Advertisement

ދިގު ވާހަކަ: ކެތްކުރާނަން

10 ނޮވެންބަރު 2022 - 14:54 0

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ކެތްކުރާނަން

10 ނޮވެންބަރު 2022 - 14:54 0

ހަތްވަނަ ބަޔާ ގުޅޭ

"އަދި ކިރިޔާ މިހާ ޗާލު ފޮޓޯއެއް މި ނެގުނީ." ރިޔާޒުގެ ދޮންބެ ހީނލި އެވެ.

"ފަހަތުން ވެސް ސަޅިވޭތަ؟" ރިޔާޒު އަހައިލި އެވެ.

"އެބުނާހެން." އަހަރެން ވެސް ރިޔާޒުއާ ބައިވެރިވެލީމެވެ.

"ބަލައިބަލަ! ވަރަށް ސަޅިއޭ." ދޮންބެގެ ކެމެރާގެ ސްކުރީނު އަހަރުމެންނަށް ދައްކައިލި އެވެ.

ދޮންބެ އެ ބުނީ ތެދެކެވެ. ފަހަތުން ނަގައިފައިވާ ފޮޓޯއެއް ނަމަވެސް އަހަރުމެންގެ ހަރަކާތްތަކާއި އަހަރުމެންނަށް ތިބެވުނު ގޮތް އާދަޔާ ޚިލާފަށް ރީއްޗެވެ. ރިޔާޒުގެ މުލައްދަނޑީގައި އެއް އަތް އަޅުވާލައިގެން އަނެއް އަތުން މުޅޯށީގައި ހިފައިލައިގެން ހުރެވުނު ގޮތް އާދަޔާ ޚިލާފަށް ފުރިހަމަ އެވެ.

"ހަޑި ތަ؟" ދޮންބެ އަހައިލި އެވެ.

"ނޫނޭ ހަމަ ވަރަށް ވަރަށް ފުރިހަމަ،" ރިޔާޒު ތައުރީފުކުރީ ދޮންބެގެ ހުނަރަށެވެ. "ދޮންބެ ހަމަ ކުޅަދާނައީ."

އެހައި ހިސާބުން އަހަންނަށް އެހެން ޚިޔާލެއް ލިބުނެވެ. ހަވީރުގެ ހަރަކާތްތައް ނިންމައިލުމަށްފަހު ފޮޓޯ ނެގުމުގެ ހަރަކާތެއް ރޭވުމަށެވެ.

"ހިނގައިބަލަ އަހަރުމެންގެ ފޮޓޯ ޝޫޓެއް ޖައްސައިދޭން. ދޮންބެއަށް ވާނެތަ؟" އަހަރެން އަހައިލީމެވެ.

"ކީއްވެ ނުވާންވީ؟" ސުވާލުގެ އެއްކޮޅު އަނގައިގައި އޮއްވާ ދޮންބެ ބުނެލި އެވެ. "ނުލާހިކު ރޮމޭންޓިކް، އެހައިމެ ދިވެހިވަންތަ ކަޕްލްއެއް ވިއްޔަ! ހަމަ ހޭވަލައްލާ ތައްޔާރު."

ދޮންބެގެ ސަކަރާތުގެ ބަސްމަގާއެކު ތިން މީހުންނަށް ހެވުނެވެ. އަހަންނަށް ބަލައިލެވުނީ މަގަށެވެ. މުޅި މާހައުލުގައިވަނީ އުފާވެރިކަމުގެ ކުލަ ފެތުރިފަ އެވެ. އެކި މީހުން ކޮޅުކޮޅު މައްޗަށް ދުވަމުން ހިނގަމުން ދިޔަ އެވެ. ޖޯޑުޖޯޑަށެވެ. ބައިގަނޑުގަނޑަށެވެ. އާއިލާތަކެވެ. ދެމަފިރިންނެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް ކޮންމެ ވެސް އެއްޗެއް އޮވެ އެވެ. ތަބަކެކެވެ. މުޅޯށްޓެކެވެ. އެ ޒާތުގެ ކޮންމެވެސް އެއްޗެކެވެ. އެންމެންގެ މިސްރާބު ހުރީ އަތިރި މައްޗަށެވެ. ތުނޑިއަށެވެ.

ތުނޑިއަށް ދެވުމާއެކު އަހަންނަށް ބަލައިލެވުނީ ވަށައިގެންވާ މާހައުލަށެވެ. ފަރި ހިނިތުންވުންތަކަށެވެ. ކޮންމެއަކަސް އެއީ ކަމުދާ ހިތްގައިމު ކަމެއްކަމަށް އަހަރެންގެ ހިތް ބުނެލި އެވެ. ނަފުސު ގަބޫލުކުރި އެވެ. ސަގާފީ ކަންކަމުގެ ތެރެއިން ވެސް އަހަންނަށް ވަރަށް އަޅައިގަތް ޗާލު ކަމަކަށް އެކަން ވިއެވެ.

"ނިޒޫމެން ހިސާބުގަ މި ކަހަލަ ކަމެއް އޮވޭތަ؟" ރިޔާޒު އަހައިލި އެވެ.

އޭރު އަހަރުމެން ދެ މީހުން ތިބީ ދިޔަރެސް މަތީގަ އެވެ. އަތްގުޅުވާލައިގެންނެވެ. އޮއްސެން ދޮންކުރަމުން ދިޔަ އިރާ ދިމާއަށް ބަލާށެވެ.

"ތިބުނީ ތުނޑީގައި ލޯބީގެ މާ ފޮޅުވާ އުފާ ހޯދުންތަ؟"

"ނޫނޭ! އެކަން ވެސް މިކަން ވެސް؟" ރިޔާޒު އަހައިލި އެވެ.

"އެއްވެސް ކަމެއް ނޯވޭ. ވަރަށް ވައިކޮށް އޮންނާނީ." އަހަރެން ބުނެލީމެވެ.

"އެ ޔޯ!"

"ދެން ހަމަ އިހުންސުރެ މިކަހަލަ ކަމެއް ނޯންނަނީ،" ރިޔާޒުގެ މޭގައި ލައްވެލަމުން އަހަރެން ބުނެލީމެވެ. "އަހަރުމެން ހިސާބުގައި ލޯބިވާކަން ދެއްކުން ނޯވޭ. މީހުން ތެރޭގައި އެކަހަލަ ކަންކަން ކުރުން އެ ވަރަށް އަބުއިކަމެއް. ލަދުކަމެއް. މި ބުނީ މިހެން ގައިގޯޅިވެލުން ވެސް."

"މި ކިހާ ސަޅި ކަމެއް!"

"އާނ! އަސްލު ވެސް! އެކަން ބާއްވައިފަ މި ކަން، މިބުނީ އެންމެންނާ ބައްދަލުވެ ވާހަކަ ދައްކާލެވި އެއް ސުފުރާމަތިން ކައިލެވި އެންމެން ނަލަވެގެން މިހެން އެއްވެލީމަ ހާދަ ހިތްހަމަ ޖެހުން ލިބެޔޭ ދޯ!" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

"ކޮބައިތަ ދޮންބެ؟" ރިޔާޒު ކަމެއް ހަނދާން ވެގެން ބުނާ ފަދަ ގޮތަކަށް ބުނެލި އެވެ.

"އެހަރަ އަންނަނީ!" އަހަރެން އިނގިލިން އިޝާރާތްކޮށްލީ ދުރުގައި ފޮޓޯ ނަގަމުން އަހަރުމެންނާ ދިމާއަށް މިސްރާބު ޖަހައިފައި ހުރި ދޮންބެއަށެވެ.

އޭރު އަހަރުމެންނަށް ތިބެވުނީ ތަންކޮޅެއް ދުރުގަ އެވެ. އެހެންމީހުންނާ އެކަހެރިކޮށެވެ. އެއީ ރިޔާޒު ބޭނުންވި ގޮތެވެ. އަހަރުމެންނަށް އެކުގައި އެފަދަ ވަގުތު ކޮޅެއް ނުލިބޭތީ އޭނާ ބޭނުންވީ އެ ވަގުތުކޮޅު ޚާއްޞަކޮށްލާށެވެ. އެއީ އަހަރުމެން ފަދަ ކޮންމެ ޖޯޑަކަށް ވެސް ހުއްދަ އޮންނަ ކަމެއްކަމަށް ރިޔާޒު ބުނެލި އެވެ. އަހަރުމެން ނޫނަސް ދުރުދުރުގައި މިފަދަ އެތައް ޖޯޑެއް ތިއްބެވެ. އަހަރުމެންނަށް އެތަން ފެނުނެވެ. ކޮންމެ ޖޯޑެއް ވެސް ބޭނުންވަނީ އެކަނި ވެލާށެވެ. ބައިވެރިޔާގެ އުނގުގައި ބޯ އަޅައިލާށެވެ. ނުވަތަ ފިރިމީހާގެ މޭގައި ބޮނޑިވެލާށެވެ. ލޯބީގެ އެހެން ދުނިޔެއަކަށް ދަތުރުކޮށްލާށެވެ. އުފަލާއި ހިތްހަމަ ޖެހުމުގެ ވަގުތުތަކެއް ހޭދަކޮށްލާށެވެ.

