about 3 hours 0
ލީވާން އަލީ ނާސިރު
ޒަމްޒަމް ފާރިސް
about 3 hours 0
މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ބީދޭސީންނާއި ޓޫރިސްޓުން ބިކިނީ ފަދަ ނިވައިކަން ކުޑަ ފޭރާމުގައި އުޅުން ހުއްޓުވަން ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައި ތާއިދު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ޕެޓިޝަން ހުށަހެޅޭ ގޮތަށް ހަމަޖެއްސި ފަހުން، ހުށަހެޅި ފުރަތަމަ ޕެޓިޝަނެވެ.
ޒަމްޒަމް ފާރިޝް އިއްޔެ ހުށަހެޅި މި ޕެޓިޝަނަށް މިހާތަނަށް 300 އަށް ވުރެ ގިނަ މީހުން ތާއިދުކޮށްފައިވެ އެވެ.
މަޖިލީހުގެ ގަވާއިދަށް ޕީއެންސީން ގެނައި ބަދަލުގައިވާ ގޮތުންޕެޓިޝަނެއް މަޖިލީހުގައި ކުރިޔަށް ގެންދާނީ 500 މީހުން ސޮއިކުރުމުންނެވެ.
ޕެޓިޝަންގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ ފޭރާމުގައި ބިދޭސީންނާއި ޓޫރިސްޓުން އުޅުމުގެ ސަބަބުން، އިސްލާމީ އަހުލާގާއި ދިވެހި ކާބަފައިން ދޫކުރި ރިވެތި ސަގާފަތާއި އާދަކާދަތައް ނެތިގެންދާ ކަމަށެވެ.
"ދިވެހި ކުދިން އިސްލާމީ އަހުލާގުގެ މަތީގައި ތަރުބިއްޔަތު ކުރުމަށް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް އެޅޭ،" ޕެޓިޝަންގައި ބުނެފައިވެއެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޕެޓިޝަންގައި ތިން ކަމަކަށް ވަނީ އެދިފައެވެ. އެއީ މިހާރު ހުރި ގަވާއިދުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރުމާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ކަންކުރާނެ ގޮތުގެ އިތުރު ގާނޫނުތައް މަޖިލީހުން އެކަށައެޅުން އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްދިނުން ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އާ އުސޫލުގެ ދަށުން، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ޕެޓިޝަންތަކުގައި ކަނޑައެޅިފައިވާ އަދަދަށް ރައްޔިތުން ސޮއިކޮށްފިނަމަ، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން އެ މައްސަލައެއް ބަލައި ދިރާސާކުރަން ޖެހޭނެއެވެ.
ލޯކަލް ޓޫރިޒަމުގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ރަށު ތެރޭ އުޅޭއިރު އަމަލުކުރަން ޖެހޭ މިންގަނޑުތައް މިހާރަށްވުރެ ހަރުކަށި ކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment