Advertisement

ތިލަފުއްޓަށް 34 ގުދަން ބަދަލުކޮށް، އިތުރު 18 ގުދަނަށް ޖާގަ ގާއިމުކުރަނީ

10 ނޮވެންބަރު 2022 - 14:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ތިލަފުއްޓަށް 34 ގުދަން ބަދަލުކޮށް، އިތުރު 18 ގުދަނަށް ޖާގަ ގާއިމުކުރަނީ

10 ނޮވެންބަރު 2022 - 14:27 0

މާލޭގައި ހުރި 34 ކެމިކަލް ގުދަނެއް ތިލަފުއްޓަށް ބަދަލުކޮށްފައިވާ ކަމަށާއި އިތުރު 18 ގުދަނަށް ޖާގަ ގާއިމުކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

މިއަދު އެކަމާ ގުޅިގެން އެޗްޑީސީއާ އެންމެ ފުރަތަމަ މި ނޫހާ ހިއްސާކުރި އޮޅުންތަކާ ގުޅިގެން އެކަން ސާފުކޮށްދެމުން އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި 18 ގުދަނެއް އަލަށް ހަދަމުން ދަނީ ކުރިއަށް އޮތް ތަނުގައި ކެމިކަލް އެތެރެ ކުރުމަށް ހުއްދައަށް އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް ވަނީ ކެމިކަލް އެއްވެސް ގުދަނެއް މާލޭގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

"މާލޭގައި ކެމިކަލް ރައްކާކުރާ ގުދަނެއް ނުހުންނާނެ. ކެމިކަލް އެތެރެކުރާއިރު މާލޭގައި ރައްކާ ކުރުމަށް ހުއްދަ ވެސް ނުދޭނެ،" މި ނޫހަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

2019 ވަނަ އަހަރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި މާލޭގައި އޭރު 126 ކެމިކަލް ގުދަން ހުއްޓެވެ. އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.

އަބަދަށް ހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާންގަނޑު ފެތުރި ހަ ގުދަނަކާއި 14 ގެއެއް ރޯވި އެވެ. އަދި 46 އަހަރުގެ އަންހެނަކު މަރުވި އެވެ.

އެ ހާދިސާއަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ރޭ ދަންވަރު މާލެ މ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައި ރޯވެ މިހާތަނަށް ވަނީ 10 މީހަކު ވަނީ މަރުވެފަ އެވެ.

ރޯވި އިމާރާތުގެ ތިރީގައި ވެހިކަލް މަރާމާތުކުރާ ގަރާޖެއް ހިންގާއިރު، އެތަނުގެ މަސައްކަތުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވެސް އެމްއެންޑީއެފުން މިއަދު ބުންޏެވެ.