Advertisement

މަޖީދިއްޔާ އަށް ގަރުނެއް ފުރެން ދާއިރު؛ 95 އަހަރުވީ ތައުލީމީ ދަތުރުގެ ހާއްސަ ހަނދާންތަކާއި ތާރީހުތައް

މަޖީދިއްޔާ ސްކޫލްގެ ބޭންޑު އެންމެ ފުރަތަމަ އުފެއްދި ދުވަސްވަރު އޭރުގެ ހެޑްމާސްޓަރުކަަށް ހުންނެވި އަލްމަރުހޫމް އުމަރު ޒާހިރު އާއެކު ނަގާފައިވާ ގްރޫޕް ފޮޓޯއެއް. --- ފޮޓޯ: މަޖީދިއްޔާ އާކައިވް


މަޖީދިއްޔާ އަށް ގަރުނެއް ފުރެން ދާއިރު؛ 95 އަހަރުވީ ތައުލީމީ ދަތުރުގެ ހާއްސަ ހަނދާންތަކާއި ތާރީހުތައް

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލަށް ގަރުނެއް ފުރެން ބާކީ އޮތީ ފަސް އަހަރެވެ. އެތައް ހާސް ބަޔަކަށް ތައުލީމު ދީ، އުލޫމުން ގިނަ އަދަދެއްގެ ހިދުމަތްތެރިން ގައުމަށް އުފަންކުރުވި ތާރީހީ ސުކޫލުގެ ދިގު ދަތުރުގެ މާޒީ އާއި އެންމެ ހާއްސަ ހަނދާންތައް އާކުރަން މިއީ މުނާސަބު ވަގުތެކެވެ. މަޖީދިއްޔާ ފާހަގަކުރަމުން އެ ދަނީ އެ ސުކޫލުން ދިއްލި ތައުލީމީ ވޮށުގެ އަލި ފަނޑުނުވެ އެގޮތުގައި އަލިކަން ފަތުރަމުން އަންނަތާ 95 ވަނަ އަހަރު ފުރުމުގެ އަހަރީ އުފަލެވެ.

އާޓިކަލް ގައި މި ހިމަނާލަނީ މަޖީދިއްޔާ ސްކޫލުގެ ދިގު ތައުލީމީ ދަތުރުގެ ހާއްސަ ހަނދާންތަކާއި ތާރީހީ މަދުރަސާގެ އެންމެ މުހިއްމު ތާރީހުތަކާއި އުސް އަލިތަކެވެ.

މަޖީދިއްޔާ ސްކޫލުގެ ފެށުމަކީ 19 އޭޕްރިލް 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ކިޔަވައިދޭން ފެށި މަދަރުސާއެވެ. އެ މަދަރުސާ ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހިންގުމަށް ނިންމެވީ، ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށް ޝެއިހް އިބްރާހިމް ރުޝްދީ އަލްއަޒްހަރީއާއި ޝައިހް ހުސައިން ސަލާހުއްދީން ދެއްވި ލަފާގެ މަތީންނެވެ.

މި މަދަރުސާގެ ކިޔެވުން ފަނޑިޔާރުގޭގައި ފެށުނު ނަމަވެސް ޖާގައިގެ ދަތިކަމާހުރެ، ވަރަށް އަވަހަށް ސްކޫލުގެ ކިޔެވުން އެހެން އިމާރާތަކަށް ބަދަލު ކުރެވުނެވެ. އަދި މި ބަދަލާއެކު، ސްކޫލުގެ ނަން، މަދަރުސަތުއް ސަނިއްޔަތުލް ހުކޫމަތުލް މަހަލްދީބިއްޔާ ނުވަތަ އާއްމު ނަމުންނަމަ، މަދަރުސަތުއް ސަނިއްޔާ އަށް ބަދަލު ކުރެވުނެވެ. އެއީ، 6 ޖޫން 1928 ގައެވެ. އެދުވަސްވަރު މަދަރުސާގައި ކިޔަވަމުން ގެންދިޔަކަމަށް ރިކޯޑުތަކުން ދައްކަނީ، 69 ފިރިހެން ކުދީންނެވެ. އަދި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ދެދަންފަޅިއަކަށެވެ.

މަޖީދިއްޔާ ސްކޫލްގައި ތައުލީމު ހާސިލްކުރި ދަރިވަރުންތަކެއް --- ފޮޓޯ: މަޖީދިއްޔާ އާކައިވް


މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާ އުފައްދާފައިވަނީ 7 ޖުލައި 1946 ގައެވެ. މި ޖަމްއިއްޔާގެ އިފްތިތާހު ކުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން، ސްކޫލުގެ މުސްކުޅި ދަރިވަރުންނާއި އެއިރު ކިޔަވަމުން ދިޔަ ދަރިވަރުންގެ މެދުގައި ހާއްސަ ފުޓުބޯޅަ މެޗެއް ކުޅެވުނެވެ.

މަދަރުސަތުލް ސަނިއްޔާގެ ނަމުގައި މަދަރުސާ ހިނގަމުންދަނިކޮށް، 6 އެޕްރީލް 1947ގައި، މަދަރުސާގެ ނަން ސުލްތާން މުންތަހަބް އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނަށް ނިސްބަތް ކުރުމަށްޓަކައި، މަދަރުސަތުލް މަޖީދިއްޔާއަށް ބަދަލު ކުރެވުނެވެ. މިރަސްމިއްޔާތުގައި، އޭރު ދައުލަތް ހިންގެވުމާ ހަވާލުވެ ހުންނެވި ސުމުއްވުލް އަމީރު މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ބައިވެރިވެ ވަޑައިގަތެވެ. މިރަސްމިއްޔާތުގައި ސްކޫލުގެ ނަން، ބަދަލު ކުރައްވައި އެކަން އިފްތިތާހު ކޮށްދެއްވީ، މަދަރުސާގެ ބާނީ، ފަލީޟަތުއްޝައިހް ހުސައިން ސަލާހުއްދީނެވެ.

ނަވާރަސަތޭކަ ފަންދޮޅަހުގެ ތެރޭގައި ސްކޫލުގައި އިނގިރޭސި މީޑިއިއަމަށް ކިޔަވައިދޭން ފެށުނެވެ. ޖީސީއީ އޯލެވެލްގެ ފުރަތަމަ ކިލާސްތައް ފެށުނީ 1960 ގައެވެ.

ސްކޫލްގެ ޔުނީފޯމް ހުދުގަމީހާއި ފަޓްލޫނަށް ބަދަލު ކުރީ 1962 ގަ އެވެ.

އެގާރަ ފެބުރުވަރީ 1962 ގައި، ސްކޫލުގައި ޕްރިފެކްޓުން ތައާރަފްކޮށް ފުރަތަމަ ބެޗު އިންތިހާބު ކުރިއެވެ.

ސްކޫލުގެ ކެޑޭޓް ކޯއިން ބޭއްވި އެންމެ ފުރަތަމަ ޝަރަފުގެ ހިނގާލުން ބޭއްވުނީ، 8 މާރިޗު 1962 ގައެވެ. އަދި ސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވުނު ފުރަތަމަ ފުޓުބޯޅަ މުބާރާތް ބޭއްވުނީ، 15 ޖޫން 1957 ގައެވެ. އަދި އެންމެ ފުރަތަމަ ހޮކީ މުބާރާތް ބޭއްވުނީ، 8 ނޮވެންބަރު 1962 ގައެވެ.

މަޖީދިއްޔާ ސްކޫލްގެ ކެޑޭޓު ކޯ އިން އެންމެ ފުރަތަމަ މާލޭގައި ބޭއްވި ރޫޓު މާޗުގެ ތެރެއިން --- ފޮޓޯ: މަޖީދިއްޔާ އާކައިވް


މަޖީދިއްޔާ ސްކޫލުގައި އެންމެ ފުރަތަމަ ސްކައުޓް ހަރަކާތް ތައާރަފް ކުރެވުނީ 1956 މޭ 30 ވަނަ ދުވަހުއެވެ. މިއީ، ސްކައުޓް ހަރަކާތް ރާއްޖޭގައި ތައާރަފު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި 1961 ގައި ސްކޫލަށް ޖިމްނާސްޓިކްސް ތައާރަފް ކުރި އެވެ. ކަބްސްކައުޓުންގެ އެންމެ ފުރަތަމަ ވައުދުވުން ބޭއްވިފައިވަނީ، 18 ޖޫން 1963 ގައެވެ.

