Advertisement

ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

18 މޭ 2022 - 11:21 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް: ރިޔާޒް ހުށަހެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައި- ފޮޓޯ: މަޖިލިސް


ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައިނުގަތް

18 މޭ 2022 - 11:21 0

ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ދިނުމަށް ގޮވާލާ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މަޖިލީހަށް މި މައްސަލަ ހުށަހަޅާފައިވަނީ އެމްއެންޕީގެ ޕީޖީ ލީޑަރު، ތިމަރަފުށީގެ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. ރިޔާޒް ހުށަހެޅުއްވި މައްސަލައިގައި ވަނީ ޕެންޝަން ގާނޫނުން ޕެންޝަންގެ ހައްގުވެރިންނަށް ލިބެން ޖެހޭ ކަމަށް ބުނާ ކަންކަން އެންމެ އެދެވޭ ގޮތުގައި ނުލިބޭ ކަމަށް އެ ޕާޓީން ކުރި ދިރާސާއަކުން ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ޕެންޝަންގެ ގޮތުގައި ލިބެންޖެހޭ 5،000 ރުފިޔާ ޕެންޝަންގެ ހައްގުވެރިންނަށް ނުލިބޭ ކަމަށް ބުނެފައިވެ އެވެ.

"މިސާލެއްގެ ގޮތުން 3،000 ރުފިޔާނަމަ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5،000 ރުފިޔާގެ ތެރެއިން 3،000 ރުފިޔާ އުނިކޮށް 2،000 ރުފިޔާ އާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3،000 ރުފިޔާއާއެކު މުޅި ޖުމްލަ އެ ފަރާތަކަށް ލިބިގެން ދަނީ 5،000 ރުފިޔާ،" ރިޔާޒްގެ މައްސަލައިގައި ބުނެފައިވެ އެވެ.

އެ މައްސަލައިގައި ބުނީ އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި ރިޓަޔާމެންޓް ޕެންޝަނަކީ މުޅިން ދެ އެއްޗަކަށް ވެފައި، މިއީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ ގާނޫނު އަލުން މުރާޖައާކޮށް، ޕެންޝަންގެ ހައްގު އެންމެ ފުރިހަމައަށް ދިނުމަށް ވަނީ ގޮވާލާފަ އެވެ.

ރިޔާޒް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސް ކުރުމާމެދު ގޮތެއް ނިންމަން ނެގި ވޯޓުގައި، 19 މެމްބަރުންގެ ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެމްބަރުންނެވެ. ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވެ އެވެ.