Advertisement

ޝާއިރުގެ ހިޔާލު؛ މިފަހަރު ރޯލާނެ މީހަކު ވެސް ނުވި!؟

24 ސެޕްޓެންބަރު 2022 - 12:22 8

އަބްދުﷲ ޝާއިރު

އަބްދުﷲ ޝާއިރު

މާފުށީ ޖަލު. -- ފޮޓޯ: މެކްސިމަސް ފިލްމްސް


ޝާއިރުގެ ހިޔާލު؛ މިފަހަރު ރޯލާނެ މީހަކު ވެސް ނުވި!؟

24 ސެޕްޓެންބަރު 2022 - 12:22 8

"ހަމަ މަރާލީ އިނގޭތޯ، ރަޝީދަކީ ރައީސް ޔާމީންގެ ސަރުކާރުން ސީދާ މަރާލި މީހެއް އިނގޭތޯ,"

މިއީ ޖެނުއަރީ 31، 2018 ދުވަހު، މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ވާހަކަފުޅެކެވެ. މިގޮތަށް ވިދާޅުވީ، މެއި 1، 2015 ގައި މާލޭގައި ބޭއްވި މަޝްހޫރު މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ރަޝީދު މާފުށީ ޖަލުގައި ނިޔާވުމާ ގުޅިގެންނެވެ. އިތުރު ތަފްސީލު ދެއްވަމުން މަހުލޫފު ވިދާޅުވީ މަރާލީކަމަށް ތުހުމަތުކުރީ ބޭސްފަރުވާ ނުދިނުމުގެ ސަބަބުން މަރާ ކުރިމަތިލާންޖެހުމަކީ ބަލައިގަނެވޭ ކަމަކަށް ނުވާތީ ކަމަށެވެ. އެ ޓުވީޓާ ގުޅިގެން މަހުލޫފުގެ މައްޗަށް ދައުވާކުރެވުމުން ވެސް އެ ބަހުން ރުޖޫއައެއް ނުވި އެވެ. ހަމަ ގަދަކޮށް ވިދާޅުވަމުން ގެންދެވީ ޖަލުގައި ގައިދީންނަށް ބޭސްފަރުވާ ދިނުމުގެ އިންތިޒާމު ބޮއްސުންލައިފައި އޮތްކަމަށެވެ. އެކަށީގެންވާ ބޭސްފަރުވާ ނުލިބި ޖަލުގައި މީހަކު މަރުވުމުން މަހުލޫފްއަށާއި، އެހެން ސިޔާސީ ބޭފުޅުންނަށާއި، 'އިސްލާހީ ހަރަކާތުގެ' ހުރިހާ ބައިވެރިންނަށް ކުރީ ލޮލުން ކަރުނަ ނުހިފެހެއްޓޭ ވަރުގެ ފުން އަސަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖަށް ވީ އަދި އެހެން ގޮތެކެވެ. ބަޑިފަޅައިގެން ދިޔައީ އެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ހުށަހެޅުނު ރިޕޯޓަކަށް ވާހަކަ ދައްކަވަމުން މޫސާ ސިރާޖް ވިދާޅުވީ 2017 ވަނަ އަހަރުން ފެށިގެން ޖަލުގައި އަބުދުއްﷲ ރަޝީދު ހޭދަކުރި ގޮތާއި، އުޅުއްވި ހާލުވަރަށް ކައިރިން ފެނިވަޑައިގަތް ކަމަށެވެ. އެ ވާހަކައިގެ މެދުން ކީރިތިކުރައްވަމުން ގެންދެވިއިރު، އަޑުފުޅުވަނީ ކުރެހިފަ އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނާއިބު ރައީސް އީވާ އަބްދުﷲ ވެސް ގެންދެވީ ގިސްލެވޭ ހާލު، ސިރާޖަށް ހިތްވަރު ދެއްވަމުންނެވެ.

ކަމާބެހޭ ބޭފުޅުން ކީރިތި ކުރައްވައި، އެކި މީހުންގެ މައްޗަށް ޖިނާއީ ތުހުމަތުތައް ކުރައްވައި ހެއްދެވި ނަމަވެސް އަބްދުﷲ ރަޝީދުގެ އާއިލާއަށް މިއަދާ ހަމައަށްވެސް އިންސާފެއް ލިބިފައެއް ނުވެ އެވެ. އެ އިހުމާލުގެ މައްސަލަ ތަހުގީގުކުރެވިފައެއްވެސް ނުވެ އެވެ.

މިކަންކަން މިހެން ހިނގާފައި އޮއްވައި، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުން ގެންދިޔަ މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ނިޔާވުމުގެ އެކި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.

މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރި، އީރާންގެ ރައްޔިތެއްކަމަށްވާ ރަހުމަތުﷲ، 49، ނިޔާވެފައިވަނީ ޖުލައި 24، 2020 ގަ އެވެ. ހައްޔަރުކުރި ވަކި ސަބަބެއް ނޭނގޭ ގޮތަށް ހައްޔަރުކޮށް ބަންދުކޮށްފައިހުރި ޔަމަންގެ ޔާސިރު ޔަހުޔާ ނިޔާވީ އޮގަސްޓް 2، 2020 ގަ އެވެ. ހުޅުމާލެ ޖަލުގައި ތިން އަހަރުގެެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް، 40، ނިޔާވީ ސެޕްޓެމްބަރު 13، 2021 ގަ އެވެ. މާލޭ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މަލަސް/ ކ. މާލެ އިސްމާއީލް ޝަބީން، 46، ނިޔާވީ އޮކްޓޯބަރު 6، 2021 ގަ އެވެ. ބަންގްލަދޭޝްގެ އެމްޑީ އަކްތަރު ހޮސެއިން، 50، މާލޭ ޖަލުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވީ ނޮވެމްބަރު 18، 2021 ގަ އެވެ. ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ އއ. ހިމަންދޫ ހެޕީ ރެސްޓް އަލީ މުހައްމަދު، 58، ނިޔާވީ މެއި 23، 2022 ގަ އެވެ. އަދި އެނެމް ފަހުން، މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލީ، ހުދުފިނިފެންމާގޭ، އުމުރުން 43 އަހަރުގެ މުހައްމަދު ނަޝީދު ނިޔާވީ މި މަހުގެ 15 ގަ އެވެ.

ހައިރާނަކީ މިއިން އެއްވެސް މަރެއްގެ މައްސަލަ ތަހުގީގުކޮށް އެކަމާ ގުޅޭގޮތުން ރިޕޯޓެއް ޝާއިއުކޮށްފައި ނެތްކަމެވެ. މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެކެވެ. ކުށެއް ސާބިތުވެގެންނާއި ކުށްކުށަށް ތުހުމަތު ކުރެވިގެންނެވެ. އެމީހުންނަށް ކާންދިނުމާއި ބޭސްފަރުވާކޮށްދިނުމުގެ ޒިންމާ އޮތީ ދައުލަތަށެވެ. އެއަށްވުރެ ބޮޑު ހައިރާންކަމަކީ މިހާރު މިކަމާ ކަންބޮޑުވާ މީހަކުވެސް ނެތްކަމެވެ. މިސަރުކާރުގެ ފުރަތަމަ ދުވަސްކޮޅު ޖަލުގައި މީހަކު މަރުވުމަކީ ބޮޑުކަމެކެވެ. ސީދާ ހޯމް މިނިސްޓަރު އިމްރާން އެކަމުގައި ރައްޔިތުންނާ މުހާތަބުކުރައްވާނެ އެވެ. މިހާރު މިފަދަ ކަންކަމަކީ ސަމާލުކަމަށް އަންނަ ދަރަޖައިގެ ކަންކަމެއްވެސް ނޫނެވެ.

މިއީ ޖަލުގެ ތޭރިތަކުގެ ފުރަގަހުން އުފެދިގެން އައި ސަރުކާރެކެވެ. ހޯމް މިނިސްޓަރާއި، ޔޫތު މިނިސްޓަރާއި، އެކި ސްޓޭޓް މިނިސްޓަރުންނާއި ސަރުކާރަށް ތާއިދުކޮށްގެން ތިއްބެވި އެތައް މަޖިލިސް މެންބަރުން އެމީހުންގެ މަގާމުގެ ޝަރުތު ހަމަކުރީ ޖަލަށް ވަދެގެންނެވެ. އެތަނުގެ ހާލަތާއި، ހާލަތު ރަނގަޅުކުރުމަށް ހަދަންޖެހޭ ގޮތް އެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ. އަޅުގަނޑަކަށް ނޭނގެ އެވެ. އަޅުގަނޑަށް އިވެނީ އަޅުގަނޑުގެ މުވައްކިލުން ކުރާ ޝަކުވާތަކެވެ. އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ނުލިބުމުގެ ޝަކުވާ އެވެ. ކަރެކްޝަނަލް ސާވިސްއިން އެ ވާހަކަ އަޑެއް ނާހަ އެވެ. ހުރިހާ ފަރުދުންގެ މިނިވަންކަމާއި ހައްގުތަކަށް ބަލަންހުރި ޕްރޮސިކިއުޓަރ ޖެނެރަލް އެ ވާހަކަ އަޑެއް ނާއްސަވަ އެވެ. އެކަމަކު މިހުރިހާ މުއައްސަސާތަކެއް ފަތިހުގެ ކަސްރަތަށްފަހު އިރުއޮއްސުމާ ހަމައަށް އެ އުޅުއްވަނީ އަވަދިނެތި މަސައްކަތުގަ އެވެ. އަޅުގަނޑަށް އެނގެނީ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެނަމަ، އެކަމުގައ ފުރަތަމަ އަމަލުކުރަންޖެހޭ ގޮތަކީ ތަހުގީގެއް ކުރުމެވެ. މެދުވެރިވި ހާލަތެއް މެދުވެރިވީ ސަބަބު ދެނެގަނެވޭނީ އޭރުންނެވެ. އެފަދަ ކަމެއް ތަކުރާރު ނުވާނޭ ގޮތަށް ކަންކަން ހަމަޖެއްސޭނީވެސް އޭރަށެވެ. އެ ތަހުގީގު އިހުމާލުކޮށްލާނަމަ ދެން ހިނގާނީ ގޯސް މައްޗަށް ގޯހެވެ. އިސް ބޭފުޅަކު ކުރައްވާ ޓުވީޓަކުން ނުވަތަ ކީރިތިކުރެއްވުމަކުން ހާލަތު ބަދަލެއް ނުވާނެ އެވެ.