ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ބާރަ ވަނަ ބަޔާ ގުޅޭ

ހަމްދާނު ބޭރަށް ނުކުންނަށް ހިނގައިގަތެވެ. ނަޒީހާ ދުވެފައި ކަހަލަ ގޮތަކަށް ނުކުމެ ހަމްދާނުގެ ފުރަގަހުން އޭނާގެ ގައިގައި އޮޅުލައިގަތެވެ. އޭނާ ބުނާ ކަހަލަ އެވެ. ދޫކޮށްފައި ނުދާށެވެ. ޝަރުވާނުގެ މަޅީގައި ޖެހިއްޖެ ނަމަ ފަހުން ރޯން ޖެހިދާނެ އެވެ. އޭނާ އެކަން ތަޖުރިބާ ކޮށްފީމެވެ. އެކަމުން ސަލާމަތްވުމަށް ލައްކަ ހިތްވަރުކޮށްފީމެވެ. މިއަދު އޭނާ އެ އައީ އެ ހަނގުރާމައިން ނަސްރު ހޯދައިގެންނެވެ.

"ކިހިނެއްވީ؟" ހަމްދާނު އަހައިލި އެވެ.

Advertisement

"ޕްލީޒް." ނަޒީހާގެ އަޑު ކުރެހުނެވެ.

"އަސްލު ކިހިނެއްވީ؟" ހަމްދާނު އެނބުރިލި އެވެ.

"ހަމްދާނު އަހަރެން ދެކެ އަދިވެސް ލޯބިވަމެއްނު." ނަޒީހާ ލަސްލަހުން ބުނެލި އެވެ.

"ޔަގީން ނުކުރަންތަ؟"

"ނޫން، އެކަމަކު.." ނަޒީހާގެ ކަރުބުޑުގައި ލަފުޒުތައް ތާށިވި ކަހަލަ އެވެ.

"ބުނެބަލަ. ކިހިނެއްވީ؟ ކީއްވެ ފެންކަޅިވީ؟" ނަޒީހާގެ ދެ ލޮލަށް ޖަމާވި ކަރުނަތައް ހަމްދާނުގެ ދެ އިނގިލިން ފޮހެލަ ދިނެވެ.

"އަހަރެން އޭރު ބުނީމެއްނު. ލޯތްބަކީ ކޮބައިކަމާއި ލޯބީގެ އުފަލާއި އަރާމަކީ ކޮބައިކަން އެނގިއްޖޭ. ލޯބީގެ ނާޖާއިޒު ފައިދާ ނަގާ މީހުންނާ، ލޯތްބަށް ކުރަފި އަރުވާ މީހުންނަކީ ކޮބައިކަން ވެސް އެނގިއްޖޭ." ނަޒީހާ އެނބުރިލި އެވެ.

"ސާފުކޮށް ބުނެބަލަ." ހަމްދާނު ލޮލަށް ގޮތެއް ހަދައިލި އެވެ.

"މި ދައްކަނީ ޝަރޭގެ ވާހަކަ. އަހަރެން ހަމްދާނުއާއެކު ނުލާހިކު ހަމަޖެހިލައިގެން އުޅެނިކޮށް އޭނާ އައިސް އަހަރެންގެ ހިތަށް ހަރައިލި ތީރުގެ ވާހަކަ،" ނަޒީހާ ފުން ނޭވައެއް ބޭރުކޮށްލި އެވެ. "އަހަންނަށް އެ ތީރުން ފެނުނީ އެހެން ދުނިޔެއެއް. އުއްމީދު ކުރެވުނީ އެހެން ކަމަކަށް. އަޅައިގަތީ އޭނާގެ ހުސިޔާރުކަމުގަ. ޖެހިލުން ނުވެ ކަންކަމާ ކުރިމަތިލުމުގެ ސިފައަށް. އޭރު އަހަންނަށް ވިސްނުނީ އެއީ ވަރަށް ގަޓު ކަމެއް ގޮތުގައި. އެއީ ވަރަށް ފިރިހެންވަންތަ ސިފައެއް ކަމުގައި."

ހަމްދާނު ކަޅި ޖަހައި ނުލާ ބަލަން ހުރީ އެވެ. ނަޒީހާ ލަސްލަހުން ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އޭނާގެ އަޑު ކުރެހެމުން ކުރެހެމުން ގޮސް މަޑުމަޑު ގިސްލުމަކަށް ބަދަލުވި އެވެ.

"ހަމްދާނާއެކު އުޅެމުން، ހަމްދާނުގެ ލޯތްބަށް ފުރަގަސް ދެވުނީ އެހެންވީމަ. އަހަންނަށް އަޅައި ކިޔުނީ ހަމްދާނުގެ މަޑުމައިތިރި ކަމުގެ ސިފައާއި ޝަރޭގެ ހަލަބޮލި ކަމުގެ ސިފަ. އަހަންނަށް އެއް ކަށްޓާއަކަށް އަރުވާލެވުނީ ޝަރުވާނުގެ ޖެހިލުން ނުވުމުގެ ސިފައާއި ހަމްދާނުގެ ވިސްނުންތެރިކަމުގެ ސިފަ." އެންމެ ފަހުން ނަޒީހާ ފަޅައިގެން ދިޔަ އެވެ.

ނަޒީހާއަށް ކެތެއް ނުވި އެވެ. އޭނާ ދުވެފައި ގޮސް ހަމްދާނުގެ ގައިގައި އޮޅުލައިގަތެވެ. އޭނާގެ ގައިގައި ބައްދާލި އެވެ. ހަމްދާނު ހުރީ އެވެ. ނަޒީހާއަށް އެ ފުރުސަތު ދީގެންނެވެ. އޭނާ ހަމައަކަށް އެޅެންދެންނެވެ.

"ދެން އެކަން ނިމުނީއެއްނު. އަހަރެން ވައުދުވީމެއްނު، އަހަރެން ބުނީމެއްނު ނަޒީއަކީ އަހަރެންގެ މީހެކޭ. ނަޒީއަށް އަހަރެން ލޯބި ލިބޭނޭ. އަހަރެން ހުންނާނީ ނަޒީގެ މީހެއްގެ ގޮތުގައޭ،" ހަމްދާނު މަޑުމަޑުން ބުނެލި އެވެ. "ކޮންމެ މީހަކަށް ވެސް ގޯސް ހެދޭނެ. ކުށް ކުރެވޭނެ. ލޯބީގައި ގޯހެއް ހެދިގެން ނޫނީ ތަޖުރިބާއެއް ނުލިބޭނެ. އެއީ ހަމަ ކޮންމެ މީހަކަށް ވެސް ވެދާނެ ކަމެއް."

"އަހަރެން ބިރުގަންނަނީ، ޖެހިލުންވަނީ." ހަމްދާނުގެ މޫނަށް ބަލައިލަމުން ނަޒީހާ ބުނެލި އެވެ.

"ކޮން ކަމަކާ؟"

"ޝަރޭ އަނެއްކާ ހަމްދާނުގެ ހިތް ބަދަލުކޮށްލަފާނެތީ. އަނެއްކާ ވެސް އިތުރު ފޮޓޯތަކެއް ދައްކައިގެން ހަމްދާނުގެ ހިތުގައި އަހަރެންގެ މައްޗަށް އޮތް ލޯބި ޖަހައިގެންފާނެތީ." ނަޒީހާ ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލި އެވެ.

"އިތުރަށް ދެން ކޮންކަމެއްބާ ކުރާނީ؟ އެހާ ނެގެޓިވްކޮށް ނުވިސްނަބަލަ. ޝަރޭ އެ ގުޅީ އެހެން ކަމަކާ ކަމަށް ވެސް ވެދާނެއްނު." ހަމްދާނު ބޭނުންވީ އެ ވާހަކައިން ނުކުންނާށެވެ.

އެގޮތް މިގޮތަށް ވާހަކަ ދައްކައިގެން ނަޒީހާ ހަމައަކަށް އެޅުވުނީ އެތައް އިރަކުންނެވެ. އޭރު ދެތިން ފަހަރަކު ޝަރުވާނު ގުޅައިފި އެވެ. ހަމްދާނު އުޅުނީ މިދަނީގަ އެވެ. އެއްފަހަރު މަގުމަތީގަ އެވެ. އަނެއް ފަހަރު ގެއަށް އަންނަން ޖެހިގެންނެވެ. ކޮންމެ ފަހަރަކު ވެސް އޭނާއަށް ދޮގު ހަދަން މަޖުބޫރުވަނީ އެވެ. ނަޒީހާ ހިތްހަމަ ޖައްސުވާދޭށެވެ. ނަޒީހާ މާލެ އައި ކަން އަންގަން އޭނާ ބޭނުން ނުވާތީ އެވެ.

