about 2 hours 0
މުހައްމަދު ޝަހްޒާން
އުކުޅަހުގެ ގޮނޑުދޮށް ގިނަމުން ދަނީ ވަރަށް ބާރަށް. -- ފޮޓޯ: އަދަދު
about 2 hours 0
ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއު އަދިވެސް ނުފަށައި އޮތުމުން އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް (މަނިކު) އަދަދު އަށް ވިދާޅުވީ އެ ރަށުގެ ގޮނޑުދޮށަކީ އެ ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެންމެ ބޮޑަށް ވިއްކާ އެކަތި ކަމަށެވެ. ނަމަވެސް، ރަށް ގިރުމުގެ ސަބަބުން ގޮނޑުދޮށުގެ ވަރަށް ބޮޑު ބައެއް މިހާރު ގިރާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބީޗު ގެއްލިގެންދާ މައްސަލައިގައި ކުރީ ސަރުކާރުން އެކުލަވާލައިފައި އޮތް ޕްރޮޖެކްޓެއް އެބަ އޮތް، ބީޗު ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓު އެއްގޮތަކަށް ވެސް ކުރިއަކަށް ނުގެންދޭ މި ސަރުކާރަކުންނެއް،" މަނިކު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން އެ ރަށު ކައުންސިލުގެ ފަރާތުން ވެސް އަދި ރަށު ރައްޔިތުންގެ ފަރާތުން ވެސް ތަކުރާރުކޮށް ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެދިފައިވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
ކުރިން އެއްގަމުގައި ހުރި އިމާރާތެއް މިހާރު ހުރީ ރާޅުފަށުގައި. -- ފޮޓޯ: އަދަދު
އެގޮތުން އެންމެފަހުން މިދިޔަ އޯގަސްޓު މަހު މުއިއްޒު އުކުޅަހަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް އެ ރަށުގެ ވިޔަފާރިވެރިންނާއި ރަށު ކައުންސިލުން އެ މަޝްރޫއު އަވަހަށް ފަށްޓަވައިދެއްވުމަށް އެދުނު ކަމަށް މަނިކު ވިދާޅުވި އެވެ. އަދި، އެ މަޝްރޫއުއަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި ކަމަށް މަނިކު ވިދާޅުވި އެވެ.
ނަމަވެސް މިހައިތަނަށް އެކަމުގައި އެއްވެސް އުއްމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ސަރުކާރަށް ދެ އަހަރުވެގެން ތިން އަހަރަށް ދާއިރުގައި، ތިން އަހަރު ކުރިއަށް ދާއިރުގައި އަޅުގަނޑުމެން ކައުންސިލްގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ސަރުކާރަށް މި ދަންނަވަމުންދިޔަ ދެންނެވުންތަކަކަށް އެއްވެސް އިޖާބައެއް ސަރުކާރުން ދޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" މަނިކު ވިދާޅުވި އެވެ.
އުކުޅަސް ގިރަމުން ދިޔުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް ވެސް އެބަ އޮތް
އުކުޅަހު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޖުލައި 25، 2023، ގަ އެވެ. ޖުމްލަ 28 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގަން ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އުކުޅަހުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 650 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި 90 މީޓަރުގެ ގްރޮއިން ޖަހަން ޖެހެ އެވެ. އޭގެއިތުރުން އެ ރަށުގެ ގިރާ ސަރަހައްދަށް ވެލި އެޅުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ.
އުކުޅަހުން ވާހަކަދެއްކި އެހެން މީހަކު ބުނީ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރި ފަހުން، މިއަދާ ހަމައަށް ވެސް 150 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް ގިރާލައިފައިވާ ކަމަށެވެ.
Comment