Advertisement

އިންތިގާލީ އިންސާފުގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

26 އޮކްޓޯބަރު 2022 - 16:20 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިގާލީ އިންސާފުގެ އޮފީހުގެ ޗީފް އޮމްބަޑްސްޕާސަން އަބްދުލް ސަލާމް؛ އޮފީހަށް ހުށަހެޅުނު 111 މައްސަލައެއްގެ ތަހުގީގު ނިންމާލައިފި - ފޮޓޯ: އާއިމް ޒަމީރު / އަދަދު


އިންތިގާލީ އިންސާފުގެ އޮފީހުން 111 މައްސަލައިގެ ތަހުގީގު ނިންމާލައިފި

26 އޮކްޓޯބަރު 2022 - 16:20 0

އިންތިގާލީ އިންސާފުގެ އޮފީހުން ބެލުމަށް ނިންމި 455 މައްސަލައިގެ ތެރެއިން 111 މައްސަލައެއްގެ ތަހުގީގު ނިމިފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު، ގާނޫނާއި ގަވާއިދާ އެއް ގޮތަށް ކުރިއަށް ގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ އޮފީހުން ކުރަމުންދާ ކަމަށެވެ.

އަދި ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ސުލްހަ ކުރުމުގެ މަސައްކަތް ވެސް ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުންޏެވެ.

ތަހުގީގު ނިމިފައިވާ މައްސަލަތަކުގެ ބާވަތްތައް

  • އިގްތިސޯދީ އަދި އިޖުތިމާއީ ހައްގު؛ 64 މައްސަލަ
  • ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުމުގެ ހައްގު؛ 23 މައްސަލަ
  • މަސައްކަތް ކުރުމުގެ ހައްގު؛ 21 މައްސަލަ
  • އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގު؛ 1 މައްސަލަ
  • ޒާތީ ދިރިއުޅުމުގެ ހައްގު؛ 1 މައްސަލަ
  • ލާއިންސާނީ އަދަބު ނުދިނުމުގެ ހައްގު؛ 1 މައްސަލަ

ނަމަވެސް ތަހުގީގު ނިމިފައިވާ 111 މައްސަލައިގެ އިތުރު ތަފުސީލެއް އަދި ނުދެ އެވެ. އަދި އެ މައްސަލަތަކުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކެއް ވެސް އެ އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

މި ޑިސެމްބަރު މަހަށް އެ އޮފީހުގެ މުއްދަތު ހަމަވާއިރު އެ އޮފީހުން ބަލަމުންދާ ގިނަ މައްސަލަތަކުގެ ބޮޑު ބައި އަދިވެސް ނުނިމޭއިރު، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް މުއްދަތު އިތުރުކުރަނީ ކިހާ ދުވަހަކަށް ކަމެއް ނުބުނެ އެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މައްސަލަތަކުގެ އިތުރުން ގދ. ތިނަދޫ ފަޅުކޮށްލި މައްސަލަ ފަދަ ބޮޑެތި މައްސަލަތައްވެސް ދަނީ ބަލަމުންނެވެ.

މި މައްސަލަތައް ބެލުމުގައި މައުލޫމާތު ނުލިބުންފަދަ އެކި ހުރަސްތައް ކުރިމަތިވަމުންދާ ކަމަށް އެކި ފަހަރު މަތިން އެ އޮފީހުން ވަނީ ބުނެފަ އެވެ.