ނަޒީހާއާއި ޝަރުވާނަކީ ކުރިން ވަރުގަދަ ގުޅުމަކުން ބަނދެވުނު ދެމީހުންކަން ހަމްދާނަށް އެނގެ އެވެ. އެކަން ހިނގައިދިޔައީ ކީއްވެގެންކަން ވެސް ހަމަ ރަނގަޅަށް ހަމްދާނަށް އެނގެ އެވެ. އެކަމުގައި އެހީތެރިވީ ކާކުކަން ވެސް އެނގެ އެވެ. ހަމްދާނާއި ނަޒީހާއާ ދެމެދު އޮތް ގުޅުމަކީ ކޮން ގުޅުމެއް ކަން ރީމާއަށް ވެސް އެނގެ އެވެ. ނަމަވެސް، ހަމްދާނު ދެކެ ރީމާ އާދަޔާ ހިލާފު ލޯތްބެއް ވާހަކަން ހަމްދާނަށް މާކުރިން ވެސް އެނގެ އެވެ. އޭނާ ކުލާހަށް ދާއިރު ސިއްރުން ބަލަން ރީމާ ހުންނަ މަންޒަރު ހަމްދާނަށް ފެނެ އެވެ. ލައިބުރަރީގައި އިންނަ ވަގުތު ފޮތްހަރުތައް ކައިރީ އެތައް އިރެއް ވަންދެން ރީމާ ފިލައި ހުރެ އޭނާއާ ދިމާ ބަލާ ކަން ވެސް ހަމްދާނަށް އެނގެ އެވެ. އެ މަންޒަރުތަކުގެ ފޮޓޯތައް ސޮބާހު އޮތީ އޭނާއަށް ފޮނުވައިފަ ވެސްމެ އެވެ.

ނަމަވެސް ހަމްދާނުގެ ހިތުގައި ރީމާއަށް ޓަކައި އެއްވެސް ތަފާތު ކަމެއް ނޯވެ އެވެ. ރީމާއަކީ އޭނާގެ ކުލައެއް ނޫނެވެ. އޭނާގެ ވަހެއް ނޫނެވެ. އޭނާ ރަހައެއް ނޫނެވެ. ހަމްދާނަށް ރީމާ ހާއްސަވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ބަލައިލަން ރީތި އެއްވެސް ސިފައެއް ރީމާގެ ގަޔަކު ނެތެވެ. އަޅައިގަންނަ ކަހަލަ ތަފާތު ކަމެއް ނެތެވެ. ރީމާ ފެންނަނީ ކަޅު ފޮތި ފޭއްޔެއް ގޮތުގަ އެވެ. ކަންނެތް މީހެއްގެ ސިފައިގަ އެވެ. އެއްވެސް ޗާލުކަމެއް، ފަރިކަމެއް ނެތް 'ވައިފެއްސި'އެއް ގޮތުގަ އެވެ. އެހެންވެ ރީމާ އުޅޭ ގޮތް ހަމްދާނަށް ވަނީ މަޖަލަކަށެވެ. ޖޯކަކަށެވެ. އޭނާއާ ހެދި ރީމާ އުޅޭތީ އޭނާ ގަންނަނީ ފާޑެއްގެ ލަދެކެވެ.

"ހިނގާ މިކަން ނިންމަން."

ސޮބާހުގެ އެ ޖުމުލަ ހަމްދާނުގެ ސިކުނޑިއަށް ތިލަވި އެވެ. އެ ދުވަހު އޭނާއަށް ސޮބާހު ދިން ދެރައިގެ މަތިން ހަނދާންވި އެވެ. ހަމްދާނަށްޓަކައި ރީމާ އުޅެނީ ކިހާ ވަރަކަށްތޯ ޔަގީންކުރަން އޭނާ ލަފާދިނެވެ. ހަމްދާނަށް އެ ގޮތް ކަމު ނުދިޔަ އެވެ. އެންމެ ފަހުން ދެ މީހުން ބާޖުމަރައިގެން ގޮތްތަކެއް ނިންމި އެވެ. ކުއްލިއަކަށް ހަމްދާނަށް އެ މާޒީގެ ތެރެއަށް ގެނބިގަނެވުނެވެ.

