Advertisement

ދުރާލާ ބޯޓު ރިޔަލުގައި: ޑިޒައިން ރީތި، ސްޕީޑު ބާރު!


ދުރާލާ ބޯޓު ރިޔަލުގައި: ޑިޒައިން ރީތި، ސްޕީޑު ބާރު!

ކާބަފައިންގެ ގޮތްތަކަށް އަންނަ ޒަމާނީ ބަދަލުތަކަށް ޝައުގުވެރިކަން ދީލައިނުލާނެ ދުވަސްވަރެއް ނާންނާނެ އެވެ. މިއީ ވެސް އޭގެ ފަހަރެކެވެ. ރ އަތޮޅު އިނގުރައިދޫ ނިސްބަތްވާ ދުރާލާ9 ބޯޓުގެ މަތީގައި ހަރުކޮށްފައިހުރި 36 ފޫޓުގެ ތިން ރިޔަލާއި، އޭގެ އެހީގައި ވައި ކަފަމުން ހަލުވިކޮށް އެ ބޯޓު ދުވާ ވީޑިއޯއެއް ފެނިގެން ގިނަ ބައެއްގެ ސަމާލުކަން ބޯޓަށް ލިބުނެވެ - ނާލު ބޯޓެއްގައި ރިޔާ ނަގާފައި ހުރުމަކީ ރާއްޖެއިން މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. އެކަމަކު ވައި ހެޔޮ، މޫސުން ރީތި ޖަޒީރާ ރާއްޖެއާ އެންމެ ގުޅޭ ސްޓައިލެކެވެ. ދިވެހި ކަނޑު ދަތުރުފަތުރުގެ ޒަމާންވީ މާޒީއާ ވެސް ގުޅޭ، ތިމާވެއްޓާ ރައްޓެހި ތަފާތު ވިސްނުމެކެވެ.

މީގެ ދޮޅު އަހަރުކުރިން، ރިޔާ ނަގައިގެން "ދުރާލާ ބޯޓު" ދުއްވަންފެށި ފަހުން މެދުނުކެނޑި މި ތައުރީފެއް އިނގުރައިދޫ ރޭނިގޭ އަބްދުލް ހަމީދަށް ލިބެ އެވެ. ބޯޓު ބަނދެގެން ދުވަސްކޮޅަކު ދުއްވުމަށްފަހު ވިއްކާލާ ހަމީދު، ދުރާލާ9 ވިއްކުމުގެ ހިޔާލު ނުގެންގުޅެނީ ވެސް މިކަހަލަ އެތައް ސަބަބަކާ ހެދި އެވެ.

"ކޮންމެ ބޯޓެއްވެސް އެކައްޗަށްވުރެ އަނެކަތި ރަނގަޅުކުރަން އިސްކަމެއް ދެވެނީ. މި ފަހަރު ހިޔާލަށް އައި ގޮތެއް މިއީ. ބައެއް މީހުން މަލާމާތް ވެސް ކުރި މި ބޯޓުގައި ރިޔާނަގަން ބޭނުންވެގެން އެވާހަކަ ދެއްކީމަ. އެކަމަކު ކުނބު ޖަހައި ވާތަށް ފުރާލާފައި ނިމިގެން ފުރަތަމަ ފަހަރަށް ރިޔާ ނަގައި ވައި އަޅުވާލިއިރު މުޅި ބަނދަރުމައްޗަށް މީހުން އެއްވި. ވަރަށް ސަޅިވެގެން އުޅުނު،" ކަނޑުމަގުން ދަތުރުކުރާ މީހުންނަށް އޭސީކުރި ދެ ފުލޯއާ އެކު ތިން ބުރިއަށް ނަގާފައިވާ ނާލު ބޯޓަކީ މިހާރު އޭނާއަށް ސަފާރީއަކަށްވުރެ ވަކި ދެރަ ބޯޓެއް ނޫނެވެ.

ދުރާލާ ބޯޓުގެ ގެގަނޑުގެ މަތީ ހުރި ތިން ކުނބަށް ނަގާފައިވާ ރިޔާތަކަކީ އެ ބޯޓަށް އެންމެ މިންހަމަވާ ގޮތަށް ކަނޑާފައިވާ ރިޔާތަކެއް ނޫނެވެ. ގާތްގަނޑަކަށް 90 ފޫޓު ދިގު މިނުގައި، ބަރުމިނުގައި 35 ވަރަކަށް ޓަނު ހުންނަ އެ ބޯޓަށް އެންމެ އެކަށޭނަ ވާނީ ފަރުމާނުގައި ފަންސާހަކަށް ފޫޓު ހުރެގެން ކަމަށް އޭނާ ގަބޫލުކުރެ އެވެ. އެކަމަކު މިހާރު ހަރުކޮށްފައި ހުރި 36 ފޫޓުގެ ރިޔާތަކުން ވެސް އެތައް ފައިދާ އެއް ލިބެ އެވެ.

"މިހާރު ހަރުކޮށްފައި އެހުރި ތިން ރިޔަލަކީ ރީއްޗަކަށް، ކުޑަ ބޭނުމެއް ހާސިލްކުރުމަށް މަދު ވަގުތު ހޭދަކޮށްގެން ހަރުކޮށްފައިވާ ރިޔާތަކެއް. އެކަމަކު މިހާރުވެސް ތެލުގެ ހަރަދު އެންމެ ރަނގަޅު ވަރަކަށް ކުޑަ. އަދި ބޯޓު ތެޅުވުން ކުޑަކޮށްދީ، ސްޕީޑު މާ ބޮޑަށް ވެސް ބާރުކޮށްދޭ،" ހަމީދު ކިޔައިދިނެވެ.

ކަނޑު އުޅަނދެއްގައި ރިޔާ ނެގުމުގެ އެތައް ފައިދާއެއް ހުރެ އެވެ. އޭގެ ތެރެއިން ހަމީދު ފާހަގަކުރީ ތިން ކަމެކެވެ.

"އެއް ގޮތަކީ، އިންޖީނުގެ ބޭނުން ކެނޑި، ހާލެއްގައިޖެހޭ ހާލަތަކު އެ ތިން ރިޔާ ހުޅުވާލާފައި އިނީމައި ބޯޓު ސަލާމަތްވުމުގެ ފުރުސަތު ބޮޑުވޭ. ދެވަނަ ކަމަކީ ބޯޓު މާ ބޮޑަށް ތަޅުވަން ފެށީމަ ނުވަތަ ރޯލްކުރަން ފެށީމަ ވަރަށް ބޮޑަށް ކޮންޓްރޯލްވާނެ ރިޔާތައް ނަގާފައި ހުރީމަ. ބޯޓު ބަރުވެ، ނުވަތަ އަޑިއަށް ދާން ދިމާވާ ހާލަތްތަކުގައި ރިޔަލުގައި ރަނގަޅަށް ވައި އަޅާފައި ހުރެއްޖެއްޔާ ބޯޓު މައްޗަށް ހިއްލުމުގައި ވެސް ބާރެއް އެޅޭ. ދެން ރިޔާ ނެގުމުން ދުވެލި ބާރުވޭ، ތެލުގެ ހަރަދު ފުދޭ ވަރަކަށް ކުޑަ ވޭ،"

އޭނާ ބުނީ، ރަނގަޅަށް ވައި ޖެހޭނަމަ، ބޯޓުގެ ދުވެއްޔަށް މޭލެއް އިތުރުވާ ކަމަށެވެ. މީގެ މާނައަކީ ރިޔާ ނުނަގައި 12 މޭލަށް ދުވާ ބޯޓު، ރިޔަލުގައި ވައިއަޅުވައިލުމުން 13 މޭލަށް ދުވުމެވެ. އެއީ ތެލުގެ ހަރަދުން އޭނާ އަށް މިހާރު ލިބޭ ފައިދާ އެވެ. މި ހުރިހާ ފައިދާ އަކަށް ބަލައި، ރާއްޖޭގެ ބޯޓުތަކުގައި ރިޔާ ނުނަގަންވީ ސަބަބެއް ނެތްކަމަށް ހަމީދު ގަބޫލުކުރެ އެވެ.

ރިޔާ ނެގުމަކީ ތަންކޮޅެއް ބުރަ ކަމެކެވެ. އޮޑިދޯނިފަހަރުގައި އިންޖީނު އަޅަން ފެށުމާއެކު މީހުން ރިޔާތައް ދޫކޮށްލީ އެހެންވެ އެވެ. އެކަމަކު ރިޔާ ނެގުމުން ލިބޭ ފައިދާތައް، ކުރަންޖެހޭ މަސައްކަތަށްވުރެ އެތައް ގުނަ ބޮޑުވެފައި ގިނަ ކަމަށް ހަމީދު ދެކެ އެވެ.