Advertisement


ތޭރަ ވަނަ ބަޔާ ގުޅޭ

"އޭ ތި ސަޅި ކަމެއް." ހަމްދާނު ހިނިތުންވެލި އެވެ.

"ވާނެ ތަ؟ ކައެއްއަށް ކެރިއްޖެ ނަމަ ސަޅި ކަމެއް. އޭރުން އޮންނާނީ ގިއްޗަކަށް ގިއްޗެއް ދެވިފަ." ސޮބާހު ހޭންފެށި އެވެ.

"އެކަމަކު އެ ހާދަ ފާޑަކަށް އުޅޭ މަންޖެ ގަނޑެކޭ." ހަމްދާނު ހިޔާލު ދެކަފިވި އެވެ.

"އެއީތާ މީގެ ބޭނުމަކީ." ސޮބާހު ހިނިތުންވެލި އެވެ.

"މަށަށް އެކަން ވެދާނެތަ؟" ހަމްދާނު އަނެއްކާ ވެސް އަހައިލި އެވެ.

"އާނ. މަ ކުރިން ވެސް ކިޔައި ދިނީމެއްނު. އެ މަންޖެ ހިތުގައި ހަމޭއަށް ފާޑެއްގެ ކަމެއް އޮވެޔޭ. މަށަށް ވަރަށް ފެނެޔޭ އޭނާ ސިއްރުން ކައޭއާ ދިމާއަށް ބަލަން ހުންނަ މަންޒަރު ވެސް." ސޮބާހު ކިޔައިދިނެވެ.

އެންމެފަހުން އެތައް މަޝްވަރާއަކާއި އެތައް ސައްލާއެއްގެ ފަހުން ދެމީހުންނަށް އެއްގަލަކަށް އެރުނެވެ. ޝަރުވާނު ކުޅެމުންދާ ޑުރާމާގެ ބަދަލުގައި ހަމްދާނު ވެސް ޑުރާމާއެއް ކުޅޭށެވެ. އޭނާގެ ހިތަށް ހަރަމުންދާ ކޮންމެ ތީރަކަށް ދެ ތީރު ޝަރުވާނުގެ ހިތަށް ވެސް ހަރައިލާށެވެ. އެއިން ކޮންމެ ތަނަކުން ކަނި ޖަހައިލައިފައި ލޭތައް އޮހި ގަންނަ ގޮތަށް ހިތުގައި ކުދިކުދި ލޯވަޅުތަކެއް އަޅުވާ ހިތް ފޫދުއްވާލާށެވެ. އެ މީހުން އެކަން ކުރާން ބޭނުންކުރާނީ ރީމާ އެވެ. ރީމާގެ ހިތުގައި ހަމްދާނަށް ޓަކައި އުފެދި ބޮޑުވަމުންދާ ލޯބީގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އެ ހުރިހާ ކަމެއްގެ މުގުލުގައި ހުރީ ސޮބާހެވެ. ސޮބާހުގެ ހިތުގައި ހެދެމުން ދިޔައީ މުޅީން އެހެން ހިޔާލެކެވެ. އޭނާގެ ހިތުގައި އަނދަމުން ދިޔައީ މުޅީން އެހެން ގިންޏެކެވެ. އެ ގިނީގެ ހުޅުކޮޅު ބޮޑުކޮށް ބިޔަ ކޮށްލަން އޭނާ ބޭނުންވީ ހަމްދާނުގެ އެހީތެރިކަމެވެ. ނަމަވެސް، ދޮނެއް ކަޅެއް ނޭނގޭނެހެންނެވެ.

އެންމެ ފަހުން، ސޮބާހު އަޅައިދިން ފޮޅުވަތްމަތީ ލިޔަމުން ލިޔަމުން ގޮސް ސޮފުހާ ފުރޭ ވަރަށް ހަމްދާނު ލިޔުނެވެ. ހުރިހާ ކަމެއްގައި މަދަދާއި އެހީތެރިކަންދީ މަސްރަހު ފިނިކޮށް އޮމާންކޮށްދެނީ ސޮބާހެވެ. އާއެކެވެ. އެއީ ހަމްދާނު ކުޅެމުންދާ ފިލްމުގެ ޑައިރެކްޓަރެވެ. މަންޒަރުތައް ކުޅެންވީ ގޮތާއި ދައްކަންވީ ވާހަކައަށް ދަންދެން ހަމްދާނަށް ލައިދެނީ، ބުނެދެނީ ޚުދު ސޮބާހެވެ. ސޮބާހު އަބަދުވެސް ހަމްދާނަށް ހަނދާން ކޮށްދޭ ކަމެއް އޮވެ އެވެ.

