ލ. ގަމުގައި ފޫޅުމައިގެ ހިދުމަތް ދިން މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހަމައެކަނި ހުރި ފާތިމަތު ޔޫސުފް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"އެ ކުއްޖާ ދައިތަ، ފޫޅުމައި ދައިތަ"
ލ. ގަމުގައި އެ ހިދުމަތް ދިން މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރި ހަމައެކަނި ފަރާތް، ފާތިމަތު ޔޫސުފަށް އެ ރަށު މީހުން އަދިވެސް މުހާތަބު ކުރަނީ އެ ހިދުމަތާ ގުޅުވައިފަ އެވެ. ފާތިމަތުގެ ހިދުމަތުގެ ދުވަސްވަރު މީހުން ވިހަނީ އެ މީހަކު ދިރިއުޅޭ ގެއެއްގަ އެވެ. ގެއަށް އަންނަ ފޫޅުމައިންނެވެ. މާބަނޑު މީހުން ވިއްސުމުގެ މަސައްކަތް އުނގެނިގެން ތިބޭ މީހުންނެވެ. އޭރު ހޮސްޕިޓަލްތަކެއް ނުހުރެ އެވެ.
"ބަލިވެ އިނދެ ތިންމަސްވާ ހިސާބުން އެ މީހަކު ހިނގާފައި ދިޔައަސް އެ ދާ ގޮތަކުން [އޭނާ ބަނޑުބޮޑުކަން] އަހަރުމެންނަށް އެނގޭނެ، އެ ދުވަހުން ފެށައިގެން އަހަރުމެން އެ މީހުންނަށް އެހީވާން ފަށާނެ،" ފާތިމަތުގެ ތަޖުރިބާ، ރަށު ބަހުރުވައިގެން މި ނޫހަށް ކިޔައިދެމުން އޭނާ ބުންޏެވެ.
ފާތުމަތު ކިޔައިދިން ގޮތުން، ބަނޑަށް ފުރަތަމަ ހަ މަސް ވަންދެން ވެސް އެ މީހެއްގެ ކައިރިއަށް ގޮސް ހާލު ކިހިނެއްތޯ އަހައި، ވަރަށް ކައިރިން ހާލަތު ބަލަ އެވެ. ބަނޑަށް ހަތް މަސް ވުމުން އެ މީހަކު މޫދަށް ލައިދީ، އަތިރިމައްޗަށް ގެންގޮސް ބަނޑުގައި މޮޑެލަދިނުން ފަދަ ކަންކަން ކޮށްދެ އެވެ.
ފޫޅުމައެއްގެ ހިދުމަތުގައި ފާތުމަތު އުޅުނު އިރު ބޭނުންކުރި ބައެއް ސާމާނު. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"ނުވަ މަސް ވަން ދެކަށް ވެސް އެ މީހަކު ބަނޑުގައި ރިއްސާ ގޮތް ވަންޏާ ބަނޑުގައި އަތް ކާއްތާލަން ބޭނުން ވަންޏާ އަހަރުމެން ދެން ދަނޫ،" ސަތާރަ އަހަރުވަންދެން ލ. އަތޮޅުގައި ފޫޅުމައިގެ ހިދުމަތް ދެމުން ދިޔަ ފާތުމަތު ތަފްސީލްކޮށްދިނެވެ.
"ކަތުރަކާއި، ދައްޗަކާއި، ފޫޅު ބައްދަން ކުޑަ ދައްޗަކާއި، ފޫޅުމައި ފޮށިގަނޑު ހިފައިގެން އުޅެނީ،"
ފާތުމަތު ކިޔައިދިން ގޮތުން ނަމަ، އޭރު ވެސް ވިހައިގެން ބަލިވިއަސް ބޭސް ކުރެ އެވެ. ފޫޅުމައިންގެ ފަރާތުން އޭރު މާބަނޑު މީހުނަށް ދެނީ ދިވެހި ބޭހެކެވެ. ބަނޑަށް އުނދަގޫ ވިއްޔާ މަރިޔަމް ސޫރަތް ކިޔަވަ އެވެ.
"މަރިޔަމްމާ ސޫރަތް ކިޔައި އޭގެ ފެން ބޮއެ ހަދައި، ހަދައިގެން އޭގެ ރަހުމަތް ވެސް ލައްވާ،" އޭނާ ބުންޏެވެ.
މީގެ އިތުރަށް އޭރު ވެސް ކަސްރަތު ކުރުމާއި، ވަކި ގޮތަކަށް އޮށޯވެ އޮންނަން މާ ބަނޑު މީހުންނަށް ފޫޅުމައިންގެ ފަރާތުން އިރުޝާދު ދެ އެވެ.
"އަހަރުމެން ޖެހިދާޅެ އެ މީހުންނަށް ނަސޭހަތެއް ދޭން ވެސް ދޯ، ކުއްޖާ ކަނާތް ފަރާތަށް އޮންނައިރު ދެން ބަނޑަށް ތަދުވެގެން މި އުޅެނޫ، ދެން އަތް ކާއްތާލައި މޮޑެދީފައި މި ބުނަނޫ، ވާތް ފަރާތަށް އޮންނާށޭ ގިނައިން، ކަނާތް ފަރާތަށް ނޯންނާށޭ،" ފާތިމަތު ބުންޏެވެ.
"އޭރަކު ނުލިބޭ އެއްޗެއް، އޭރު އެހާ ތަދު ދުނިޔެ، އޭރު މީހަކަށް އެއްޗެއް ނުލިބޭ، ދައްތަ ހަމަ ކުރާ ހިތުން، ކުރަން ޖެހިފައި އޮންނަ ކަމަކަށް ވާތޫ ކޮށްދެނޫ،" އޭރު އެ ހިދުމަތް ކޮށްދެމުން ދިޔައީ ވެސް މާ ބޮޑު އުޖޫރައެއް ނެތި ކަމަށް ފާތިމަތު ބުންޏެވެ.
އޭނާ ބުނި ގޮތުން ނަމަ އޭނާގެ ހިދުމަތަށް އޭރު ބަޔަކު އެދިއްޖެ ނަމަ އޭނާއަށް ގޮސް ކުރެވޭ ހާލަތެއްގައި ހުރި ނަމަ އަބަދުވެސް އެ ކަން ކޮށްދެ އެވެ.
"ކިތަންމެ ވިއްސާރައަކަސް ދަން، އެހެން މީހެއް ގޮތެއް ނޭނގެ، މި ތާ އިނދެފައި ހިނގާފައި ގޮސް، މަތިމަރަދޫއަށް ގޮސް ވެސް ވިއްސުވައިދެނީ،" ތުނޑީ އަވަށުން ދުރުގައި އޮތް މަތިމަރަދު އަވަށަށް ހިނގާފައި ގޮސް ވެސް އެ ހިދުމަތް އޭރު ދީފައި ހުންނާނެ ކަން އޭނާ ފާހަގަކުރި އެވެ.
ލ. ގަމުގައި ފޫޅުމައިގެ ހިދުމަތް ދިން މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ހަމައެކަނި ހުރި ފާތިމަތު ޔޫސުފް. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ފާތިމަތު ބުނި ގޮތުގައި، އެ މަސައްކަތަކީ އޭނާ ވަރަށް ލޯބި ކުރި މަސައްކަތެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ މަސައްކަތް މަނާ ކުރިއިރު އޭގެ ބަދަލުގައި އިތުރު ތަމްރީންތަކަކާ އެކު ފޫޅުމައިން ބޭތިއްބުމަކީ ކިތަންމެހާ ވެސް ފާތިމަތު އެދުނު ކަމެކެވެ.
"ހޮސްޕިޓަލްގައި އެހެން ވިހާތީ ވެސް ދެރަވޭ، ކުދިން ކުރިން ވިހާނީ [އެ ކުއްޖެއްގެ އަމިއްލަ އުފަން] ގޭގައި، ވަރަށް ރީތި އާދަކާދައެއް އެއީ، އެކަމަކު އޭރަކު ދުނިޔެ ކަން އޮންނަ ގޮތަކަށް އެ ކަމެއް އޮންނާނޫ ދޯ،" ފާތިމަތު ބުންޏެވެ.
"އުތުރު ބައެއް ރަށްރަށުގައި، މި ބ. އަތޮޅު ރަށްރަށެއްގައި، އަދިވެސް ބައެއް ފޫޅުމައިން އެބަ ތިބި، ފޫޅުމައިންގެ އެހީގައި އެބަ ވިއްސާ، އެ ކަން އެނގުމުން ވެސް ވަރަށް އުފާވި، އެކަމަކު ދައްތަ މިހާރު އެ ކަން ކުރެވޭ ވަރެއް ނޫން،" އުމުރުން 70 އަށް ވުރެ ދޮށީ ފާތިމަތު ބުންޏެވެ.
Comment