ދިގު ވާހަކަ: އަލިފާން ކޮކާ

ދިގު ވާހަކަ: އަލިފާން ކޮކާ

(ތޭރަވަނަ ބައި)

ދޮންބެ ވާހަތައް އިވެމުން ދިޔަ އިރު އެކި ފަހަރު އަހަންނަށް ސިފަވަމުން ދިޔައީ އެކި މަންޒަރެވެ. ބައެއް ފަހަރު މަންމަ ކޮޓަރީގައި އިން ޒުވާން ދޮންބެގެ މޫނެވެ. އޭގެ ފަހުން ދޮންބެ މާލެ އައި ދުވަހު ފެނުނު ހަންހާރަވެތި މޫނެވެ. އެކްސިޑެންޓުވެ އަނިޔާވުމުން ބެންޑޭޖްކޮށްފައިވާ ދޮންބެގެ މޫނެވެ. އެހެންވެ އަހަންނަށް ދޮންބެގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނދެވުނެވެ. ކަޅި ޖަހައި ނުލައި އެ ދެ ލޮލަށް ބެލުނެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ރީތިކޮށް ފާހަގަވަމުން ދިޔަ އެވެ. ދޮންބެ ދައްކަމުންދާ ވާހަކައިން ހިތް ފުނޑުފުނޑުވަމުންދާ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

ދޮންބެއަކީ ވެސް އިންސާނެކެވެ. ހިއްސުތައް ސަލާމަތުން ހުރި ފިރިހެނެކެވެ. އަހަންނަކީ ވެސް ފިރިހެނެކެވެ. މިއަދު މިއީ އެ ދުވަހު މަންމަ ކޮޓަރީގައި އިނދެ ވިސްނައި ނުލަ ވާހަކަދެއްކި ރަޔާނެއް ނޫނެވެ. ދިރިއުޅުމަކީ ކޮބައިކަމާއި ކައިވެނީގެ ބޭނުމާއި މަގުސަދު އަހަންނަށް މިއަދު ވަރަށް ސާފެވެ. މީހަކަށް އެކަން ބުނެދޭކަށް ނުޖެހޭނެ އެވެ.

ދިރިއުޅުމުގެ ދަތުރުގައި އޮޔާއި ވައި އެކި ދުވަހު ހުންނާނީ އެކި ގޮތަށްކަން އަހަންނަށް ވިސްނެ އެވެ. ވައި ޖެހޭ މިސްރާބާ ދެ ކޮޅަށް ނުކުމެއްޖެ ނަމަ ދެންވާނެ ގޮތް ވެސް އަހަންނަށް ތަސައްވަރު ކުރެވެ އެވެ. އިދިކީލި ވިސްނުން އެއްކީލި ނުކޮށް ދިރިއުޅުމުގެ ރާސްތާ އަތު ނުވާނެކަން ޔަގީންކުރެވެ އެވެ.

ދިރިއުޅުމުގެ ބުރަ ބޮލަށް ލައިގެން ކުރިމަތިވާ ފިއްތުންތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކޮބައިކަން އަހަންނަށް އެނގެ އެވެ. ހިއްސުތަކަށް ދެވޭ ކާނާއަކީ ކޮބައިކަން ވެސް ވިސްނެ އެވެ. އެކަން ފުރާ ފުރިހަމަ ނުވެއްޖެ ނަމަ ދެން އުފުލަން ޖެހޭނެ ތަކުލީފާއި ވިސްނަން ޖެހޭނެ ވިސްނުންތައް ވަރަށް ރަނގަޅަށް ވަޒަންކުރެވެ އެވެ. ދޮންބެގެ ކޮންމެ ވާހަކައެއް، ކޮންމެ ލަފުޒެއް ވަމުން ދިޔައީ އަހަރެންގެ ހިތަށް ހަރަމުންދާ ހަންޖަރަކަށެވެ. ދޮންބެގެ އިހުސާސްތަކާއި އޭނާގެ ތަހައްމަލު ކުރާނެ ދަތި އުނދަގޫ ދުވަސްތައް އަހަންނަށް ވިސްނެން ފެށި އެވެ. އެއް ލޭ ހިނގާ މީހަކަށްވީތީ އެ އިހުސާސްތައް ދެގުނަވެގެން ދިޔަ އެވެ.