"އަހަރެން ހިޔެއް ނުކުރަން ރިޔާއަށް ކެރޭނެ ކަމަކަށް." އަހަރެން ބުނެލީމެވެ.

"ކޮބާ؟" ރިޔާޒު ހީނލި އެވެ.

"އެކަމަކު ވަރަށް ހުޝިޔާރު. ވަރަށް މޮޅު. މީހަކަށް ތަންދޮރު ނާންގައި ވެސް އަމިއްލަ މުހުތާދުގައި ފުއްޕާހަން އެލުވާލަން އެނގޭކަން މިހާރު ވިސްނިއްޖެ." އަހަރެން ޕަކަޕަކަ ލައިފައި ހީނލި އެވެ.

"އެ ކަޑަތަ؟" އަހަރެންގެ އުނަގަނޑުގައި އަތްއަޅުވާލަމުން އޭނާއާ އަހަރެން ކައިރިކޮށްލި އެވެ.

"ނޫން ސަޅި! އަހަރެން ކުޑަކޮށް ޖެހިލުންވީ! އެކަމަކު މިހާރު އެނގިއްޖެ އެ އާ ކަމެއް ނޫންކަން. މި ބުނީ އެންމެން ވެސް އެގޮތަށް އުޅޭކަން،" އަހަރެން ވެސް ބޭނުންވީ ރިޔާޒުގެ ހޫނުކަމެވެ. "ދެން އެ ވާހަކަ ބާއްވާ ދޯ."

"މިއެއްނު މީގަ ސަޅި ކަމަކީ؟" ރިޔާޒު ހިނިތުންވެލަމުން ލައިގެން ހުރި ކުރުތާގެ ގިރުވާން ރަނގަޅުކޮށްލި އެވެ.

"ސާބަހޭ! ދޮންބެއަށް ފެނުނަސް އެއީ މައްސަލައެއް ނޫނެއްނު! އަހަރެން ކުށެއް ނުކުރަމޭ!" ރިޔާޒުގެ ކަރުގައި އިނގިލި ޖައްސާލަމުން އަހަރެން ބުނެލީމެވެ.

"އާނ! އެއީ މިއަދުގެ ހަނދާން ދޯ!" ރިޔާޒު ހޭންފެށި އެވެ.

"ކޮބާ ނަގަނީ އިނގޭ! ތި ޕޯޒް ވަރަށް ސަޅި އަދި ކުޑަކޮށް ކައިރިވެ ފިތިލާ!" ދޮންބެ ބާރަށް ބުނެލި އެވެ.

ދޮންބެ އުޅުނީ އަހަރުމެންގެ ފޮޓޯ ނަގާށެވެ. އަހަރުމެންނަށް ތިބެވުނު ގޮތް އޭނާއަށް ކަމުދިޔަ އެވެ. އެ ގޮތުގައި ދެތިން ގަނޑު ނެގީމެވެ. ދޮންބެ ބުނިހާ ގޮތަކަށް އަހަރުމެން ހުއްޓުނީމެވެ. އެއްފަހަރު ރިޔާޒުގެ އުނގުގައި އޮންނަން ޖެހިދާނެ އެވެ. އަނެއް ފަހަރު ރިޔާޒުގެ ބުރަކަށްޓަށް އަރަން ޖެހިދާނެ އެވެ. ނޫނީ ރިޔާޒުގެ ފަހަތުގައި ހުންނަން ޖެހިދާނެ އެވެ. ކޮންމެ ގޮތަކަށް ހުއްޓިގެން ވެސް ތިން ހަތަރު ގަނޑު ފޮޓޯ ނަގަ އެވެ.

"ކުރުތާ ބޭލޭނެތަ؟" ދޮންބެ އަހައިލި އެވެ.

"އެޔޯ؟" ރިޔާޒު ސިހިފައި ސުވާލު ކޮށްލި އެވެ.

"ދިވެހިކޮށްލަން! ދޮންހިޔަލައާއި އަލިފުޅެއްނު ތީ! އަލިފުޅު ހުންނާނީ ހުސްގަޔާ ފޭލީގައި!" ދޮންބެ އޮޅުންފިލުވައިދިނެވެ.

"ބާލަންވީތަ؟ އޯކޭވާނެތަ؟" ރިޔާޒު ޖެހިލުންވި އެވެ.

