ދަރަނބޫދޫ: ރަށުގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން. -- ފޮޓޯ: ދަނިއުސް
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ބިލު ނަންބަރު 68/6 (އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުގެ ބިލް) ވެގެން ދިޔައީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ކުއްލި ޝޮކަކަށެވެ. އެ ބިލު ފާސްވެ ގާނޫނަކަށް ވެއްޖެކަން އަތޮޅު އޮފީސްތަކުން އެންގުމުން، ރަށްރަށުން ނުފައިބަން ކޮންމެ ރަށަކުންވެސް ވަރަށް ބޮޑަށް އިހުތިޖާޖު ކުރި އެވެ. ފަންޑިތަވެރިކަމާއި، ނަދުރު ބުނުން ފަދަ ކަންކަން ވެސް ކުރި އެވެ. ސަރުކާރުގެ އޭރުގެ އަމާޒަކަށް ވެފައި އޮތީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމެވެ. އެ ބޭނުމަށްޓަކައި ކުދި އާބާދީތައް އޮންނަ ރަށްރަށުގެ މީހުން ބޮޑެތި ރަށްރަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމީ އެވެ. އެ ބިލު ތަންފީޒުކުރުމުގެ ގޮތުން ވަރަށް ގިނަ ރަށްރަށުން މީހުން ބާލައި، ފަޅުރަށްރަށުގެ ގޮތުގައި ހަމަޖައްސާފައި ވެސް ވެއެވެ.
ދަރަނބޫދޫއަކީ ފ އަތޮޅުން މި ލިސްޓުގައި ހިމެނުނު ހަމައެކަނި ރަށެވެ. އެރަށު މީހުން ބަދަލުކުރީ އެ އަތޮޅު މަގޫދޫއަށެވެ. އެކަން ހިނގީ 1969 ވަނަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އޭގެ އެރަށުގައި ތިބީ ޖުމުލަ 123 މީހުންނެވެ. ސަރުކާރުގެ އެންގުމާ އެއްގޮތަށް އޭގެ ތެރެއިން 89 މީހުން މަގޫދޫއަށް ބަދަލުވި އެވެ. ބާކީ 34 މީހުން ދަރަނބޫދޫގައި ތިބީ އެވެ. އޭގެ ހަތް އަހަރު ފަހުން، 1977 ވަނަ ސަރުކާރުގެ ނިންމުން ބަދަލުކޮށް، ދަރަނބޫދޫއިން މަގޫދޫއަށް ބަދަލުވި މީހުން އެނބުރި އެ ރަށަށް ދިއުމަށް ހުއްދަ ދެއްވި އެވެ. އެހެން ނަމަވެސް އޭރު އޭގެ ތެރެއިން ބައެއް މީހުން މަގޫދޫގައި ދިރިއުޅުން އާރާސްތުކުރަން ފަށައިފި އެވެ. އެހެންވެ، ރަށުން ފޭބި އެންމެން އެނބުރި ރަށަކަށް ނުދެ އެވެ. މަގޫދޫއަށް ބަދަލުވި މީހުން އަލުން ދަރަނބޫދޫއަށް ބަދަލުވާން ފެށިއިރު ދަރަނބޫދޫގައި ދިރިއުޅެނީ 50 މީހުންނެވެ.
ދަރަނބޫދޫގެ ބޮޑުމިނުގައި ހުރީ 36.5 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އެލް-5 އެވެ.
އަބަދުވެސް އާބާދީ މަދު މިރަށުގައި 1985 ވަނަ އަހަރާ ހަމައަށް ދިޔައިރު ތިބީ 178 މީހުންނެވެ. އެއީ 91 އަންހެނުންނާއި 87 ފިރިހެނުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރު ރަށުގެ ރަޖިސްޓްރީވެފައިވާ އާބާދީއަކީ 599 އެވެ. މީގެ ތެރެއިން ރަށުގައި ދިރިއުޅެނީ 450 މީހުންނެވެ.
ރަށުގައި އާންމުކޮށް ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. ދަނޑުވެރިކަމުގައި އާންމުކޮށް ހައްދާ އުޅެނީ މިރުހާއި ފަޅޮލެވެ. ފަންގިވިނުމުގެ މަސައްކަތްވެސް މިރަށުގައި ކޮށް އުޅެ އެވެ. އެތަކެތި ވިއްކަނީ އެކި ރިސޯޓުތަކަށެވެ. އިތުރަށް ހުރީ ސަރުކާރުގެ ވަޒީފާ ތަކެވެ. އާބާދީ މަދު މިރަށުގައި އުފެދިފައި ހުރީ މަދު ވަޒީފާ ތަކެކެވެ.
އާންމު ވިޔަފާރިކުރާ 5 ފިހާރައެއް ރަށުގައި އެބަހުއްޓެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެއް ހުރިއިރު ގެސްޓްހައުސްއެއް މިވަގުތު ނެތެވެ. އެހެންނަމަވެސް މެހެމާނުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ ކޮޓަރިތައް އެކި ގޭގޭގައި ހުރެ އެވެ.
ރަށް ގިރުމުގެ މައްސަލައަކީ މިރަށަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެކެވެ. ފެނާއި ނަރުދަމާގެ ނިޒާމު ނެތުމުގެ ދަތިކަން ވެސް މިރަށަށް ބޮޑެވެ. އޭގެ އިތުރުން، ރަށުގައި ތިބެގެން އާމްދަނީއެއް ލިބޭނޭ ގޮތެއް ނެތުމަކީވެސް މިރަށުގެ ރައްޔިތުން ތަހައްމަލުކުރަމުން ގެންދާ ތަކުލީފެކެވެ.
ލަފާފުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިރަށުގެ ބަނދަރު ހަދާ ނިންމާލީ ހިނގަމުން މިދާ އޭޕްރިލް މަސް ތެރޭގަ އެވެ. މިހާރު ކުރިއަށްދާ ކުދިކުދި މަސައްކަތްތައް ނިމުމާއެކު އަންނަ މަހުން ފެށިގެން ރަސްމީކޮށް ބަނދަރު ބޭނުންކުރަން ފެށޭނެ އެވެ. ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށްޓަކައި ފުލުހުންގެ އިމާރާތެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ. ރާއްޖޭގެ ގައުމީ ދަތުރުފަތުރުގެ ނިޒާމުގައި މިރަށް ހިމެނުމުގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.
ދަރަނބޫދޫއަކީ ވަރަށް ކުލަގަދަކޮށް އީދު ފޯރީގެ ހަރަކާތް ކުރިއަށް ގެންދާ ރަށެކެވެ. އީދު ދުވަހުގެ އީދު ނަމާދުން ފެށިގެން ދެތިން ދުވަހަށް ކުރިއަށް ގެންދާ އުފާވެރި ފެސްޓިވަލެއް މިރަށުން ތަޖުރިބާކުރެވޭނެ އެވެ. ނިމިދިޔަ އަހަރުގެ އަލްހާ އީދު ފާހަގަކުރުމުގެ ހަރަކާތް ފެށީ އޮޑިވެރިންގެ މަސްރޭހަކުންނެވެ. އެ ހަރަކާތުގައި ރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވިއިރު، ކުޅި ބެލުމަށް މުޅި ރަށް އޮތީ އެއްވެފަ އެވެ. ކުރިއަށް މި އޮތް އީދުގައި ވެސް ދަރަނބޫދޫއިން އެ ފޯރި ފެންނާނެ އެވެ.
Comment