10 ނޮވެންބަރު 2022 - 11:09 1
މުހައްމަދު އުޝާމް
މީގެ ތިން އަހަރު ކުރިން ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން - ފައިލް ފޮޓޯ: މުހައްމަދު ވިޝާމް
10 ނޮވެންބަރު 2022 - 11:09 1
މާލޭން ތިލަފުއްޓަށް ބަދަލު ނުކުރެވި އަދިވެސް 18 ކެމިކަލް ގުދަން ހުރި ނަމަވެސް މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރެވިފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ތޮއްޖެހިފައިވާ މާލޭގައި ހުރި ކެމިއަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މީގެ ތިން އަހަރު ކުރިން ހެންވޭރު އަބަދަށްހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށް ފަހު އަމާޒުވި ފާޑުކިއުންތަކަށް ފަހުގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދުއާ "އަދަދު" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ "ކެމިކަލް ގުދަންތައް ވަނީ ބަދަލު ކުރެވިފައި" ކަމަށެވެ.
ނަމަވެސް ތިލަފުށީގެ މަސައްކަތްތައް މިހާރު ހަވާލުކުރެވިފައިވާ ސަރުކާރުގެ ކުންފުނި އެޗްޑީސީން "އަދަދު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން އަދިވެސް ތިލަފުއްޓަށް ބަދަލުނުކުރެވި 18 ކެމިކަލް ގުދަން މާލޭގައި އެބަ ހުއްޓެވެ.
ދެހާސްނަވާރަ ވަނަ އަހަރު ހިނގި ހާދިސާގައި އެކަކު މަރުވުމާ ގުޅިގެން، ކުރަން ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ބަދަލު ކުރެވުނީ 34 ކެމިކަލް ގުދަން ކަމަށް އެޗްޑީސީން ބުންޏެވެ.
"ތިލަފުށީގަ އިތުރު 18 ގުދަނަކަށް ފެސިލިޓޭޓް ކުރުމަށް މަަސައްކަތް ކުރަމުން ދަނީ، އެ ގުދަންތައް އަދިވެސް ހުރީ މާލޭގައި،" އެޗްޑީސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މަޝާރު ވިދާޅުވި އެވެ.
އެޗްޑީސީން އެ އަދަދުތައް ހިއްސާކުރިއިރު، 2019 ވަނަ އަހަރު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި މާލޭގައި އޭރު 126 ކެމިކަލް ގުދަން ހުއްޓެވެ. އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައިވެ އެވެ.
އަބަދަށް ހިޔާ މަގުގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާންގަނޑު ފެތުރި ހަ ގުދަނަކާއި 14 ގެއެއް ރޯވި އެވެ. އަދި 46 އަހަރުގެ އަންހެނަކު މަރުވި އެވެ.
އެ ހާދިސާއަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ރޭ ދަންވަރު މާލެ މ. ނިރުފެހިގޭގައި ހުރި ގަރާޖެއްގައި ރޯވެ މިހާތަނަށް ވަނީ 10 މީހަކު ވަނީ މަރުވެފަ އެވެ.
ރޯވި އިމާރާތުގެ ތިރީގައި ވެހިކަލް މަރާމާތުކުރާ ގަރާޖެއް ހިންގާއިރު، އެތަނުގެ މަސައްކަތުގައި ބޭނުންކުރުމަށް ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވެސް އެމްއެންޑީއެފުން މިއަދު ބުންޏެވެ.
Comment