Advertisement

ވަށައިގެން ފައްތިޔާ ޖަހައި، ވާވު ޝިޕްރެކް ހިމާޔަތްކޮށްފި

10 އޮގަސްޓު 2022 - 13:57 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ


ވަށައިގެން ފައްތިޔާ ޖަހައި، ވާވު ޝިޕްރެކް ހިމާޔަތްކޮށްފި

10 އޮގަސްޓު 2022 - 13:57 0

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޝިޕްރެކްކަމުގައިވާ ވާވު އަތޮޅުގައި އޮންނަ "ވާވު ޝިޕްރެކް" ސަރަހައްދަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވަށައިގެން ފައްތިޔާތަކެއް ޖަހައިފި އެވެ.

މަސްވެރިކަމަށް މަޝްހޫރު ވާވު އަތޮޅުގެ ރަމްޒުގެ ގޮތުގައި މަޝްހޫރުވެފައި އޮންނަ ޝިޕްރެކަކީ ގިނަ ބަޔަކު ޒިޔާރަތް ކުރާ މަންޒިލެކެވެ. އެއް ފަހަރާ ފަސް, ހަ ދޯނި/ ލޯންޗު އެ ސަރަހައްދުގައި އުޅޭއިރު، އެގޮތަށް ދާ ދޯނި ފަހަރާއި ލޯންޗުތަކުން މީގެ ކުރިން ވާ އައްސަނީ އެ ޝިޕްރެކްގަ އެވެ.

"އަޅުގަނޑުމެން ޑިޒައިންކުރީ އެ ތަނުގައި ފައްތިޔާތަކެއް ޖަހައި ބޯޓުގައިވާ ހިފުން ހުއްޓުވަން ފައްތިޔާތައް ޖަހައިފަ، އެހެންވީމާ މިހާރު ހުންނާނެ ވަށައިގެން ފައްތިޔާތަކެއް، ބޯޓު ކައިރިއަށް ދާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް،" ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު މި ނޫހަށް ވިދާޅުވި އެވެ.

އެ ޝިޕްރެކްގެ އިހުތިސޯސް އޮންނަ ވާވު އަތޮޅު ކައުންސިލުން މީގެ ކުރިން ވަނީ އެ ސަރަހައްދު ހިމާޔަތްކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަވާނޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރަން ބީލަމަށް ހުޅުވާލައިފަ އެވެ.

އެހެންނަމަވެސް، ޝުޖާއު ވިދާޅުވި ގޮތުގައި ފަހުން އެ ވިސްނުން ބަދަލުކުރީ އެ ތަނުގެ ގުދުރަތީ ރީތިކަން އެ ގޮތުގައި ދެމެހެއްޓުމަށް ގިނަ ބައެއްގެ މަޝްވަރާއަށް ފަހުގަ އެވެ.

"އަޅުގަނޑުމެން ކުރިން ބެލީ އެތަން ބަލަން ދާ މީހުންނަށް ޕްލެޓްފޯމެއް ކަހަލަ ތަނެއް ހަދަން، އެކަމަކު ގިނަ މީހުންގެ ހިޔާލަކީ އެތަން ވީހާ ވެސް ބޮޑަށް އާޓިފިޝަލް ސިފަތަކެއް ނުގެނެސް، ނެޗުރަލް ގޮތަކަށް ބާއްވާށޭ ވީހާ ވެސް، ވާ ނުހިފޭނެ ގޮތަށް ހެދުމަކީ މިވަގުތަށް އެންމެ ރަނގަޅު ހައްލު،" އޭނާ ވިދާޅުވި އެވެ.

--ޝިޕްރެކުގައި ކުރިން ވާ ޖަހާފައި


ޝުޖާއު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ބޯޓުގައި ވާ ޖަހަމުން އައުމުގެ ސަބަބުން އޭގެ ގެއްލުން ބޯޓަށް ލިބުމުގެ އިތުރުން އެ ސަރަހައްދު ވަރަށް ބޮޑަށް ތޮށް ޖެހޭ ކަމަށެވެ.

"މީހުން ގިނަ ދުވަސްވަރެއްގައި ފެންނަނީ އެއިރު ވަށައިގެން ދޯނިތައް ޖަހައިގެން ތިބޭކަން، ބޯޓު [ޝިޕްރެކް]ގެ ރީތިކަން މި ފެންނަނީ އެންމެ ކައިރިން ބަނދެފައި އޮންނަ އެއްޗަށް އެރުނީމާ، އޭގެ ސަބަބުން ރީތިކަން ވަރަށް ބޮޑަށް އޮންނަނީ ގެއްލިފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ބަދަލާއެކު ގެއްލުން ކުޑަކުރެވި، އެ ކަމަށް ވެސް ފަސޭހަތަކެއް މިހާރު ވެފައިވާ ކަމަށެވެ.

ވާވު ޝިޕްރެކްގައި އޮތް ބޯޓަކީ ބެލެވިފައިވާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އެ އަތޮޅަށް އޮޔާއެކު އައި އިންޑޮނޭޝިއާއަށް ނިސްބަތްވާ ބޯޓެކެވެ. ކެޔޮދޫ ކައިރިން އޮންނަ އެ ޝިޕްރެކްއަކީ މުޅި ރާއްޖެއިން ވެސް އެންމެ ނަން މަޝްހޫރު އެއް ޝިޕްރެކެވެ.