މަޖީދިއްޔާގެ ކުދިންގެ މެދުގައި ގާއިމު ކުރެވިފައިވާ ދިވެހި އަދަބީ ޖަމިއްޔާ އެކުވެރިގެން ގުޅުން، އުފެދުނީ 14 ފެބުރުވަރީ 1964 ގައެވެ. އެއީ ޖަމްއިއްޔާގެ ހިންގުން އެއިރު އޮތީ ސްކޫލު ކުދީންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ހަމަ މިއަހަރު، އިނގިރޭސި އަދަބީ ޖަމްއިއްޔާވެސް އުފެއްދިއެވެ. މި ދެ ޖަމްއިއްޔާގެ އުފެއްދުމުގެ މަގްސަދަކަށްވީ، އިލްމީ އަދި އަދަބީ ހަރަކާތްތައް ކުރިއެރުވުމަށް ބާރުއެޅުމާއި އަދި ދަރިވަރުންގެ އިސްނެގުމުގެ ހުނަރު ކުރިއެރުވުމެވެ.

27 ދަރިވަރުންނާއެކު މަޖީދިއްޔާ ސްކޫލުގެ ބްރާސް ބޭންޑް އުފެއްދީ 1965 ގައެވެ.

އަދި ސްކޫލުގައި އުފެއްދުނު ފުރަތަމަ ކްރިކެޓް ކްލަބް އުފެއްދީ 1966 ގައެވެ.

އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް އިމްތިހާނުގައި މަޖީދިއްޔާގެ ދަރިވަރުން ބައިވެރިވީ، 1967 ގައެވެ. މި މޭލުގާ ހާސިލުކުރުމަށް، ސްކޫލުގެ ދަރިވަރުނާއި ޓީޗަރުން 6 އަހަރު ދުވަހު މަސައްކަތް ކުރިއެވެ. އޭރު ސްކޫލުގެ ޕްރިންސިޕަލް އަކަށް ހުންނެވީ މިސްޓަރ ޖޭ.ވީ ހިލްއެވެ. އަދި ހެޑްމާސްޓަރަކީ، އޮނަރަބަލް އުމަރު ޒާހިރު (ނ.ޢ.ޢ.ވ) އެވެ.

ސްކޫލުގެ ނަން މަދަރުސަތުލް މަޖީދިއްޔާއިން، މަޖީދިއްޔާ ސްކޫލަށް، ބަދަލު ކުރެވުނީ 27 މޭ 1969 ގައެވެ.

ސައްބީސް މާރިޗު 1968 ގައި، ސްކޫލުގެ ކެޑޭޓް ކޯ އިން ބައިވެރިވި ރާއްޖޭން ބޭރުގެ ފުރަތަމަ ކެޑޭޓް ހަރަކާތުގައި ބައިވެރިވުމަށް، ބައެއް ދަރިވަރުން ސްރީލަންކާއަށް ދަތުރު ކުރިއެވެ. އެކުދިން ދަތުރު ކުރީ، ކަނޑުމަގުން، އެމްވީ އަދަރަންފަރުގައެވެ.

13 އޮގަސްޓު 1969 ގައި މަޖީދިއްޔާ ސްކޫލުގެ ސީ ސްކައުޓް ސެކްޝަންގެ ސްކައުޓުން، އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ހަރަކާތުގައި ބައިވެރިވެއެވެ. އެއީ، ސްރީލަންކާގައި ބޭއްވުނު ސްކައުޓް ކޭންޕެކެވެ.

1990 ވަނަ އަހަރު ދާރުލްއުލޫމް ހޯލުގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: މަޖީދިއްޔާ އާކައިވް


މަޖީދިއްޔާ ސްކޫލުގެ ރަންޔޫބީލް ފާހަގަކުރީ 1977 ވަނަ އަހަރު އެވެ. އޭރު ސްކޫލުގައި ތިބީ، 989 ދަރިވަރުންނެވެ. ސްކޫލުގެ 50 އަހަރުގެ ތައުލީމީ ކާމިޔާބީ ފާހަގަކުރުމަށްޓަކައި، 19 އެޕްރީލު ގައި ހާއްސަ ހަފްލާއެއް ބޭއްވުނެވެ. މި ގޮތުން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހާއްސަ މަޖައްލާއެއް ނެރުމާއި ސްކޫލު ދަރިވަރުންގެ ހިނގާލުމެއް ބޭއްވުނެވެ. ރަންޔޫބީލް ހަރަކާތްތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އެކަމަށްޓަކައި ބޭއްވުނު ޔޫބީލް ކާނިވަލެވެ. 20 އެޕްރީލް 1977 ގައި ފެށުނު މިކާނިވަލަށް މުޅި ޤައުމުގެ ނަޒަރު ހުއްޓުނެވެ. ރަންޔޫބީލް ފާހަގަކުރުމަށްޓަކައި ސްކޫލުގެ ތާރީހު ދައްކައިދޭ ހާއްސަ ތަމްސީލެއް ވެސް ހުށަހެޅުނެވެ.

މަޖީދިއްޔާ ސްކޫލުގެ މުގައްރަރުގެ ތެރެއަށް ކޮމްޕިޔުޓަރ ސްޓަޑީޒް ތައާރަފު ކުރެވުނީ، 1987 ގައެވެ. އަދި 1989ގައި މިމާއްދާއިން ޖީސީއީ އޯލެވެލް އިމްތިހާނުގައި ސްކޫލުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސްކޫލްގެ ދަރިވަރުންގެ އިލްމީ މަސައްކަތަށް ފަސޭހަ ކުރުމަށްޓަކައި 1991 ގައި ސްކޫލުގައި ފޮތް ފިހާރައެއް ހުޅުވުނެވެ.

ސްކޫލަށް، އިލްމީ އަދި ހިންގުމުގެ ގޮތުން އިރުޝާދު ދިނުމަށްޓަކައި ސްކޫލް ބޯޑެއް އެންމެ ފުރަތަމަ އުފެއްދީ 1994 ގައެވެ. އެންމެ ފުރަތަމަ ސްކޫލު ބޯޑުގެ ޗެއަރމަންއަކީ އަލްފާޟިލް މައިޒާން އާދަމް މަނިކެވެ.

1995 ފާހަގަކުރެވުނީ ސްކޫލުގެ އެކުވެރިންގެ ގުޅުމުގެ ރަން ޔޫބީލް އަހަރުގެ ގޮތުގައެވެ. މިކަން ހާއްސަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި މާލެގެ ހުރިހާ ސާނަވީ ސްކޫލުތަކަކަށް ދައުވަތު ދީގެން، އަހަރީ އަދަބީ ޙަފްލާއެއް ބާއްވަން ފެށުނެވެ. އަދި މިމުނާސަބާއާ ގުޅުވައިގެން އެކުވެރިންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރަން ފެށިއެވެ.

2002 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތަކުގައި މަޖީދިއްޔާގެ ދަރިވަރުން އައިޓަމެއް ހުށަހަޅައިދެނީ --- ފޮޓޯ: މަޖީދިއްޔާ އާކައިވް


19 އެޕްރީލް 1992 ގައި ސްކޫލުގެ 65 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޓައިމްކެޕްސޫލެއް ވަޅުލެވުނެވެ. މި ކެޕްސޫލް ވަޅުލީ ސްކޫލުގެ އޭރުގެ ދަރިވަރުންނާއި، މުވައްޒަފުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ހެޔޮ އެދޭ ފަރާތްތަކުގެ މެސެޖްތަކާ އެކުގައެވެ.

މި ކެޕްސޫލް ހުޅުވާ ގޮތަށް ނިންމާފައި އޮތީ ސްކޫލަށް 100 އަހަރު ފުރޭ އަހަރީ ދުވަހުއެވެ.

މަޖީދިއްޔާ ކެޑޭޓް ހަރަކާތުގެ ރަންޔޫބީލް ފާހަގަކުރީ 1995 ގައެވެ. މި އަހަރު ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯވެސް އުފެއްދިއެވެ.

ސްކޫލު ނިންމާ ކޮންމެ ދަރިވަރަކީ ކޮމްޕިޔުޓަރަށް އަހުލުވެރި ދަރިވަރަކަށް ހެދުމަށް ހާއްސަ ޕްރޮގްރާމެއް 1997 ގައި މަޖީދިއްޔާ ސްކޫލުގައި ފެށިއެވެ.

އަދި، 1997 ގައި މަޖީދިއްޔާ ސްކޫލަށް ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުން އެއްވަށް ވިދިވިދިގެން ތިންވަނަ ފަރަށް ލިބުނެވެ.

ދެހާސް އެކެއްގައި މަޖީދިއްޔާ ސްކޫލުގެ ތައުލީމީ އަމާޒު ކެމްބްރިޖް އޯލެވެލް އިމްތިހާނަށް އަމާޒު ކުރެވުނެވެ. މިއީ، ރާއްޖޭގެ ސާނަވީ އިމްތިހާނު، ލަންޑަން އޯލެވެލް އިން ކެމްބްރިޖް އޯލެވެލް އަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމެވި ނިންމެވުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ.

ސްކޫލުގައި ގްރޭޑް 6 އަދި 7 އަށް ކިޔަވައި ދިނުން ހުއްޓާލުމާ ގުޅިގެން ސްކޫލުގެ ދަރިވަރުންގެ އަދަދު މަދުވިއެވެ. 2001 ވަނަ އަހަރު ފެށުނު އިރު، ދަރިވަރުންގެ އަދަދަކީ 2117 އެވެ.

ދެ ސަބަބަކަށްޓަކައި 2002 އަކީ މަޖީދިއްޔާ ސްކޫލަށް ވަރަށް ހާއްސަ އަހަރެކެވެ. އެއީ، މަޖީދިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް އަހަރެވެ. އަދި އެއީ، މަޖީދިއްޔާ ސްކޫލު ބައިކޮށް، ދަރުމަވަންތަ ސްކޫލުގެ ނަމުގައި ފިރިހެން ކުދިންނަށް ހާއްސަ ދެވަނަ ސްކޫލެއްގެ ކިޔެވުން ފެށުނު އަހަރެވެ.

މަޖީދިއްޔާ ސްކޫލުގެ 75 އަހަރަށް ވުރެ ދިގު އިލްމީ ހިދުމަތުގައި، ތިލަފަތް ހަމަ، އިލްމީ އަދި ނުރަސްމީ ތައުލީމީ ހަރަކާތްތަކެއް ފޯރުކޮށްދީފައިވެއެވެ.

ތަޢުލީމީ ސިޔާސަތަށް ގެނެވުނު ބަދަލަކާއެކު ސާނަވީ ސްކޫލެއްގެ ގޮތުގައި އެހާތަނަށް ކިޔަވައި ދެމުންއައި މަޖީދިއްޔާ ސްކޫލް، ސާނަވީ އަދި އިބްތިދާއީ މަރްހަލާގެ ސްކޫލަކަށް ބަދަލުކޮށް 2011 ވަނަ އަހަރު ގްރޭޑް އެކެއް އަލުން ސްކޫލަށް ތައާރަފު ކުރެވުނެވެ. އަދި ހަމައެއާ އެކު، އެހާތަނަށް ހަމައެކަނި ފިރިހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެވި، ފިރިހެން އަދި އަންހެން ކުދިން އެކުގައި ކިޔަވާ ސްކޫލަކަށް މަޖީދިއްޔާ ސްކޫލު ބަދަލު ކުރެވުނެވެ. މިއީ، މަޖީދިއްޔާ ސްކޫލުގެ ހާއްސަ މޭލުގަލެކެވެ. މިދަރިވަރުން ގްރޭޑް 10 ނިންމައި ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާން ހެދީ މިދިޔަ އަހަރު އެވެ.