"ކޮށްފިއްޔާ ކޮންކަމެއް އޮތީ؟" ހަމްދާނު އަހައިލި އެވެ.

"ބުނި ކޮންމެ ކަމެއް." ސޮބާހު ބުނެލި އެވެ.

"ފަތި ދިގުކޮށްލަން ބޭނުންވޭ. ހެލްޕު ބޭނުން ވާނީ." ހަމްދާނު ލާނެތް ފާޑަކަށް ހޭންފެށި އެވެ.

"އޯކޭ. ތި ފަތީގެ ކަނދުފަތިކަން ކޮށްދޭނަން. އެކަމަކު މަ ބުނާ ކަން ކުރާންވާނެ. އެއްބަސްތަ؟" ސޮބާހު ކަނާއަތް ހުޅުވާލަމުން ހަމްދާނަށް ދިއްކޮށްލި އެވެ.

"އެކަމަކު ނަޒީއަށް މިއިން ކަމެއް ގޮސްގެން ނުވާނެ އިނގޭ." ސޮބާހުގެ އަތުގައި ޖަހައިލަމުން ހަމްދާނު ބުނެލި އެވެ.

އެއީ އެ ކުޅިވަރުގެ ފެށުމެވެ. ހަމްދާނާއި ސޮބާހު އެކަން ފެށީ މަޖަލަކަށެވެ. ސަކަރާތް ޖެހުމުގެ ބޭނުމުގަ އެވެ. ފަހަރެއްގައި ވެސް މީހަކަށް ދެރައެއް ދޭކަށް ނޫނެވެ. އެ ދެ މީހުންނަށް ނޭނގުނުކަމަކީ މީހުންގެ އިހުސާސްތަކާއި ޖަޒުބާތު ތަކާ ކުޅުމުން ފަޅިފަޅިވާނީ ހިތްކަމެވެ. ކުދިކުދިވެ ހަފުސްވާނީ ހުވަފެންތައް ކަމެވެ. މަޖަލަކަށް ވިޔަސް އެހެން މީހެއްގެ ހިތަށް ހަރަން އެއްލާ ތީރަކުން ބޭނުން ނުވާ މީހާގެ މޭ ފޫ ހިނގައިދާނެ ކަމެވެ.

"ވަރަށް ކަޑަ ކަމެއް ވަމުން އެބަދޭ." ކޮފީ ތަށީގައި ތުން ޖަހައިލަމުން ހަމްދާނު ބުނެލި އެވެ.

ހަމްދާނާއި ސޮބާހު ތިބީ ދެކުނު ފަރާތު ކޮއްތުވެނީގަ އެވެ. އެއީ އެމީހުން އާއްމުކޮށް ވާހަކަ ދައްކަން އެއްވާ ތަނެވެ. ސޮބާހު ތުނބުގައި އޮތް ސިނގިރޭޓް ނައްޓައިލަމުން ދަނޑިއެއް ފަދައިން ދުންތައް މައްޗަށް ފޮނުވާލި އެވެ. ހަމްދާނު ވެސް ސިނގިރޭޓް ރޯކޮށްލި އެވެ.

"ކައޭ ވެސް ފެށީތަ؟" ސޮބާހު އަހައިލި އެވެ. "ކައޭ ވަރަށް ކަޑަ ވެފަ އިންނަ ވައްތަރު އެބަ ޖަހާ! ކޮބާ މައްސަލައަކީ؟"

"އެ ދުވަހު ސޮއްބެއާ ބެޓު ކުރެވުނީމަ. އަސްލު ވަރަށް ކަޑަ ފީލްވޭ އެބަ. ވަރަށް ރިގްރެޓްވޭ."

"މިހާރު ކަލޭ ގިވަޕްކޮށްލީތަ؟" ސޮބާހު މަލާމާތުގެ ރާގުގައި ބުނެލި އެވެ.

"ނޫން، އެކަމަކު އެހެން ހިތަށް އަރަނީ."

"އެ ކީއްވެ؟ ކައޭއާ ނުވެސް ގުޅެއެއްނު."