"ހަނދާން ބަހައްޓާތި! ކައޭގެ ހިތް ރީމާއަށް ލެނބިގެން ނުވާނެ. ރީމާ ބަދަލުވީމަ ކަލޭ ޖެހޭނެ ފިލްމުން ބޭރުވާން. އޭރުން މީގައި ކަމެއް ވާނީ." ސޮބާހު އިންޒާރެއް ފަދައިން އަބަދުވެސް މި ވާހަކަ ތަކުރާރުކުރެ އެވެ.

ހަމްދާނުގެ ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔަ އެވެ. ސޮބާހުގެ މިޒާޖާއި އޭނާގެ ވިސްނުމަށް އަންނަމުން ދިޔަ ބަދަލުތަކުންނެވެ. އޭނާ ދައްކާ ވާހަކައިންނެވެ. ރީމާގެ ކަންކަމުގައި އޭނާ ގެންގުޅޭ ދެފުށްކެހެރި ޚިޔާލުތަކުގެ ސަބަބުންނެވެ. އެއްފަހަރު އޭނާ ބޭނުންވާނީ ރީމާއަށް ލަނޑު ދޭށެވެ. އަނެއް ފަހަރު ރީމާ ހިތުގައި ޖެހިދާނެތީ އޭނާ ކަންބޮޑުވާނެ އެވެ.

"ކަލޭ އަސްލު ރީމާ ބޭނުންވަނީތަ؟" ހަމްދާނަށް ކެތް ނުވެގެން ސޮބާހު ގާތު އަހައިލި އެވެ.

"ކާކު ބުނި އެއްޗެއް؟" ސޮބާހަށް ހިމޭންކަން ވެރިވި އެވެ.

"މަ. މަގޭ މި ހިތް. މަގޭ ޟަމީރު." ހަމްދާނު ކެރިގެން ކުރިމަތިލި އެވެ.

"ކިހިނެއް؟" ސޮބާހު މަޑު ފުށްކޮޅަކަށް ބަދަލުވި އެވެ.

"ކަލޭގެ ދެއުޅިއެއް ނުވާ ހިޔާލުތަކުން. ކަލޭ ދައްކާ މަގުގައި އަމާޒެއް ނެތީމަ. މަށަށް ޝައްކެއް ނެތި ޔަގީންވަމުންދަނީ ކަލޭ އުޅެނީ އަހަރެން ޔޫސް ކޮށްގެން އެކަން ކާމިޔާބު ކުރާންކަން." ހަމްދާނު މޫނަށް ގޮތެއް ހަދައިލި އެވެ.

ސޮބާހު އަނގަޔަކުން ނުބުނެ އެވެ. އޭނާ ހިމޭންވެފައި އިނީ އެވެ. ހަމްދާނުގެ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދީފިނަމަ އޭނާ ފަލީހަތްވާނެތީ އެވެ. ދޮގު ހަދައިފިނަމަ ފަޅާ އަރާ ދުވަހަކުން އަދި މާ ގޯސްވާނެތީ އެވެ. ދެ ފިކުރެއްގައި އިންދާ ހަމްދާނު ދެވަނަ ސުވާލު އޭނާއަށް އަމާޒުކުރި އެވެ.

"ރީތިކޮށް ބުނެބަލަ. އަހަރެން ރުޅިއެއް ނާންނާނަމޭ. ހިތްހަމަ ނުޖެހިގެން ކަމެއް ނުކުރާނަމޭ. ސޮއްބައަކީ މަށަށް އާ މީހެއް ވެސް ނޫނެއްނު،" ހަމްދާނު ހިފައިލީ ސޮބާހުގެ ކޮނޑުގައެވެ. "މީހަކު ދެކެ ލޯބިވުމަކީ ފާފައެއް، ކުށެއް، މަނާ ކަމެއް ނޫނޭ."