"އޯކޭ ވާނެ! ނުފެންނާނެ،" އަހަރެން ވައި އަޑުން ބުނެލީމެވެ. "ފެނުނަސް އޯކޭވާނެ. މި ރަށުގައި އާއްމު ކަމެއްހެން ހީވަނީ ދޯ."

ރިޔާޒު ޖެހިލުންވެ ހުރެ ކުރުތާ ބޭލި އެވެ. އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެންގެ އިނގިލިތަކުން އޭނާގެ މޭމަތީގައި ފިރުމައިލަދިނީމެވެ. އިސްތަށިތައް ތަރުތީބުކޮށްލުމަށެވެ.

"ތިހެން ހުއްޓިލާ!" ދޮންބެ ބުނެލި އެވެ.

އަނެއްކާ ވެސް އެކި ގޮތްގޮތަށް ހުއްޓި ތަފާތު ފޮޓޯނަގަމުން ދިޔައީމެވެ.

"ޗީ! ވަރަށް ދެރަ ބެޓެރީ ފްލެޓްވެއްޖެ،" ދޮންބެ މޫނަށް ގޮތެއް ހަދައިލި އެވެ. "ދެ ބެޓެރި ވެސް އެ ދިޔައީ."

"އެކަމަކު އެންމެ ސަޅި ސަންސެޓް ދޯ!" ރިޔާޒު ބުނެލި އެވެ.

"ސޯ ސޭޑް." އަހަންނަށް ވެސް ރިޔާޒާ ބައިވެރިވެވުނެވެ.

"މަންޖޭ މި ކުދިންގެ ފޮޓޯއެއް ނަގަން ކެމެރާ ލިބިދާނެތަ؟" ދޮންބެ ގޮވައިލީ ތަންކޮޅެއް ދުރުގައި ފޮޓޯ ނަގަން އުޅުނު އަންހެން ކުއްޖަކަށެވެ.

އަހަންނަށް ވެސް ބަލައިލެވުނީ އެ ކުއްޖާއާ ދިމާއަށެވެ. އެއީ މުޅީން ތަފާތު ގޮތަކަށް ހެނދުން އަޅައިފައި ހުރި ޒުވާނެކެވެ. ބަލައިބެލުމަށް އެއީ ބީރައްޓެއްސެކެވެ. ރަށު މީހެއް ނޫނެވެ. އެކަން ހާމަވަނީ އޭނާގެ ހެދުން އެޅުމުންނެވެ. އިސްތަށިގަނޑުގައިވާ ރަން ކުލައިންނެވެ. އޭނާގެ ގަޔަށްދޫ ހުދުކުލައިގެ ލޭސް ފޮތީގެ ހެދުމާއި ހުސްފައިގައި ހުރި ހުރުމުން އޭނާ ލޯބިކުރާ ކަންކަން ވަރަށް ސާފުކޮށް އެނގެ އެވެ.

ދޮންބެގެ އަޑަށް އެ ޒުވާނާ ބަލައިލި އެވެ. އޭނާ ހީނލިއެވެ. ދޮންބެއާ ދިމާއަށް ޖެހިލި އެވެ. ސަލާމަށް އަތްދިއްކޮށްލަމުންނެވެ. ދެމީހުން ކޮންމެވެސް އޮލަ ވާހަކައެއް ދެއްކި އެވެ. އަހަރުމެންނަށް ތިބެވުނީ ތަންކޮޅެއް ދުރުގައި ކަމަށްވުމުން ދެއްކި ވާހަކައެއް ނޭނގެ އެވެ.

"ކާކު؟" އަހަންނަށް އަހައިލެވުނެވެ.

"ހިނގާ އަވަހަށް މިތަނުންދާން!" ރިޔާޒުގެ ހިތް ނުތަވަސްވި އެވެ.

"ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ.

"އާދޭ!" ރިޔާޒު ހިނގައިގަތެވެ.

"މަޑުކޮށްބަލަ! މި ކުއްޖާ ފޮޓޯ ނަގައިދޭނޭ." ދޮންބެ ތަންކޮޅެއް ބާރަށް ބުނެލި އެވެ.

"ނަގާނެ ކަމެއް ނެތް." ރިޔާޒުގެ މޫޑު ބަދަލުވި އެވެ.

އަހަރެންގެ ހިތުގައި ސުވާލުގެ މައްޗަށް ސުވާލު އުފެދި އެގޮތް މިގޮތަށް ޚިޔާލުތައް ކަފިކަފިވި އެވެ. (ނުނިމޭ)