"އާނ! އެނގޭތަ ވެގެން މިއުޅޭ ގޮތެއް." ހަމްދާނު ކަރު އެލުވާލައިގެން އިނދެ އަހައިލި އެވެ.

"މަށަށް އެނގެނީ މޭޒަށް ތުންހަރައިލައިގެން ކައޭ އިންނާނީ ބޮޑު ކަމެއް ވީމަކަން. ބުނެބަލަ އޭރުންތާ ހެލްޕެއް ވައްޓައިލެވޭނީ ވެސް." ސޮބާހުގެ ވާހަކަ ދެއްކުމުގައި ހުރީ ޒަމާނީ ޒުވާނުންގެ ގޮތެވެ.

"ނަޒީ؟" ހަމްދާނު ހުއްޓައިލި އެވެ.

"އޭ މަވެސް ތި ވާހަކަ އަޑުއެހިން ފާޑެއްގެ ސޮރަކާއެކު މަށަށް ވެސް ދެ ދުވަހަކު ފެނިއްޖެ. ފެނިގެން ވަރަށް ފިލަން ވެސް އުޅުނު. އެ ކާކުތަ؟" ސޮބާހުގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔަ އެވެ.

"ޝަރޭއެކޯ."

"ކޮން ޝަރޭއެއް؟ ބަރޭއެއް؟ ބަރޯއެއް؟" ސޮބާހު ދެ ބުމަ ކައިރިކޮށްލި އެވެ.

"ހިޔެއް ނުކުރަން ނަޒީ މަށަށް ދޯކައިދޭނެކަމަކަށް. މަށަށް އެނގޭ ކަމަކީ ނަޒީ މަދެކެ ހެސް ކިޔައިފަ ލޯބިވާނެކަން." ހަމްދާނުގެ މޫޑު ބަދަލުވަމުން ދިޔަ އެވެ.

"ހުސް ފޭކު ލޯބި. ދެއްކުންތެރި ލޯބި. މަށަށް ކުރިން ވެސް އެހެން ހީވި. އަސްލު ބުނަންތަ ނަޒީއަކީ ތަޖުރިބާއަށް ލޯބިކުރާ މީހެއް. މަށަށް ވެސް އެކަހަލަ ގޮތަކަށް އޭނާ ކަޅިއެއް އެޅި. އިޝާރާތެއް ކޮށްލި. މަ މީ ނުލަފާ ގޮލައެއް ނަމަ ސަމުސާ އެއްކޮށް ހުސްކޮށްލާނެ. މަ ބަލައިލީ ކައޭއަށް." ސޮބާހު މޫނަށް ދެތިން ރޫ އަރުވާލި އެވެ.

"އޭނ! ކީއްވެ ކުރިން ނުބުނީ؟" ހަމްދާނު ދެ ބުމަ ކައިރިކޮށްލި އެވެ.

"ކައޭ މާ ނަޒީ ވެގެން އުޅުނީމަ ބުނަން ނުކުރެނީ. ކައޭ އޭނާއަށް މާ އިތުބާރުކުރީމަ. މަ ހިތަށް އެރީ މަ ނުވާނަމޭ ފަނި ވައްޓާކަށް. އެހެން ނޫނަސް އޭނާ ނޭނގޭ ކަމަށް ހަދައިފަ މަގޭ ސައިޒު ބަލައިލީ. އެ ދެން ގޯހެއް ވެސް ނޫންތާ ދޯ." ސޮބާހު ހިނިގަނޑެއް ޖަހައިލި އެވެ.

"މި ޝަރޭއަކީ ކާކުކަން އެނގޭތަ؟" ހަމްދާނު މައުލޫ ބަދަލުކޮށްލި އެވެ.

"މަށަށް ކިހިނެއް އެނގޭނީ؟"

"އެއީ އަހަރުމެން ކުލާހުގައި އެ އިންނަ ކަޓުކަޓު ރީމާގެ ކަޒިންއެއް." ހަމްދާނު ފޫހި ރާގެއްގައި ބުނެލި އެވެ.

"ތިހެންވީއިރު މަ ދީފާނަން ސަޅި އައިޑީއާއެއް. ކައޭ ވާނެ މިކަން ކުރާން ކޮންމެހެން ވެސް." ސޮބާހުގެ އަތުން ޗޮކެއް ކަނޑައިލަމުން ބުނެލި އެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox