Advertisement

ސަރުކާރުގެ އަޅާލުމެއް ނެތް؛ ބޮޑު ކަންނެލި މަސްވެރިންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

29 ސެޕްޓެންބަރު 2022 - 12:36 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މަސްވެރިންތަކެއް މަސް މާރުކޭޓަށް ބޮޑު ކަންނެލިތަކެއް ގެންދަނީ. --- ފޮޓޯ: އަދަދު ފައިލް


ސަރުކާރުގެ އަޅާލުމެއް ނެތް؛ ބޮޑު ކަންނެލި މަސްވެރިންގެ ޝަކުވާތައް ބަންޑުންކޮށްލައިފި

29 ސެޕްޓެންބަރު 2022 - 12:36 1

ބޮޑު ކަންނެލި ގަތުމަށް އެންމެ ދަށް އަގެއް ކަނޑައެޅުމަށް ސަރުކާރާއެކު އެންމެފަހުން މަޝްވަރާކޮށްފައި ވަނީ ޖޫން, 2021، ގައި ކަމަށާއި އޭގެފަހުން އެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް ބުނެ އެ ސިނާއަތަށް ސަރުކާރުގެ އަޅާލުމެއް ނެތް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް އުފައްދާފައިވާ ޔޫނިއަނުން މިއަދު ބުނެފި އެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ނެތުމުގެ ބިރު ހީވެފައިވާ ކަމަށާއި ތެލުގެ އަގު އިިންތިހާއަށް ބޮޑުވުމުގެ ސަބަބުން ހަރަދު އިތުރުވެފައިވާ ކަމަށް މިއަދު ނެރުނު ބަޔާނެއްގައި އެ ޔޫނިއަނުން ބުނެފައިވެ އެވެ.

"މި ޖަމިއްޔާއަށް މިވަގުތު އެންމެ މުހިންމު މަސައްކަތަކީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމުގެ މަސައްކަތް ކުރުމެވެ. ސަބަބަކީ ކިރިޔާވެސް މަހެއް ބޭނޭއިރަށް މަހުގެ އަގު ދެކޮޅު ނުޖެހޭވަރަށް ދަށްކޮށްލާ ކަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު އަހްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ އެންމެ ދަށް އަގު ކަނޑައެޅުމަށް ބޮޑު ކަންނެލީގެ މަސްވެރިންނާއި ބޮޑު ކަންނެލި ގަންނަ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި ކަމަށެވެ.

"އެންމެފަހުން އަޅުގަނޑުމެން އެ ދެ ފަރާތަށް ދެންނެވީ ތިޔަ ބޭފުޅުން ހުށަހަޅާ އަގުތަކެއް ގެންނާށޭ. އެ ދެ ފަރާތުން ހުށަހެޅީ ވަރަށް ތަފާތު ދެ އަގެއް ފްލޯ ޕްރައިސް (އެންމެ ދަށް އަގު) ކަނޑައެޅުމަށް. އަޅުގަނޑުމެން ދެންނެވިން މަޝްވަރާކޮށްގެން މީގެ ދެމެދު އަގެއް ގެންނަން،" އެ ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހުސައިން ރަޝީދު ވިދާޅުވި އެވެ.

އަދި، އޭގެ ފަހުން އެކަމުގެ މަޝްވަރާތައް ކުރިއަށް ގޮސްފައި ނުވާ ކަމަށާއި އަނެއްކާ ވެސް މަސްވެރިން ތަމްސީލުކުރާ ޖަމިއްޔާއާ އެކު އަނެއްކާ ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެ ޔޫނިއަނުން ވަނީ ތަކުރާރުކޮށް އެދުނު ނަމަވެސް ސަރުކާރުން މަޝްވަރާއަށް ޖާގަ ދީފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި، ތެލުގެ އަގު އުފުލުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވެސް ތަކުރާރުކޮށް އެދިފައިވާ ކަމަށާއި އެކަމަށް ވެސް ދީފައިވަނީ ބީރު ކަންފަތެއް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުންޏެެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއަޔަސް ރާއްޖެ އިން ތެޔޮ ގަންނަން ލިބޭ އަގު ދަށްނުވުމަކީ ކަންބޮޑުވުމުކެވެ،" ތެލުގެ އަގާއި ގުޅޭގޮތުން އެ ޔޫނިއަނުން ބުންޏެވެ.

މިވަގުތު މަސް ދޯނިތަކަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. ދާދިފަހުން މިފްކޯގެ ދަށުން ހިންގަމުން އައި 14 އައިސް ޕްލާންޓެއް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާއިރު އެކަމަށް ވެސް އެ ޔޫނިއަންގެ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ. އަދި، އަލުން އަނބުރާ މިފްކޯއާ އައިސް ޕްލާންޓުތައް ހަވާލުކުރުމަށް ވަނީ ގޮވާލާފަ އެވެ.

"ދަރަނިން ސަލާމަތް ނުވެފައިވާ ފެނަކަ ކޯޕަރޭޝަނާ މިފްކޯގެ އައިސް ޕްލާންޓުތައް ހަވާލުކުރުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ވެސް އޭގެ ނުރަނގަޅު އަސަރު މަސްވެރިންނަށްކޮށް އައިސްގެ އަގު ބޮޑުވެ، ކިޔުގައި ތިބެންޖެހޭ ދުވަސްތައް އިތުރުވާނެ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖުމުލަ ގޮތެއްގައޮ ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ އަޅާލުމެއް ނެތް ކަމަށާއި ކަންނެލި ގަންނަ ފަރާތްތަކުގެ ހާލަތު ދަށްވެ ކިއުގައި ތިބެން ޖެހޭ ދުވަސްތައް އިތުރުވެފައިވާ ކަމަށް ބުނެ އެ ޔޫނިއަނުން ވަނީ ޝަކުވާތައް ބަންޑުންކޮށްލާފަ އެވެ.