"ކޮންމެ ރެޔަކު އެ ފިކުރުތަކާ ހަނގުރާމަ ކުރުން ނޫން ގޮތެއް ނޯވޭ. ހަމަ ކޮންމެ ރެޔަކު ވެސް އަހަންނަށް އާދޭސް ކުރެވޭ. ބުނެވޭ. އެކަމަކު... އެކަމަކު ކީކޭ ބުނަނީ؟ ދެނީ ކޮން ޖަވާބެއް؟" ދޮންބެގެ އަޑު ކުރަކިވަމުން ދިޔަ އެވެ. "ނޫނެކޭ. ބޭނުމެއް ނޫނޭ. ޝައުގެއް ނެތޭ."

ދޮންބެ ބަލައިލީ ދޮންބެ ދައްތަގެ މޫނަށެވެ. އޭނާ ހުރީ އިސްޖަހައިގެންނެވެ. އޭނާގެ ލޮލުން ވެސް ހުއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔަ އެވެ. ރޮނގުބަރިތަކެއްގެ ގޮތުގައި ކޯތާފަތުގެ އެކި ދިމަދިމާއިން ކަރުނައިގެ ކޯރުތައް ދަތްދޮޅިއަށް ފައިބަމުން ދިޔަ އެވެ.

"ނިކަން ވިސްނައިލަބަލަ. ފިކުރުކޮށްލަބަލަ. އަހަރެން ބޭނުންވާނެ ބޭނުންވުން. އެ ވަރުން ވެސް. އެ ވަރުން ވެސް ދުވަހަކު ވެސް އެހެން މީހަކާ ދިމާ ބަލައި ވެސް ނުލަން. ގޯސްކަމަކާ ދިމާއަށް މިސްރާބެއް ނުޖަހަން،" ދޮންބެ ހުއްޓަމުން ހުއްޓަމުން ބުނެލި އެވެ. "ހިތަށްއަރާ ފައިސާދީގެން ސިއްރުން ވެސް ކަންކަން ކުރެވޭނޭ، ބޭނުން ގޮތަކަށް އުޅެވޭނޭ. އެކަމަކު.. އެކަމަކު..."

އަހަންނަށް ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. ހީވީ ކަރުބުޑުގައި އެއްޗެއް ތާށިވަމުން ދިޔަ ހެންނެވެ. އެހެންވެ ތަންކޮޅެއް ފުންކޮށް އެހެނަސް ސިއްރުން ނޭވާ ބޭރުކޮށްލީމެވެ.

"އެއްރޭ ނުނިދިގެން. ފިކުރުބޮޑުވެގެން ކަންބޮޑުވެ ހާސްވެގެން ކޮޓަރީގައި ނޯންނަށް ސިޓިން ރޫމަށް ނިކުމެލި ވަގުތު،" އަޑު ރަނގަޅުކޮށްލުމަށް ފަހު އަނެއްކާ ވެސް ދޮންބެ ފެށި އެވެ. "އެ ވަގުތު އަހަންނަށް އިވުނީ އަންހެނެއްގެ ވޭނީ ގިސްލުމުގެ އަޑު. ވޭނީ ރުއިމުގެ އަޑު."

އަހަންނަށް ބަލައިލެވުނީ އާމިރާއާ ދިމާ އަށެވެ. އޭނާ ތުންފަތުގައި ދަތް އެޅި އެވެ. ލަދުވެތިކަމާއެކު އަހަރެންގެ މޫނަށް ވެސް ބަލައިލި އެވެ. އެންމެ ފަހުން އޭނާ އެނބުރިލީ އެވެ. އަހަންނަށް މޫނު ނުފެންނާނެ ހެންނެވެ.

"އެ އަޑު ވެގެން ދިޔައީ އަހަރެންގެ ސަމާލުކަން އަތުލި އަޑަކަށް. އަޑު އިވެމުން ދިޔައީ ބެލްކަނިންކަން ޔަގީންވުމުން އަހަރެން އެ ދިމާއަށް މިސްރާބު ޖެހިން."

ދޮންބެ އެ ވާހަކަތައް ކިޔައިދެމުން ދިޔަ ގޮތުން، އަދި ކަންކަން ވަމުންދާ ގޮތް ހިއްސާކުރި ގޮތުން އަހަންނަށް އިހުސާސް ކުރެވެމުން ދިޔައީ ސީދާ އެ މަންޒަރު ބަލަން އަހަންނަށް ދުރުގައި ހުރެވުނު ކަމެވެ. އެހެން މީހުންނަށް ނުފަންނަ ގޮތަށް އަހަރެން ހުރިހާ ކަމެއް ބަލަމުން ދިޔަ ކަމެވެ. އެހެންވެ ސިކުނޑީގެ ތެރޭގައި އެ މަންޒަރުތައް ފިލްމެއްގެ ގޮތުގައި ތަސްވީރުވަމުން ދިޔަ އެވެ.

"އޯހް! އާމި، ފަހަރި ކިހިނެއްވީ؟" ދޮންބެއަށް ލިބުނު ހައިރާން ކަމާއެކު އޭނާ ބަލައިލީ ބެލްކަނީގައި ރޯން ހުރި އާމިރާ އަށެވެ.

އާމިރާ ވެސް ލިބުނު ހައިރާންކަމާއެކު އަޑު އިވުނު ދިމާއަށް ނަޒަރު ހުއްޓައިލި އެވެ. އެއާއެކު ރުއިން މެދު ކަނޑައިލުމަށްފަހު އަވަސް އަވަހަށް މޫނު ފޮހެލި އެވެ.

"ކީއްވެ ރޮނީ؟ ކޮއްކޮ އެއްޗެކޭ ބުނީތަ؟" ދޮންބެ އަހައިލި އެވެ.

"ނޫން! ނުރޮން." އަވަސް އަވަހަށް އާމިރާ ބުނެލި އެވެ.

"ދޮގު ނުހަދާ! އަމިއްލަ ނަފުސަށް އޮޅުވާލައިގެން ކިތައް ދުވަހު ހުރެވޭނެ؟ ކިތައް ދުވަހު ކެތް ކުރެވޭނެ!" ދޮންބެ ބަލައިލީ ސީދާ އާމިރާގެ މޫނަށެވެ. "ސާފުކޮށް ބުނެދީބަލަ. ގޯސްކޮށް ކަމެއް ދަންޏާ އަހަރެން އެހީ ވާނަމޭ."

"ކޮން ކަމެއް؟" އާމިރާގެ އަޑު ކެހިގެން ދިޔަ އެވެ.

"އެއްވެސް ކަމެއް؟ ކޮންމެ ކަމެއް؟ ކޮން ހުރިހާ ވާހަކައެއް؟" ދޮންބެގެ އަޑު ފަނޑުވަމުން ދިޔަ އެވެ.

ދޮންބެ ތަންކޮޅެއް ބޮޑަށް އާމިރާއާ ގާތްވެލި އެވެ. އޭނާ ބަލައިލީ ސީދާ އާމިރާގެ ދެ ލޮލަށެވެ. އާމިރާ ފަހަތަށް ޖެހިލަން އުޅުނެވެ. ނަމަވެސް އޭނާގެ އުނަގަނޑު ޖެހުނީ ރޭލިންގެ ދަގަނޑުގަ އެވެ. އެހެންވެ އޭނާއަށް ހެދޭނެ އިތުރު ގޮތެއް ދެވޭނެ އިތުރު ތަނެއް ނެތެވެ.

"ކިހިނެއްވީ؟ ސާފުކޮށް ބުނެދީބަލަ. އަހަރެން އެހީ ވާނަމޭ." ވައި އަޑުން ދޮންބެ ތަކުރާރުކޮށްލި އެވެ.

އާމިރާ އިސް އުފުލައިލަމުން ދޮންބެގެ މޫނަށް ބަލައިލި އެވެ. އޭނާގެ ތުންފަތުގައި ނޭނގޭ ތުރުތުރެއް ދައުރުވަމުން ދިޔަ އެވެ. މުޅި ހަށިގަނޑުގައި ވެސް އެ ތުރުތުރު ދުވަމުން ދިޔަހެން ހީވަމުން ދިޔަ އެވެ. އާމިރާގެ ކޯތާފަތަށް އަރަމުންދިޔަ ޖަންބުކުލައިން އޭނާގެ ހާލަތު ކަށަވަރުކޮށްލެވެ އެވެ.

"ދޮގު ނުހަދާ! ކޮންމެ ވާހަކައެއް ވެސް ކިޔައިދެވޭނެ." އަނެއްކާ ވެސް ދޮންބެ ކުރިއަށް ޖެހިލި އެވެ.

ދޮންބެގެ ދެ އަތް ނަގައި އާމިރާގެ ކޮނޑުގައި ލަސްލަހުން ހިފައިލި އެވެ. ހީވީ އާމިރާގެ ހަށިގަނޑުގައި ފިރިއެއްޗެއް ޖައްސާލިހެންނެވެ. އޭނާގެ މޫނާއި ހަށިގަނޑުން އެކަން ހާމަވި އެވެ. ހަމަ ރަނގަޅަށް ވެސް އާމިރާ ތުރުތުރު އަޅަންފެށި އެވެ. ދުރުގައި އެ މަންޒަރު ބަލަން ހުރި އަހަންނަށް ވެސް އެ ހުރިހާ ތުރުތުރެއް ފާހަގަވަމުން ދިޔަ އެވެ.

"ނުކެރޭނެ." އާމިރާ ބުނެލި އެވެ.

"ކޮންކަމެއް؟" ދޮންބެ ވައި އަޑުން ވާހަކަ ދެއްކި އެވެ.

"ބިރުގަނޭ. ރަނގަޅު ކަމެއް ނޫން. އަހަންނަށް ތިހެން ނުހަދާ. އަހަރެން ވިރިދާނެ." އާމިރާ ވެސް ވާހަކަދެއްކީ މަޑުމަޑުންނެވެ.

"ކީއްވެ ރޮވުނީ؟" ދޮންބެ އަހައިލި އެވެ.

"ލޮލަށް އެއްޗެއް ވެއްޓުނީ."

"ދޮގު ނުހަދާ! ތިޔަ ފުން ދެ ލޮލުން އަހަންނަށް ހުރިހާ ކަމެއް އެބަ ފެނޭ. ބޭނުންވާ ބޭނުންވުން އެބަ އެނގޭ. ހަށިގަނޑުގައި މި ހުރި ތުރުތުރާއި މި ހޫނު ކަމުން އަހަންނަށް އެކަން އެބަ އިހުސާސްވޭ،" ދޮންބެ ހިންދިރުވާލި އެވެ. "ނޭނގުނަސް އަހަރުމެން ދެމީހުންނަށް މި ތިބީ އެއް ހާލެއް ޖެހިފަ. ދެ މީހުންނަށް މި ކުރެވެނީ އެއް އިހުސާސެއް."

"ކީކޭ؟"

"އާނ! އަހަރެންގެ ކަންބޮޑުވުމަކީ، ހިތުގެ ރިހުމަކީ ވެސް ތިއީ. އަހަރެން ވެސް ބޭރަށް މި ނުކުތީ ހަމަ ކެތް ނުވީމަ."

"މާނައަކީ؟" އާމިރާ ނޭނގޭ ކަމަށް ހެދި އެވެ.

"ތި ވިސްނަނީ ހަމަ ރަނގަޅަށް. މައްސަލައަކީ އެކަން އެނގެންވީ މީހުންނަށް އެކަން ނޭނގުން." ދޮންބެގެ ނޭވާ އެޅޭ ވަރަށް އާމިރާއާ ކައިރިވެލި އެވެ.

"މި ގޯހެއް ނޫންތަ؟" އާމިރާ ދުރަށް ޖެހިލަން އުޅުނެވެ.

"އިހުސާސްތައް ބަންޑުންވުމަކީ ގޯހެއް ނޫން. ހިއްސުތަކުގައި އުދުހެމުންދާ އަލިފާންކޮކާ މައިތިރި ކުރެވޭނެ ހަމައެކަނި ގޮތަކީ އަލިކަމެއް ދިނުން. އެ ނޫން ގޮތެއް ނޯންނާނެ. ކަޅު އަނދިރި ކޮންމެ ތަނެއްގައި އެ ސޮރު އުދުހި ގަންނާނެ. އެ ހަރާކާތުން އުފާވެރިކަން ލިބޭނެ. ހަމަ ކިރިޔާ ވެސް އަލިކޮޅެއް ފެންނަ އިރަށް އެ ކަން ނިމިދާނެ. މިއީ ހަގީގަތަކީ."

"އަލިފާންކޮކާ މަރަންތަ ބޭނުމީ؟ އެ ސޮރު އުދުހި އުޅޭތަން ބަލަންތަ ބޭނުމީ؟" އާމިރާ ވެސް ދޮންބެ ބަސްމަގަށް ލަފުޒުތައް އަމުނަން ފެށި އެވެ.

"ނަފުސުގެ ގޮވުންތަކަށް އިޖާބަދެވިގެން ނޫނީ އަހަންނަށް ކުރިއަށް ދެވޭކަށް ނެތް. އަހަންނަށް ޔަގީން އާމި ވެސް ބޭނުންވަނީ އެކަން. މިއީ ގޯހެއް ނޫން. ކުށެއް ނޫން. މިއީ މި ވަގުތަށް އޮތް ގޮތް. އަހަރުމެން ދިރިތިބުމަށް އޮތް ހަމައެކަނި ގޮތް."

އެއާއެކު ދެމީހުން އެކަތި ގަނޑަކަށްވި އެވެ. އަހަންނަށް އެ މަންޒަރު ބަލާން ކެތެއް ނުކުރެވުނެވެ. ލޯމަރައިލެވުނެވެ. މުށްކަވާ ލެވުނެވެ. ދަތްކުނޑި ވިކާލެވުނެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox