Advertisement

އިނގުރައިދޫ ސިއްހީ މަރުކަޒު، ފަސް ކޮޓަރީގެ ގެއެއްގައި ހިންގާތާ ދެ އަހަރު

15 ޖޫން 2025 - 09:51 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގުރައިދޫ ހެލްތު ސެންޓަރު ހިންގަމުންދާ ފަސް ކޮޓަރީގެ ގެ: އާ ސިއްހީ މަރުކަޒުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން --


އިނގުރައިދޫ ސިއްހީ މަރުކަޒު، ފަސް ކޮޓަރީގެ ގެއެއްގައި ހިންގާތާ ދެ އަހަރު

15 ޖޫން 2025 - 09:51 1

ރ. އިނގުރައިދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމެންދެން، ވަގުތީ ގޮތުން އެ ރަށުގެ ފަސް ކޮޓަރީގެ ގެއެއްގައި ސިއްހީ މަރުކަޒު ހިންގާތާ ދެ އަހަރުވެއްޖެ އެވެ.

އިނގުރައިދޫ ކައުންސިލް މެންބަރު ޒުބެއިރު އަބްދުﷲ އަދަދު އަށް ވިދާޅުވީ ވަގުތީ ގޮތުން ސިއްހީ މަރުކަޒު ގެއެއްގައި ހިންގަން ޖޫން 8، 2023 ގައި ހަވާލުކުރީ ކުރިން ސިއްހީ މަރުކަޒު ހިންގަމުންދިޔަ އިމާރާތް ތަޅާލުމަށްފަހު، އެ ތަނުގައި އާ ސިއްހީ މަރުކަޒު އަޅައި ނިމެންދެން ކަމަށެވެ.

ނަމަވެސް އާ ސިއްހީ މަރުކަޒުގެ މަސައްކަތް އޭޕްރިލް 18، 2023 ގައި ހަވާލުކުރި ފަހުން މިހާތަނަށް އެ ތަނުގައި ކުރިއަށްދިޔައީ ފުރަތަމަ ފަންގިފިލާގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކަމަށާއި މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތާ ވެސް ހަތަރު މަސް މިހާރު ވެފައިވާ ކަމަށް ޒުބައިރު ވިދާޅުވި އެވެ.

"ކުރީގެ ބާ މަރުކަޒު ތަޅާލާފައި ހަމަ އެ ސައިޓުގައި އާ މަރުކަޒު އަޅަމުންދަނީ. ގާތްގަނޑަކަށް ޕްރޮޖެކްޓް ހަވާލުކުރިތާ ދެ އަހަރާއި ތިން މަސްވީއިރުގައި ވެސް މަސައްކަތް ނިމިފައި އިނީ ހަމައެކަނި ފުރަތަމަ ބުރީގެ ކޮލަމްތައް ޖަހާލެވުނީ. މަސައްކަތް ކުރިއަށް ނުދާތާ ހަތަރު ވަރަކަށް މަސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ޒުބައިރު އިތުރަށް ވިދާޅުވީ ގެއެއްގައި ސިއްހީ މަރުކަޒު ހިންގަން ޖެހުމުން ޖާގައިގެ ދަތިކަން ދިމާވެ، އެ ތަނުގެ މުވައްޒަފުންނަށް އަދި ހިދުމަތް ހޯދާ ރައްޔިތުންނަށް ވެސް ތަކުލީފަކަށް އެކަން ވެފައިވާ ކަމަށެވެ.

"އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދިމާވޭ. މިވަރުގެ ބޮޑު ރަށެއްގައި މީހެއްގެ ހަދާފައި ހުރި ފަސް ކޮޓަރީގެ ގެއެއްގައި މަރުކަޒު ހިންގަންވީމަ ވަރަށް ބޮޑު އުނދަގޫތައް އަންނާނެ. އެ ތަނުގައި ވެސް ޖާގައިގެ ދަތިކަން އެހާބޮޑު، ވިއްސާރަވެއްޖެއްޔާ ފެން ވެސް ފައިބާ. އެއީ މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި އިނގުރައިދޫގެ ސިއްހީ މަރުކަޒު ފަސް ކޮޓަރީގައި ހިންގަމުންދަނީ 25،000ރ. ގެ ކުއްޔެއް ދީގެންނެވެ. ސިއްހީ މަރުކަޒު މިހާރު ހިންގަމުންދަނީ އެތަން ހިންގާނެ ފަރާތެއް ހޯދަން ހުޅުވާލުމުން ހަމައެކަނި ބިޑު ހުށަހަޅައި ކާމިޔާބުކުރި ފަރާތުންނެވެ.

އިނގުރައިދޫގެ އާ ސިއްހީ މަރުކަޒުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރީ 76.86 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ މަސައްކަތް ހުއްޓި ރައްޔިތުންނަށް ދަތިތައް ކުރިމަތިވާތީ މިއަދު ހަވީރު އިނގުރައިދޫ ރައްޔިތުން އިހުތިޖާޖު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

2400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އިނގުރައިދޫގެ ސިއްހީ މަރުކަޒުގައި ޑޮކްޓަރުންނާއި ނަރުހުންނާ އެކު ޖުމްލަ 37 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ސިއްހީ މަރުކަޒުން ކައިރި ރަށްރަށުންނާއި ރިސޯޓުތަކުން ވެސް ހިދުމަތް ހޯދަ އެވެ.