Advertisement

ޕެންޝަން ފަންޑުގައި ހުރީ 28 ބިލިއަން، 17 ބިލިއަން ވަނީ ސަރުކާރަށް އިންވެސްޓުކޮށްފައި

16 ފެބުރުވަރީ 2026 - 13:01 1

އަމަން ހަލީމް

އަމަން ހަލީމް

ޕެންޝަން ފަންޑު ބަލަހައްޓާ ޕެންޝަން އޮފީސް: ޕެންޝަން ފަންޑުގެ ކުރިމަގު ބަރޯސާވަނީ ސަރުކާރުގެ މާލީ މުސްތަގުބަލަށް --- ފޮޓޯ: އެމްވީރިޕަބްލިކް


ޕެންޝަން ފަންޑުގައި ހުރީ 28 ބިލިއަން، 17 ބިލިއަން ވަނީ ސަރުކާރަށް އިންވެސްޓުކޮށްފައި

16 ފެބުރުވަރީ 2026 - 13:01 1

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ފަންޑުގައި ހުރި 28 ބިލިއަން ރުފިޔާގެ ތެރެއިން 17 ބިލިއަން ރުފިޔާ ހުރީ ސަރުކާރުގައި އިންވެސްޓުކޮށްފައި ކަން ޕެންޝަން އޮފީހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާތައް ކޮބައިތޯ އަދަދު ނޫހުން ބެލީ އެ ފަންޑުން ކުރިން ގަނެފައި ހުރި ޓީބިލުތަކަކާއި ބޮންޑުތަކެއް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ އަލުން ސަރުކާރަށް އިންވެސްޓުކުރަން އުޅޭ މައްސަލައިގެ ވަށައިގެން ހުރި ކަންބޮވުންތަކާ ގުޅިގެންނެވެ.

އެ ގޮތުން މި ނޫހުން ވަނީ ޕެންޝަން އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ފަންޑުތަކުގައި ހުރި ފައިސާގެ އަދަދާއި އެ ފަންޑުން އިންވެސްޓުކޮށްފައި ހުރީ ކޮން ގޮތަކަށް، ކޮން ތަނެއްގައިތޯ ހިސާބުކޮށްފަ އެވެ.

ޕެންޝަން ސްކީމުގެ ޖުމްލަ ފަންޑު އެކުލެވިގެންވަނީ ރެކޮގްނިޝަން ބޮންޑުގެ އަގާއި ޕެންޝަން ސްކީމަށް ޖަމާކުރާ ފައިސާ ހިމަނައިގެންނެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ

  • ޖުމްލަ ފަންޑު - 27.9 ބިލިއަން ރުފިޔާ
  • އެސެޓުތައް - 23.7 ބިލިއަން ރުފިޔާ
  • ރެކޮގްނިޝަން ބޮންޑު - 4.2 ބިލިއަން ރުފިޔާ
  • އިންވެސްޓުކޮށްފައި ހުރި އަދަދު - 21.7 ބިލިއަން ރުފިޔާ
  • ސަރުކާރުގައި އިންވެސްޓުކޮށްފައި ހުރި އަދަދު - 17.7 ބިލިއަން ރުފިޔާ
  • އެހެން އިންވެސްޓުމަންޓުތަކުގެ ޖުމްލަ - ހަތަރު ބިލިއަން ރުފިޔާ

ޕެންޝަން ފަންޑުގެ ތެރޭގައި ރެކޮގްނިޝަން ބޮންޑަކީ މިހާރުގެ ޕެންޝަން ނިޒާމު ވުޖޫދުވުމުގެ ކުރިން ސަރުކާރު މުވައްޒަފުންނަށް ލިބެމުން އައި 20/40/60 އަހަރުގެ ޕެންޝަނުގެ ގޮތުގައި އެހާތަނަށް ހުރި އަދަދު ބޮންޑަކަށް ބަދަލުކުރުމަށް ފަހު، އަހަރުންއަހަރަށް އިންޓްރެސްޓު ޖަމާވާ ގޮތަށް އޮންނަ ބޮންޑެކެވެ.

މި ބޮންޑުގެ ފައިދާ ލިބެނީ 2010 ގެ ކުރިން ޕެންޝަން ލިބުނު މުވައްޒަފުންނަށް އެކަންޏެވެ. ބޮންޑުގެ އިންޓްރެސްޓާއި ބޮންޑު ހައްގުވާ މުވައްޒަފަކު ރިޓަޔާކުރާއިރު އެ މީހެއްގެ ޕެންޝަން އެކައުންޓަށް ޖަމާވާ ފައިސާ ދައްކަނީ ފިނޭންސް މިނިސްޓްރީންނެވެ.

ރެކޮގްނިޝަން ބޮންޑުގެ ފައިސާއަކީ ޕެންޝަން އޮފީހަށް އިންވެސްޓުކުރެވޭ ފައިސާތަކެއް ނޫނެވެ. އެ އޮފީހަށް އިންވެސްޓުކުރެވެނީ ޕެންޝަން ފަންޑުގެ ބައިވެރިން އެ ފަންޑަށް ޖަމާކުރާ ފައިސާ އެވެ.

ޕެންޝަން ފަންޑަށް އިންވެސްޓުކުރެވޭ ގޮތަށް ހުރި އެސެޓުތައް ނުވަތަ "އެސެޓްސް އަންޑާ މެނޭޖުމަންޓު" ގެ އަގު 23.7 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެން އިންވެސްޓުކޮށްފައި ހުރި ޖުމްލަ އަދަދު 21.7 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓުތަކުގެ ތެރެއިން 75 ޕަސެންޓު ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހުރީ ސަރުކާރުގެ އިންވެސްޓްމަންޓުތަކުގައި ބަނދެވިފަ އެވެ. އެންމެ ގިނަ އަދަދަކަށް އިންވެސްޓްކޮށްފައި ހުރީ ޓީބިލުތަކަށެވެ. ދެން އިންވެސްޓުކޮށްފައި ހުރީ ދިގު މުއްދަތުގެ ބޮންޑުތަކަށާއި ވަކާލާ ބޮންޑުތަކަށެވެ.

ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓުތައް

  • ޓީބިލު - 11.4 ބިލިއަން ރުފިޔާ
  • ޓްރެޒަރީ ބޮންޑު - 5.3 ބިލިއަން ރުފިޔާ
  • ފިކްސްޑް ޑިޕޮސިޓް - 1.5 ބިލިއަން ރުފިޔާ
  • ވަކާލާ - 949 މިލިއަން ރުފިޔާ
  • އިކުއިޓީ - 859 މިލިއަން ރުފިޔާ
  • ވަކާލާ ޑިޕޮސިޓް - 702 މިލިއަން ރުފިޔާ
  • ސުކޫކް - 377 މިލިއަން ރުފިޔާ
  • ޖެނެރަލް އިންވެސްޓްމަންޓް - 277 މިލިއަން ރުފިޔާ
  • ފިކްސްޑް އިންކަމް ބޮންޑް - 230 މިލިއަން ރުފިޔާ

ޕެންޝަން ފަންޑުގެ ދަށުގައި ފަސް ފަންޑެއް އޮވެ އެވެ. އެންމެ ބޮޑު ފަންޑަކީ 21.4 ބިލިއަން ރުފިޔާ ހުރި އިންވެސްޓްމަންޓް ފަންޑެވެ. ދެން އޮންނަނީ ޝަރީއާ ފަންޑަކާއި ހައުސިން ފަންޑަކާއި ކޮންޒާވެޓިވް ފަންޑެއްގެ އިތުރުން ޝަރީއާ ކޮންޒާވެޓިވް ފަންޑެކެވެ.

ޕެންޝަން ފަންޑުން ކޮށްފައި ހުރި އިންވެސްޓުމަންޓުތަކުގެ ތެރެއިން އެންމެ ބޮޑު ރިޓާންއެއް ލިބެނީ ވެސް، ފަންޑުގެ ބޮޑު ބައި އިންވެސްޓުކޮށްފައި ހުރި ޓީބިލުތަކުންނެވެ. އެ އޮފީހުގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި އެ އަހަރު އެކަނި، 488 މިލިއަން ރުފިޔާ ލިބުނެވެ.

މިހެން ނަމަވެސް އިންވެސްޓުކޮށްފައި ހުރި އަދަދުގެ ނިސްބަތުން އެންމެ ބޮޑު ފައިދާއެއް ލިބެނީ އިކުއިޓީ ނުވަތަ ކުންފުނިތަކުން ގަނެފައިވާ ހިއްސާގެ ފައިދާގެ ގޮތުގަ އެވެ. ޕެންޝަން ފަންޑުން ވަނީ ހަތަރު ކުންފުންޏަކުން ހިއްސާ ގަނެފަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދިރާގާއި އުރީދޫ އެވެ.

ޕެންޝަން ފަންޑުން ވަނީ ދިވެހި ކުންފުނިތަކުން ވިއްކާފައިވާ ސުކޫކާއި ފިކްސްޑް އިންކަމް ބޮންޑުތަކުގައި ވެސް އިންވެސްޓުކޮށްފަ އެވެ. އެ ކުންފުނިތަކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ޔޫރޯގެ އިތުރުން މެޑްޓެކް އާއި އައިކެއާ އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޯޕަރޭޝަން (އެމްއެފްއެލްސީ) އެވެ.

ޕެންޝަން ފަންޑުން އެއްވެސް ފައިސާއެއް ބޭރުގައި އިންވެސްޓުކޮށްފައި ނެތެވެ. އެ ފަންޑު ވުޖޫދުވީއްސުރެން މިއަދާ ހަމައަށް އިންވެސްޓުކުރި ހުރިހާ ފައިސާއެއް ކުރީ ދިވެހި އިގުތިސޯދަށެވެ. މި އާއި ފަންޑުގެ ބޮޑު ބަޔެއް ސަރުކާރުގައި އިންވެސްޓުކޮށްފައި އޮތުމުން، ޕެންޝަން ފަންޑުގެ ބައިވެރިންގެ މުސްތަގުބަލުގެ އާމްދަނީ ވަނީ ދިވެހި އިގުތިސޯދުގެ ހާލަތާއި ސަރުކާރުގެ މާލީ ހާލަތާ ގުޅިލާމެހިފަ އެވެ.