގެ ފުށުން އެއްޗެއް ނޭނގޭނެ ކަމަށް ބަލައިގެންނެވެ. ފުރުސަތު ލިބުނީތީ ބޭނުން ހިފާށެވެ.

"ޔަލް ބުނާ ގޮތަކަށް އެތުރޭނީ! ކޯޒް ޔުއަރ އެކްސްޕަރޓް ދޯ!" އަހަރެން ބުނެލީމެވެ.

ރިޔާޒު ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ. އޭނާގެ ލޮލުން ދެތިން ވާހަކަ އެއްކޮށްލަމުން ނިތުން ދެ ތިން ރޫ ހިއްލައިލި އެވެ. ހީވާ ކަހަލަ އެވެ. އަހަންނަށް އަލިފާން ގަނޑަކާ ކައިރިވެވެނީ އެވެ. އެ އަލިފާނުގެ ހޫނުން އަހަރެން ފިހިދާނެ އެވެ. އެކަން މަނާކުރާން ރިޔާޒު އުޅެނީ އެވެ. އަހަންނަށް ކުރެވެމުން ދިޔައީ އެކަހަލަ އިހުސާސެކެވެ. ކުޑަކުދީން އަލިފާނާ ކުޅެން އުޅޭއިރު މަންމަމެން ރުޅި އައިސްގެން އެ ބުނެލާ ބަސްތައް ރިޔާޒުގެ މޫނުމަތިން އަހަންނަށް ސިފަވަމުން ދިޔަ އެވެ.

"ފިހުނީމަ ތަދުވާނެ." އެންމެފަހުން ރިޔާޒު ވައި އަޑުން ބުނެލި އެވެ.

އަހަރެން މޫނަށް ގޮތެއް ހަދައިލެވުނެވެ. ރިޔާޒު އެބުނީ ކީކޭ ކަން ނޭނގޭކަމަށް ހެދުނީމެވެ. ބަދަލުގައި ރިޔާޒު ތަކުރާރުކޮށްލި އެވެ.

"މި ބުނީ އަލިފާންގަނޑެކޭ! ނިޒޫ ފިހިދާނޭ."

ރިޔާޒުގެ ޖުމުލަ ފުރިހަމަ ނުވަނީސް ޔަލްވީ އައިސް އަހަރުމެން ކުރިމައްޗަށް ހުއްޓިލި އެވެ. އޭނާ އުޅުނީ ފޮޓޯގައި އަހަރުމެން ތިބެންވީ ގޮތް ކިޔައިދޭށެވެ.

"ރިޔާ މެދުގަ، ދެ ސައިޑްގަ ދެ ގާލް. އަސްލު މި ފޮޓޯ ވާންޖެހޭނީ ވަރަށް ސްޕެޝަލް ފޮޓޯއަކަށް!"

ޔަލްވީ އެ ބުނީ ކިހާ ބޮޑު ތެދެއްކަން އެނގޭނީ އެ ދެ މީހުންނަށެވެ. އެކަން އަހަންނަށް އެނގޭކަށް ކޮންމެހެން ލާޒިމެއް ވެސް ނޫނެވެ. ނަމަވެސް އަހަންނަށް އެކަން އެނގުން މުހިއްމު ވެސް އެބަވެ އެވެ. ރިޔާޒުގެ އަސްލު ސޫރަ އަހަންނަށް އެނގެން ޖެހޭތީ އެވެ. އޭނާގެ މާޒީގެ ފަސާނާތައް އަހަރެން ކިޔާން ޖެހޭނެތީ އެވެ.

"މަށަށް އެނގެންވާނެތަ؟" އަހަރެން ރިޔާޒުގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލީމެވެ.

"ފަހުންދޯ! ދެން މި ސަކަރާތް ޖަހަމާ! އެކަމަކު ފޮޓޯއަށް ރުޅި ނުބާލާތި." ރިޔާޒު ބުނެލި އެވެ.

"ބުޅާ ބޭރުވީތަ؟" އަހަންނަށް އަހައިލެވުނެވެ.

"ބުޅާ ނުކުމެ، ކުއްތާއަކަށް ވެގެން ވައްވައް ޖަހަންފެށީއެއްނު." ރިޔާޒު ނޫން ކަމަށް ހެދުނެވެ.

"ކޮން ސޫސޫއެއް ދެ ކުދިން؟" ޔަލްވީއަށް އަހަރުމެންގެ އަޑު އިވުނީ އެވެ.

އެހައި ހިސާބުން ދެން ޖެހުނީ ހިމޭންކަން އިސްކުރާށެވެ. ޔަލްވީ ބުނިއްޔާ ބުނިހާ ގޮތަކަށް ތިބެ އަހަރުމެން ފޮޓޯ ނެގީމެވެ. އެއްފަހަރު ރިޔާޒުގެ މޭގައި އަހަންނަށް ބޮސްދޭން ޖެހިދާނެ އެވެ. އޭނާގެ މުލައްދަނޑީގައި އަހަރެން އަތް އަޅުވާލައިގެން އޮންނާން ޖެހިދާނެ އެވެ. އެންމެފަހުން ރިޔާޒުގެ ބުރަކަށި މަތިން ކަރުގައި އަތް އަޅުވާލައިގެން އޮންނާން ޖެހުނެވެ.

އަހަންނަށް ފާހަގަކުރެވުނު އެހެންކަމެއް ވެސް އޮތެވެ. ރިޔާޒު އުޅުނީ ޔަލްވީގެ ގައިގައި ޖެހިދާނެތީ ބިރުންކަމެވެ. ނަމަވެސް ޔަލްވީ ބެލީ އަބަދުވެސް ރިޔާޒުގެ ކޮންމެ ވެސް ތަނެއްގައި ބީހެވޭތޯ އެވެ. އަހަންނަށް ހުންނަންވީ ގޮތް ކިޔައިދޭ ކަމަށް ހެދިގެންނެވެ. އޭނާގެ މޭތެރޭގައި ބޮނޑިވެލައިގެން އޮވެދާނެ އެވެ. އޭނާގެ ކޮނޑުމައްޗަށް އަރައި އޮވެދާނެ އެވެ. ޔަލްވީ ބޭނުންވީ ހަގީގަތުގައި ވެސް އޭނާގެ މުޅި ހަށިގަނޑު ރިޔާޒުގެ ގައިގައި އުނގުޅާށެވެ. އެކަމާ ރިޔާޒު ހުރީ ހިތްހަމަ ވެސް ނުޖެހިފަ އެވެ. އޭނާގެ ކޮންމެ ބީހުމަކުން އުނދަގޫ ވެފަ އެވެ. އެކަން އަހަންނަށް ވަރަށް ރަނގަޅަށް ފަހުމުވަމުން ދިޔަ އެވެ. އެނގެމުން ދިޔަ އެވެ.

"ނިމޭކަށް ނުވޭތަ؟" އެންމެ ފަހުން ރިޔާޒަށް ކެތް ނުވީ އެވެ.

"ނިންމައިލަންވީތަ؟ އަދި ނެގުނީ ސަޅި ދެ ގަނޑުވަރު ކަންނޭނގެ." ޔަލްވީ މޫނަށް ގޮތެއް ހަދައިލި އެވެ.

"ފުދިއްޖެ." އަހަރެން ބުނެލީމެވެ.

"ހިތްހަމަ ނުޖެހުނީތަ؟ މި ރިޔާޒު ހުންނާނީ ވަރަށް ނޫންކަމަށް ހެދިގެން. އެކަމަކު ސަޅި ފޮޓޯއެއް ލިބޭ އިރަށް ފޭސްބުކާއި އިންސްޓާ ފުރައިލާނެ." ޔަލްވީ ރުންކުރު ރާގެއްގައި ބުނެލި އެވެ.

"ކާކު ކުރާ ކަމެއް؟" ރިޔާޒު އަނެއްކާ ވެސް ބުނެލި އެވެ.

"މަ ތަ؟" ޔަލްވީ ލޯ އަޅައިލި އެވެ.

"އަޅެ ނިޒޫއަށް އެނގޭތަ މީނަ އިންސްޓަ އައިޑީ؟" ޔަލްވީ އަހައިލި އެވެ.

"ނޫން! އަހަރެން އެހާ ފޭސްބުކެއް ނުވާނެ،" އަހަރެން ބުނެލީމެވެ. "އަމުދުން އިންސްޓާ ގުރާމު ނުވެސް ބަލާނެ."

"އެހެންތަ؟" ޔަލްވީ ދެ ލޯ ބޮޑުކޮށްލި އެވެ.

"ކަޑަދޯ! އަހަންނަކީ އަށްޑިހައިގެ މީހެއް ކަން ނޭނގެ." އަހަރެން އަމިއްލަ ނަފުސަށް ބުނި ވާހަކަ ޖުމުލައެއްގެ ގޮތުގައި އިވުނެވެ.

"ނަސީބެއް!" ރިޔާޒު ތައުރީފުކުރީ އަހަންށެވެ.

"އެހެންތަ؟" ޔަލްވީ ހިތްހަމަ ނުޖެހިގެން ބުނެލި އެވެ.

"ކޮންކަމެއް އަސްލުވެގެން މި އުޅެނީ؟" އަހަންނަށް އޮޅޭ ގޮތްވި އެވެ.

(ނުނިމޭ)