Advertisement

ދިގު ވާހަކަ: ރަންދާ

21 އޭޕްރީލް 2022 - 11:03 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ރަންދާ

21 އޭޕްރީލް 2022 - 11:03 2

ދިހަ ވަނަ ބަޔާ ގުޅޭ

އެކި ފަހަރު އެކި ތަނުގައި އޭނާ ހުއްޓުނެވެ. އެކި ވައްތަރު ޖައްސަމުންނެވެ. ހަމްދާނު ފޮޓޯ ނަގަމުން ދިޔަ އެވެ. ފޯނުގައި ރައްކާކުރި ކޮންމެ ފޮޓޯއެއްގެ ނަކަލެއް އޭނާގެ ހިތުގައި ރައްކާކުރަމުން ދިޔަ އެވެ. ރަންދާގެ ކޮންމެ ހަރަކާތަކުން އޭނާ ދީވާނާ ވަމުންދާ ކަހަލަ އެވެ. ރަންދާ ގަސްތުގައި ހަމްދާނަށް ތުއި ދެއްކޭވަރު އިތުރުވަމުން ދިޔަ އެވެ. އޭނާ ބޭނުން ހާސިލުކުރެވޭނެ ހުރިހާ ދޮރެއް ދިޔައީ ކޮށަމުންނެވެ. ފަހި ކުރަމުންނެވެ. ހަމްދާނަށް ނޭނގެނީ އެކަމެވެ. އޭނާއަށް ނުވިސްނެނީ ރަންދާ އަކީ ކާކުކަމެވެ. އޭނާގެ މަގުސަދެވެ. މަތުލަބެވެ.

"ވަރަށް ލޯބި މޫދު." ރަންދާ ބަލައިލީ މޫދާ ދިމާ އަށެވެ.

"މޫދަށް އެރެން އަންނަންވީނު؟" ހަމްދާނު ބުނެލި އެވެ.

"ކިހިނެއް؟ އަނެއްކާ މާލެ ގޮސް ޗޭންޖުކޮށްގެން އަންނަން ޖެހޭނީ." ރަންދާ ގަސްތުގައި ދޮގެއް ހެދީ އެވެ.

"ހިނގާ އަހަރުމެންގެ ރޫމަށް." ހަމްދާނު ދިނީ ހުޅުވާލެވިފައިވާ ދައުވަތެކެވެ.

"އެ ކީއްކުރަން؟" ރަންދާއަށް ނޭނގޭ ކަމަށް ހެދުނެވެ.

"ޗޭންޖު ކުރާށެއްނު." ހަމްދާނު ވިސްނައިލުމެއް ނެތި ބުނެލި އެވެ.

"ކޯންޗެއް ލާނީ؟"

"ސޯޓެއް ލިބިދާނެ. މަގޭ ޓީޝާޓަކާ." ހަމްދާނު ބުނެލި އެވެ.

"ތި ސަޅި ކަމެއް. ދަމާ. ހަމް މޫދަށް އެރޭނަންތަ؟" ރަންދާ އަހައިލި އެވެ.

ހަމްދާނުގެ ސިކުނޑީގައި ރޭވުންތައް ރޭވެމުން ކަންކުރާނެ ގޮތުގެ ތަސްވީރު ކުރަހަމުން ދިޔަ އެވެ. އެންމެ ފުރަތަމަ ކުރާނެ ކަންތަކެވެ. އެއަށްފަހު ކަން ކުރާނެ ގޮތެވެ. އެންމެ ފަހުން ރަންދާގެ މައްޗަށް އޭނާއަށް ވެރިވެ ގަނެވޭނެ ފަހި ގޮތެވެ. ރަންދާގެ ހިތުގައި ވެސް ރޭވުމެއްގެ ވަސް ދުވަމުން ދިޔަ އެވެ. އޭނާ ބޭނުންވީ ރަނގަޅަށް ހަމްދާނުގެ މަގުތައް ބަންދުކޮށްލާށެވެ. އޭނާގެ މައްޗަށް ހަމްދާނު ލަންބުވާލާށެވެ. އޭނާގެ މަންޒިލަށް ދެވެން ދެން ހަމްދާނު ބަނދެލާށެވެ. ދީވާނާ ކޮށްލާށެވެ.

ސައިކަލު ދުއްވަމުން ދިޔައީ އާދައިގެ ދުވެއްޔެއްގަ އެވެ. ރަންދާ އިނީ ހަމްދާނުގެ ގައިގައި ތަތްވެގެންނެވެ. ބާރަށް ބައްދާލައިގެންނެވެ. ދުރުން ބަލާ މީހަކަށް ހީވާނީ ހަމްދާނުގެ ބުރަކަށީގައި ބޯވައެއް ތަތްކޮށްލައިފައި އޮތް ހެންނެވެ. ހަމްދާނަށް އެކަމުން ލިބުނީ އުފަލެވެ. ހިތްހަމަ ޖެހުމެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ބޭނުން ގޮތަށް ރީތި ފަތްމިންޏެއް ފަދަ އަންހެނެއްގެ ހިތް ލަންބުވާލެވުނީމަ އެވެ. އޭނާގެ ހިތުގައި ވަނީ ފަހުރިވެރިކަމުގެ އަލިފާން ހިފައިފަ އެވެ.

"ހިނގާ! އެހާ ސަޅި ނުވެދާނެ. ބޮޑު ނުވެދާނެ." ހަމްދާނު އިޝާރާތްކުރީ ސިޑިއާ ދިމާ އަށެވެ.

"އެކަނިތަ؟ އެހެން ބަޔަކު ނޫޅޭނެތަ؟ މި ބުނީ ރޫމްމޭޓެއް ނުހުރޭތަ؟" ރަންދާ ބޭނުންވީ ޔަގީންކޮށްލާށެވެ.

"ސޮއްބެ! އޭނާ އަންނާނީ ނިދަން އެކަނި. ދެން އުޅޭނީ ޖޮބްގަ." ތަޅުދަނޑި ޖަހައި އަނބުރައިލަމުން ހަމްދާނު ބުނެލި އެވެ.

ދޮރު ހުޅުވާލުމަށްފަހު ހަމްދާނު ކޮޓަރީގެ ބޮކިތައް ދިއްލައިލި އެވެ. ހަމްދާނު އިޝާރާތްކޮށްލީ އެނދާ ދިމާ އަށެވެ. ރަންދާ އެނދުގައި އިށީނދެލުމާއެކު ހަމްދާނު އެތެރެއިން ދޮރު ތަޅުލި އެވެ. އެކަން ރަންދާއަށް އެނގުނެވެ. ނަމަވެސް ނޭނގޭ ކަމަށް ހެދިގެން އޭނާ އިނީ އެވެ.

"ކޮން ބަޔެއްގެ ފޮޓޯއެއް." ރަންދާ އިޝާރާތް ކޮށްލީ އެނދުގެ ހެޑުބޯޑު މަތީގައި ހުރި ފޮޓޯ ފްރޭމަށެވެ.

"އެއީ އަހަރެން. ދެން މަންމަ އާއި ދޮންތަ." ހަމްދާނު ހިނިތުންވެލި އެވެ.

"އެހެންތަ؟ ކޮބާ މަންމަ؟"

"އަހަންނަކީ މާލޭ މީހެއް ނޫން. އަހަރެންގެ އުފަން ރަށަކީ ތިނަދޫ. އެކަމަކު މި ހުރިހާ ދުވަހު އަހަރެން މިއުޅެނީ މާލޭގައި. ރަށު ބަހެއް ވެސް އަހަންނަކަށް ނޭނގެ. މަންމަ އާއި ބައްޕަ ނިޔާވެފަ ދެ އަހަރު ވަރު ވެދާނެ." ހަމްދާނުގެ ރާގު ބަދަލުވި އެވެ.

"އޯހް ސޮރީ." ރަންދާ ދެރަވި އެވެ.

"އިޓްސް އޯކޭ. ސޯޓެއް ދޯ." ހަމްދާނު އެނބުރިލީ އަލަމާރިއާ ދިމާ އަށެވެ.

