Advertisement

ފައިސާ ޗާޕުކުރުމާ ދެކޮޅު ހެދުމަށް އިސްތިއުފާ ދިން އިނާޒްގެ ބަދަލުގައި ޕެންޝަން އޮފީހުގެ ބޯޑަށް ޗެއާޕާސަނަކު ހޯދަނީ


ފައިސާ ޗާޕުކުރުމާ ދެކޮޅު ހެދުމަށް އިސްތިއުފާ ދިން އިނާޒްގެ ބަދަލުގައި ޕެންޝަން އޮފީހުގެ ބޯޑަށް ޗެއާޕާސަނަކު ހޯދަނީ

ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އިސްތިއުފާ ދީފައިވާތީ އެ މަގާމަށް މީހަކު ހޯދުމަށް މިއަދު އިއުލާން ކޮށްފި އެވެ.

ޖޫން 2022 ގައި ޕެންޝަން ބޯޑުގެ ޗެއާމަން އަކަށް އައްޔަން ކުރި އަހުމަދު އިނާޒު އިސްތިއުފާ ދެއްވީ ފެބްރުއަރީ 1، 2026 ގަ އެވެ. އޭނާގެ އިސްތިއުފާގެ ކުރިންނާއި ފަހުން ވެސް އެ އޮފީހުގެ ބޯޑުން ބައެއް މެންބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.

"ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަގީންކުރެވޭނެ،" ޕެންޝަން އޮފީހުގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތަކީ ވިޔަފާރި، އިގުތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުމާއެކު ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްގެ ތަޖުރިބާ ލިބިފައިވުމެވެ.

އެ މަގާމަށް މީހަކު އައްޔަނުކުރާނީ ޝޯޓްލިސްޓްވާ މީހުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އިނާޒުގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދިނެވެ. އޭގެ ފަހުން މި ސަރުކާރުން ބޯޑަށް އައްޔަނުކުރި މާދިން ލަތީފް ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.

އިނާޒު އިސްތިއުފާ ދެއްވަމުން ވިދާޅުވީ، 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރު ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ "އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް" ކަމަށެވެ.

"އެމްއެމްއޭ މެދުވެރިކޮށް މި މުއާމަލާތަށް ފައިސާ ހޯދުމަކީ އިގްތިސާދަށް މިހާލަތުގައި ގެއްލުން ބޮޑު ނިންމުމެއްކަމަށް ޓެކްނިކަލީ ގަބޫލްކުރެވޭތީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު ގެ ޗެއާޕާސަން ކަމުން މިއަދުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފިން،" ކުރިން ފިނޭންސް މިނިސްޓަރަކަށް ވެސް ހުންނެވި އިނާޒް ވިދާޅުވެފައިވެ އެވެ.

ސަރުކާރުން މަސައްކަތް ކުރަނީީ 2.4 ބިލިއަން ރުފިޔާ ޗާޕު ކުރާށެވެ. އެކަން ކުރަން އުޅޭ ގޮތަކީ، ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑުތަކަކަށް އިންވެސްޓުކޮށްގެންނެވެ. އެ އިޖުރާއަތްތައް ކުރިއަށްގެންދާ ގޮތުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވާނެ އެވެ.