14 މޭ 2022 - 16:44 0
އަހުމަދުﷲ އަބްދުލްހާދީ
ވިއްސާރަ ދުވަހެއްގައި މަތިންދާބޯޓެއް ވީއައިއޭއަށް ޖައްސަނީ: މިއަދުގެ ވިއްސާރަގައި ހަތަރު ވަރަކަށް ފްލައިޓް ވަނީ ހޯލްޑްކުރަން ޖެހިފަ. ފޮޓޯ: މުހައްމަދު ޝާބިން
14 މޭ 2022 - 16:44 0
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ ވިސިބިލިޓީ ދަށްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް އޮޕަރޭޝަންތަކަށް ބުރޫ އަރައިފި އެވެ.
ވެލާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މިއަދު ހެނދުނުން ފެށި ކުރަމުންއަންނަ ވިއްސާރައިގެ ސަބަބުން ވީއައިއޭއަށް ވަރަށް ވައިގަދަވެ، ވިސިބިިލިޓީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ.
"ރާއްޖެއިން ބޭރުން ރާއްޖެ އައި ހަތަރު ވަރަކަށް ފްލައިޓް ހޯލްޑު ކުރަން ޖެހުނު. ވަރަށް ވައިގަދަ ހަމަ މިކޮޅަށް. ވިސިބިލިޓި ވެސް އެހާ ދަށް. އެހެންވެ، އެފަދަ ހާލަތްތަކުގައި ލޭންޑްކުރަން އެންމެ ރަނގަޅު ނުވާނެތީ،" އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހާލަތަށް ބަލައި ޑޮމެސްޓިކް ފްލައިޓްތައް ވެސް ހޯލްޑްކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ވިއްސާރަ ކުޑަކޮށް މަޑުވެފައިވާތީ އެނބުރި އާންމު ހާލަތަށް އޮޕަރޭޝަންތައް އަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން ރަންވޭ ފެނުން ފަދަ ވިސިބިލިޓީ މައްސަލަތަކާހެދި ބައެއް ފަހަރު އޮޕަރޭޝަންތަކަށް މީގެ ކުރިން ވެސް ބުރޫ އަރަ އެވެ.
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައާ ގުޅިގެން މިއަދު މޫސުމާ ބެހޭ އިދާރާގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ބުނީ ކުރިއަށް އޮތް 24 ގަޑި އިރު ވެސް ރާއްޖޭގެ އުތުރާއި މެދުތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ އިރު، ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތިން ފެށިގެން މެދުތެރޭގައިވާ މުލަކަތޮޅާ ހަމައަށް މިހާރު ވެސް އޮތީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ ބޯކޮށް ވާރޭ ވެހުމާއި އެކު ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ އެވެ.
މެޓް އޮފީހުން އެންމެ ފަހުން ނެރުނު އެލާޓްގައިވާ ގޮތުން މި ސަރަަހައްދުގައި އާއްމު ގޮތެއްގައި 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭ އިރު ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވެ އެވެ.
Comment