އެންމެފަހުން ސޮބާހަށް މަޖުބޫރުވީ ހަމްދާނަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އޭނާގެ ހިތުގައި ހެދި ބޮޑުވަމުން ދިޔަ ލޯބީގެ ހުޅުކޮޅަކީ ކޮބައިކަން ބުނެދޭށެވެ. ނަމަވެސް އޭނާ ހަމްދާނުގެ ކިބައިން ކަމަކަށް އެދުނެވެ. އޭނާގެ އެހީތެރިކަމަކަށް ބޭނުންވާކަމަށް ބުންޏެވެ.

"އަހަރެން ބޭނުންވާ ގޮތަށް ރީމާ ބަދަލުވުމުން އަހަރެން އެކަމާ ކުރިމަތިލާނަން. އެ ބަދަލު ގެނެވޭނީ ހަމްދާނަށް. އެކަމުގައި އަހަރެން ބޭނުންވަނީ ހަމްދާނުގެ އެހީ. މަދަދު." ސޮބާހު ހިތްވަރުކޮށްފައި ބުނެލި އެވެ.

އެކުވެރިޔާގެ ހައްޤުގައި އަދި އޭނާގެ ތެޔޮނާށި ޖަހައިގަތް ކާޅަށް ހިތި ތަޖުރިބާއެއް ދިނުމުގެ ބޭނުމުގައި ހަމްދާނުގެ އަޒުމަށް ބަދަލެއް ނުގެނެސް ކުރިއަށް ފިޔަވަޅު އެޅި އެވެ. ފަހަރަކު ފިޔަވަޅެކެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. އޭނާގެ ކޮންމެ ފިޔަވަޅަކާއެކު ރީމާއަށް ދިޔައީ ބަދަލުތައް އަންނަމުންނެވެ. އެކަން އެންމެ ގާތުން ބަލަން ހުރީ ސޮބާހެވެ. ރީމާގެ ފަރާތުން ޝަރުވާނެވެ.

"ރީ، މަށަށް ހީވޭ ތި ހަމްދާނަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއްހެން. ނަޒީ ވެސް އެ ޒާތު ވާހަކައެއް ބުނި." ޝަރުވާނަށް ޝައްކުވެގެން ބުނެލި އެވެ.

ނަމަވެސް އެކަން ރީމާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާއަށް އޮހެމުންދިޔައީ އާދަޔާ ހިލާފު ލޯތްބެކެވެ. އަޅައިލުމެކެވެ. ހަމްދާނުގެ ގާތްކަން އޭނާއަށް އިހުސާސް ކުރެވެމުން ދިޔަ އެވެ. ހަމްދާނުގެ ކޮންމެ ފިރުމުމެއް އެތައް ގަޑި އިރަކަށް އޭނާއަށް އިހުސާސްކުރެވެމުން ދިޔަ އެވެ.

އެއީ ރީމާ އެކުގައި ބަދަލުވި ރެޔެވެ. މުޅީން އެހެން ރީމާއެއް އެންމެންނަށް ވެސް ފެނުނު ރެޔެވެ. ހަމްދާނު ސެލޫނަށް ދިޔައީ ގެސްޓު ހައުސްގެ ކޮޓަރީގެ ތަޅުދަނޑި ހިފައިގެންނެވެ. ރީމާ ސެލޫން ނިމުމުން ދެ މީހުން އެކުގައި ކޮޓަރިއަށް ދިޔުމަށެވެ. ހަމްދާނާއި ސޮބާހުގެ ރޭވުމާ އެއްގޮތަށް ހުރިހާ ކަމެއް ރީމާއަށް ކިޔައިދޭށެވެ. ހަމްދާނު އެ ހުރިހާ ކަމެއް ކުރީ ކީއްވެ ކަމާއި ރީމާ ދެކެ ހަގީގީ ލޯބިވަނީ ސޮބާހުކަން ބުނެދޭން އެންމެ ރަނގަޅު މަންޒިލަކަށް ވާނީ މިނިވަން ތަނެއް ކަމަށްވާތީ އެވެ. ރީމާ ގޮވައިގެން ހަމްދާނު ކޮޓަރިއަށް ދިޔުމުން ސޮބާހު ދާ ގޮތަށް ހުރިހާ ކަމެއް ތަރުތީބުކޮށްލި އެވެ. ނަމަވެސް ކަންތައް ދިމާވީ މުޅީން އެހެން ގޮތަކަށެވެ. ގުދުރަތުގެ އަތުން ތަސްވީރުގައި ޖެއްސީ މުޅީން ތަފާތު ކުލައެކެވެ.

ހަމްދާނާއި ރީމާ ކޮޓަރިއަށް ވަދެ ސޮބާހަށް ގުޅިއެވެ. ގުޅައިގުޅާ ފޯނަށް ޖަވާބެއް ނުދިނެވެ. ރީމާއަށް ކަމެއް ޝައްކުވި އެވެ. އޭނާ އެ ވާހަކަ އަހަންވެސް އެހި އެވެ.

"ސޮބާ ގުޅައިލަން ބުނީމަ މި ގުޅަނީ. ފޯނެއް ނުނަގާ."

ހަމްދާނު އެނބުރިލި އިރަށް ލޮލުގައި ތަތްވީ ރީމާ އެވެ. އޭނާގެ ބަދަލުވެފައިވާ ތަސްވީރެވެ. ފޫޓެއްހާ ކައިރިން ރީމާ އެގޮތަށް ފެނުމުން އޭނާގެ ހިއްސުތަކަށް ގޮތްތަކެއް ވާންފެށި އެވެ. ލޭ ހޫނުވެ ހަށިގަނޑަށް ރާޅުތަކެއް ބީއްސަން ފެށި އެވެ. ރީމާއާ ހަތަރުކަޅި ހަމަކޮށްލުމާއެކު މުޅީން ތަފާތު ހަރަކާތްތަކަކަށް މަރުހަބާ ކިޔެން ފެށުނެވެ.

ދެ މީހުންނަށް ހޭވެރިކަންވީ ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ގުޅަނީ ސޮބާހެވެ. މޫނުމަތީން ދާ ފޮހެމުން އޭނާ ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ފޯނުގެ ސްކުރީނަށް ބަލައިލި އެވެ. އޭނާ ތެދުވި އެވެ. ކުޑަ ދޮރާ ދިމާއަށް ހިނގައިގަތެވެ.

"ކުއްލިއަކަށް މަންމަ ނިޔާވީމަ ބުނެވެސް ނުލާ ފުރައިގެން ރަށަށް އަންނަން ޖެހުނީ. ކަށުކަމާ ކެމީގެ ކަންކަމުގައި އުޅެމުން ދައްތަމެންގެ ކަންކަން ހަމައަކަށް އަޅުވަން ޖެހުނީމަ ފޯނަށް ޖަވާބު ވެސް ނުދެވުނީ." ކަން ދިމާވި ގޮތް ސޮބާހު ކިޔައިދިނެވެ.

ހަމްދާނު ފޯނުގައި ހުރެ ބަލައިލީ އެނދުގައި އޮތް ރީމާ އަށެވެ. މިލަފޭލިން އޮޅައިލައިގެން އޭނާ އޮތީ ހިނިތުންވެގެންނެވެ. ހަމްދާނަށް ބަލާށެވެ. ހަމްދާނު ފާޑަކަށް ލަދުގަތެވެ. އޭނާ އެނބުރިލި އެވެ. ހަމްދާނުގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަތައް ފެނިފައި ރީމާ ސުވާލުކޮށްލި އެވެ. ކަންވީގޮތް ހަމްދާނު ބުނެދިނެވެ. އަދި އެ މީހުން ރޭވި ގޮތް ވެސް ކިޔައިދިނެވެ.

"ވަރަށް ބޮޑަށް ސޮރީ. އަހަންނަށް މި އަރައިގަނެވުނީ ރަހުމަތްތެރިޔާގެ ހައްގަކަށް. ރަހުމަތްތެރިޔާގެ މިލްކަކަށް،" ހަމްދާނު ކަރު އެލުވައިލިއެވެ. "އަހަރެން މިހުރިހާ ގުރުބާނެއް މިވީ ސޮބާއަށް ޓަކައި، އޭނާގެ ހިތުގައި ރީމާއަށް އޮތް ލޯބީގެ ހައްގުގައި. ހަގީގަތުގައި އަހަރެން މި ކުޅުނީ ފިލްމެއް. ސޮބާހު ބުނެގެން، އޭނާ ލަފާ ދީގެން ކުޅުނު ފިލްމެއް. އެކަމަކު މިރޭ މި ހެދުނީ ގޯހެއް. ވަރަށް ބޮޑު ގޯހެއް."

ރީމާގެ ދެ ލޯ ބޮޑުވި އެވެ. އޭނާއަށް އިވުނު އަޑުތަކުން މޭ ބޮޑުވެ ހޮޑުލަވާ ގޮތްވާން ފެށި އެވެ. އޭނާ ހުރިހާ ގުރުބާނެއްވީ ސޮބާހަށް ޓަކައެއް ނޫނެވެ. އޭނާގެ ހިތުގައި ހަމްދާނަށް ޓަކައި އޮތް ލޯބީގެ ހައްގުގަ އެވެ. ރީމާގެ އަސްލު ސޫރަ ދޫކޮށްލައި އެހެން ސޫރައެއް އޭނާއަށް ހެޔޮވަރު ކުރީ ހަމްދާނުގެ ލޯބީގެ ހައްގުގަ އެވެ. ހަމްދާނުގެ ހިތް މިލްކު ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް މިރޭ އެއިވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ ހަމްދާނު އެ ދައްކަނީ ކޮންހާ ބަހަނާއެއް ހެއްޔެވެ؟

"ކެޔޮގަނޑު ކެނޑުނީމަ ގަހުގެ ބޭނުން ކެނޑުނީ ދޯ." ރީމާގެ ބަޑިފަޅައިގެން ދިޔަ އެވެ.

ހަމްދާނަށް ވިސްނައިލެވުނެވެ. ދެކެވުނު ވާހަކަތަކާ މެދުގަ އެވެ. ރީމާގެ ހިތަށް އަރާނެ ކަންކަމާ ދޭތެރޭގަ އެވެ. އެއީ އޭނާއަށް ކުރިން ނުވިސްނި އޮތް ކަމެކެވެ. ސޮބާހުގެ ވިސްނުމަށް ވެސް ތިލަ ނުވެ އޮތް ކަމެކެވެ. އެމީހުން ކުރެހި މަންޒަރުގައި ރީމާގެ އިހުސާސްތަކެއް ނުހިމެނުނެވެ. ހަމައެކަނި އެމީހުންނަށް ވިސްނުނީ އެ މީހުންގެ ސިކުނޑިންނެވެ.

"ސޮރީ." ހަމްދާނަށް ބުނެވުނީ އެވަރަށެވެ.

ރީމާ ރޯން ފެށިއެވެ. ގިސްލަމުން ގިސްލަމުންނެވެ. ހަމްދާނުގެ ހިތުގައި ޖެހުނެވެ. ކުޑައިރުކޮޅެއް ކުރީން އޭނާއަށް އެކަން ނުކުރެވުނު ނަމަ މާ ރަނގަޅުވީހޭ ހިތަށް އެރި އެވެ. އޭނާ އަމިއްލަ ނަފުސު ކުށްވެރިކުރާން ފެށި އެވެ. މުށްކަވާފައި ފާރުގައި ދެ އަތުން ތަޅައި ގަނެވުނެވެ. ބާރުބާރަށެވެ. ހީވަނީ މޮޔައެއް ހެންނެވެ.

އެންމެފަހުން ރީމާ އެނދުން ތެދުވި އެވެ. ޓީޝާޓު ބޮލަށް މަހައިލަމުން އޭނާ ދުއްވާގަތެވެ. ޓެރަހަށެވެ. ހަމްދާނަށް ބަލައިލެވުނެވެ. ޓެރަހުގެ ދޮރު ލެއްޕުނު އަޑަށެވެ. ހަމްދާނަށް ހިނގައިގަނެވުނެވެ. އޭނާއަށް ފެނުނު މަންޒަރުން ދެ ލޯ ބޮޑުވި އެވެ. (ނުނިމޭ)