3 ނޮވެންބަރު 2022 - 12:07 0
ހުސެއިން ފިޔާޒް މޫސާ
ހުޅިދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ފަށާފައި ނުވާތީ، އެއްބަސްވުން ބާތިލުވެފައިވާ ކަމަށް ބުނެ ވ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އަތޮޅުގެ ބައެއް ރައްޔިތުން މިދިޔަ އޮކްޓޯބަރު މަހު އެރަށަށް އަރައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ޝިފާގު ހުސައިން
3 ނޮވެންބަރު 2022 - 12:07 0
ވާވު އަތޮޅު ރައްޔިތުން ކެކެމުން އެދަނީ، އެ މީހުން ބުނާ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރި ހުޅިދޫގައި އެ ފާޑުގެ އެއްވެސް މަސައްކަތެއް ކުރަން ނުފަށައި، ގުދަނެއްގެ ގޮތުގައި ރަށް ބާއްވައި، ވެށި ސުންނާފަތި ކުރަމުންދާތީ އެވެ. އަތޮޅު ކުޑަޔަސް މި މައްސަލަ އެ ރައްޔިތުންނަށް ބޮޑުވީ މުނިފޫހި ފިލުވަން އަދި ރަށަށް އަންނަ ޓޫރިސްޓު މީހާ ގޮވައިގެން ދާނެ ފަޅު ރަށެއް އެ އަތޮޅުގައި މިހާރު ނެތުމުންނެވެ.
މީހުން ދިރިއުޅޭ ފަސް ރަށް އޮންނަ ވާވު އަތޮޅުގެެެެ ހުރިހާ ފަޅުރަށެއް، ޓޫރިޒަމް ނުވަތަ ދަނޑުވެރި ކަމަށް ވަނީ ދޫކޮށްފަ އެވެ. އެހެންވެ، ހުޅިދޫ ހޯދަން މަސައްކަތް ކުރަނީ އެ ރަށް ކުއްޔަށް ނަގާފައިވާ އާރަށް އިންވެސްޓުމެންޓުން އެއްބަސްވި ގޮތަށް މަސައްކަތް ފަށާފައި ނެތުމުން ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ.
މި މައްސަލައިގައި ބަލަން އޮތީ ގާނޫނު އަސާސީ އާއި ފަޅުރަށްތައް ކުއްޔަށް ދިނުމުގެ ގާނޫނަށެވެ. އެެއްބަސްވުމާ ހިލާފުވެއްޖެ ނަމަ، އަމަލުކުރާނެ ގޮތާއި އެއްބަސްވުން ބާތިލުކުރެވޭ ގޮތް އަދި މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލުވުމުން، ރަށުގައި ހުރި ހަރުމުދަލާމެދު އަމަލު ކުރާނެ ގޮތް އެއްބަސްވުމުގައި ލިޔެފައި އޮންނަންޖެހެެ އެެވެެ.
ހުޅިދޫގެ މައްސަލައިގައި، އެއްބަސްވުމުގައިވާ އެ އުސޫލުތައް ސަރުކާރުން އަދި ކުންފުނިން ހާމައެއް ނުކުރެ އެވެ. ރަށް އަތުލުމަށް ވާވު އަތޮޅުން އެދޭތީވެ ރައްދެއްގެ ގޮތުގައި އެގްރިކަލްޗާ މިނިސްޓްރީން ވިދާޅުވީ ހުޅިދޫގެ އެއްބަސްވުން ދެމިއޮތްކަން އެކަންޏެެވެ.
"ހުރިހާ ކަމެއް ވެސް ކުރާނީ ގާނޫނުގެ ތެރެއިން،" އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި އެވެ.
އެ ވާހަކަ، ވާވު އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވާ ގޮތުގައި މަސައްކަތް ފެށުމަށް ދީފައިވާ މުއްދަތު ހަމަވެފައި ވާއިރު، އަދި އެއްބަސްވުމުގައި ބަޔާންކުރާ ކަންކަން ނުކުރާ ނަމަ އެތަނެއް ދަމަހައްޓަން ސައްހަ އެއްބަސްވުމެއް ނޯންނާނެ އެވެ.
"ރަށް ކުއްޔަށް ދިނުމުން ދައުލަތަށް އޮތް ބެލެނިވެރިކަން ގެއްލިގެން ނުދޭ. ދައުލަތުން އެ ރަށެއް، ތަނެއް ދިން ބޭނުން ހާސިލު ނުވާނަމަ ބާތިލުކޮށް ނަގަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ވ. ހުޅިދޫ މައްސަލައިގައި އޮކްޓޯބަރު 19 ގައި ސަރުކާރުގެ އިދާރާތަކާއި ވ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ރަށް ކުށްޔަށް ނަގާފައިވާ ކުންފުންޏާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ޝިފާގު ހުސައިން
މި ރަށުގެ މައްސަލައިގައި ވާވު އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުން ހުޅިދުއަށް އަރައި މުޒާހަރާ ކުރަމުން ދިޔައިރު، ސަރުކާރުގެ އިދާރާތަކާއެކު ދިޔައީ މައްސަލައަށް ހައްލެއް ހޯދައިދޭން މަޝްވަރާ ކުރަމުންނެވެ. މައްސަލަ ހައްލުކުރަން، އޮކްޓޯބަރު 19، ގައި އެއް މޭޒެއްގެ ދޮށުގައި ވާހަކަ ދެއްކެވި އެވެ. ނަމަވެސް ހައްލެއް ނުލިބުނެެ އެެވެެ. ހުޅިދޫގެ އެއްބަސްވުމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި އެއްވެސް ވާހަކައެއް ނުދެއްކެވި އެވެ.
"މިނިސްޓަރު [ޑރ. ހުސައިން ރަޝީދު] ވިދާޅުވީ ދައްކާ ވާހަކައެއްގެ ސަބަބުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ގެއްލުމެއް، ނުވަތަ ފައިދާއެއް ލިބިދާނެ ކަމަށް. އެހެެންވެ އެއްބަސްވުމުގެެެެ ވާހަކައެެއް ނުދައްކާ،" ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވި އެވެ.
ހައްލު އެބަ އޮތެެވެ. ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބުނެފައި ވަނީ މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނެ ތަކެއްޗެއް ނޫން ކަމަށެވެ. އަދި އާންމު މަންފާއަކަށްޓަކައި ގާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތެއްގެ މަތިން އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް މީހެއްގެ މުދަލެއް އެ މީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެ އެވެ.
ފަޅުރަށެއް ކުއްޔަށް ހިފާފައިވާ މީހަކު އެއްބަސްވުމާ ހިލާފުވެއްޖެނަމަ ފަޅުރަށްރަށް ކުއްޔަށް ދިނުމުގެ ގާނޫނުން އެކަމަށް ބުނެދޭ ހައްލަކީ ދެ އަހަރު ދުވަހުގެ ނޯޓިސް ދީ ރަށް ވަކިކުރުމެވެ.
"މިފަދަ މައްސަލަތަކުގައި ދާންޖެހޭނީ ކޯޓަށް. ކޯޓުން ނޫން ގޮތަކަށް ހައްލެއް ހޯދިދާނެ ކަމަށް ނުފެނޭ،" މަސްލަހަތަށްޓަކައި ނަން ހާމަކުރަން ބޭނުންނުވާ ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.
ރަށް ކުއްޔަށް ދިނުމުގެެ މަގުސަދު ހާސިލު ނުވެ، ތަރައްގީ ވެސް ނުކޮށް އެތައް ރަށެއް ހުރިއިރު، ސަރުކާރުގެ އާންމު ވިސްނުމުގައި ހުރީ އެ ރަށްތައް އަތުލުމުގެ ބަދަލުގައި މަސައްކަތް ފެށުމަށް ފުރުސަތު ދެމުން ދިޔުމެވެ. ނަމަވެެސް މަދުން ނަމަވެެސް އާންމު މަންފާއަށް ރަށްތައް ނަގާފައި އެެެބަ ހުއްޓެވެ.
ހުޅިދޫ މައްސަލައިގައި ރައްޔިތުންނަށް މަސްލަހަތަށް ވިސްނައި ގާނޫނުގެ މަގުން ގޮސް އަވަހަށް ނިންމަންޖެެހެެެ އެެވެެ. އެެ ނިންމުން ވާންޖެހޭނީ މިފަދަ އެހެން މައްސަލަތަކަށް އޮތް ގާނޫނީ ހައްލަކަށެެވެެ.
Comment