އަލަމާރިން ސޯޓަކާއި ޓީޝާޓެއް ނަގައި ރަންދާއަށް ދިއްކޮށްލަމުން ހަމްދާނު ހިނިތުންވެލި އެވެ.

"ބަލައިބަލަ ހެޔޮވަރުތޯ؟ ދިގު ސޯޓެއް ނެތް އިނގޭ." ހަމްދާނު ހިނިތުންވެލި އެވެ.

ރަންދާ ކޮނޑުގައި އޮތް ދަބަސް ނަގައި އެނދުމަތީގައި ބާއްވާލި އެވެ. ހަމްދާނު ދިއްކޮށްލި ޓީޝާޓާއި ސޯޓުގައި ހިފައިލި އެވެ. ހަމްދާނު އަތުގެ އިޝާރާތުން ދައްކައިލީ ފާހާނާގެ ދޮރެވެ. ރަންދާ ހިނގައިގަތީ ފާހާނާއާ ދިމާ އަށެވެ. ރަންދާ ފާހާނާއަށް ވަން އިރަށް ވާރޭވެހެން ފެށި އެވެ. ހަމްދާނު ކޮޓަރިން ބޭރަށް ބަލައިލި އެވެ. އޭރު މުޅި މާހައުލު ވަނީ ކަޅު ވިލާތަކުން ބެދިފަ އެވެ. ކުއްލިއަކަށް އައި ވިލާގަނޑެއްގެ ސުންޕާ ޖައްވަށް ކުރިމަތިވީ އެވެ. ދޮރުފޮތިގަނޑުން އަތް ދޫކޮށްލުމަށްފަހު ރަނގަޅަށް ދޮރު ފޮތިގަނޑު ކަހައިލާ ބިއްލޫރިގަނޑު ނިވާކޮށްލި އެވެ.

ފާހާނާގެ ދޮރު ހުޅުވާލަމުން ރަންދާ ބޭރަށް ނުކުތް އަޑު އިވިފައި ހަމްދާނު ބަލައިލީ އެ ދިމާ އަށެވެ. އޭނާއަށް ނަޒަރު ހުއްޓައިލެވުނީ ރަންދާގެ ފައިތިލަ އަށެވެ. އޮމާން ކަށިމައްޗަށެވެ. ރީތި ފުރިހަމަ ކުޑަކަޅުވާ އަށެވެ. އެންމެ ފަހުން އެ ތުނިތުނި ދެ ތުންފަތަށް އޭނާއަށް ބެލުނެވެ.

"ސުޕަ. ނެތް ބުނާނެ އެއްޗެއް." ހަމްދާނު އަނގަ ހުޅުވުނެވެ.

"ހެޔޮވަރު ދޯ!" ރަންދާ އެނބުރިލަމުން ފަހަތަށް ދައްކާލި އެވެ.

"އާން! ހީވަނީ ރަންގެ ގަޔަށް ހެޔޮވަރުކޮށް ގަނެފަ އޮތް އެއްޗެއްހެން،" ހަމްދާނު ލުއި ހިނިތުންވުމަކާއެކު ރަންދާއަށް ބަލަން ހުރީއެވެ. "އެކަމަކު... ކިހިނެއް ދާނީ؟"

"ކިހިނެއްވީ؟"

"ދާނަންތަ؟" ހަމްދާނު އަހައިލި އެވެ.

"ވާރޭ ވެހިގަތީދޯ! އަހަރުމެން މޫދަށް ދާން ރޭވީމަ ހަމަ ޖެއްސުމެއް ކޮށްލީ ދޯ! ގައިމު ދެންމެ އޮތީ ނުލާހިކު ރީތިކޮށް. ދެން ކީއްވެ ކުއްލިއަކަށް މޫސުން ގޯސްވެ ވާރޭ ވެހެންވީ." ރަންދާ ކުދި ކިޔައިލި އެވެ.

"މި ދެ މޫސުން ބައްދަލުވާ ދުވަސްވަރެއް ނޫންތަ؟" ހަމްދާނު ފުން ނަޒަރަކުން ފަރިފަރި ރަންދާއަށް ބަލައިލި އެވެ.

"އެ ކިހިނެއްވާ ކަމެއް؟ އަހަންނަކަށް އެއިން އެއްވެސް ކަމެއް ނޭނގޭ." ރަންދާ ބުނެލި އެވެ.

"ދެ މޫސުން ބައްދަލުވުމަކީ އުފާވެރިކަމެއް. ހިތްހަމަ ޖެހުން ގެނުވާ ކަމެއް. ބައެއް މީހުން އަބަދުވެސް ބޭނުންވާނީ ދެ މޫސުން ބައްދަލުވާ ދުވަސްވަރު. އެ އުފާވެރިކަން އަބަދަށް ދެމިގެންދާނީ އެހެން ހެދީމައެއްނު. އެހެންވެ،" ހަމްދޫނު އިޝާރާތްކޮށްލީ އެނދަށެވެ. "ވާރޭ ހުއްޓީމަ ދާނީ ދޯ. އެބަ އަންނަން ކޮފީއެއް ހިފައިގެން."

"ކޮން ކަހަލަ ކޮފީއެއް؟" ރަންދާގެ އަޑުގައިވަނީ ތަފާތު ރާގެކެވެ.

"ކޮން ފްލެވައެއް ކަމުދަނީ؟" ހަމްދާނު ރަންދާއާ ކައިރިވެލި އެވެ.

"ނެސްކެފޭ މިލްކު. އެންމެ ރަނގަޅީ ލަވާޒާ." ރަންދާގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލީ ހަމްދާނުގެ ތިރީ ތުންފަތުގެ މެދުގަ އެވެ.

ކުއްލިއަކަށް ގުގުރައިލި އެވެ. އެއާއެކު އިމާރާތުގައި ވައި އެޅުނު އަޑާއެކު މުޅި އިމާރާތް ހެލިގަތެވެ. ރަންދާ ބިރުން ރޫރޫ އަޅައިގަތެވެ. އޭނާއަށް އޮޅުލައިގަނެވުނީ ކުރިމަތީގައި ހުރި ހަމްދާނުގެ ގައިގަ އެވެ. އޭނާގެ މޭ ތެރޭގައި މޫނު ފޮރުވަމުން ބާރުބާރަށް ހަމްދާނުގެ ގައިގައި އޮޅުލައިގަތެވެ. ހަމްދާނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފި އެވެ. ރަންދާގެ އުނަގަނޑުމަތިން ވަށައިގެން އޭނާގެ އަތްއަޅުވާލި އެވެ.

ކުއްލިއަކަށް މުޅި ކޮޓަރި ދިއްލުނެވެ. އެ އަލިކަން ސިކުންތުކޮޅަކަށް ދެމިގެން ދިޔަ އެވެ. ވިދުންކަނީގެ އަސަރު ނުފިލަނީސް ކުއްލިއަކަށް ގުގުރާލި އެވެ. އެއާއެކު މުޅި އިމާރާތް ގުޑުވާލި ކަހަލަ އެވެ. ހީވަނީ އިމާރާތުގެ ތިރީބައިގައި ބޮމެއް ގޮވީހެންނެވެ. ރަންދާއަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އެ އަޑެއް ބޭރެއް ނުވި އެވެ. ރަންދާގެ އަނގަމަތީގައި ހަމްދާނު އަތް އެޅީ އެވެ. އެހައި ހިސާބުން އޭނާ ކޮންޓްރޯލު ކުރާންފެށީ ހަމްދާނެވެ. ހަމްދާނުގެ ކޮންމެ ހަރަކާތަކާއެކު ރަންދާ ލެނބެމުން ލެނބެމުން ދިޔަ އެވެ. އެންމެފަހުން ބާރު ގުގުރީގެ އަޑާއެކު ހަމްދާނާއި ރަންދާ އެނދުމައްޗަށް ވެއްޓިގަތެވެ.

ހުނުމާއި ސަކަރާތުގެ އަޑަށްވުރެ ބާރަށް އިވެން ފެށީ ގުގުރުމާއެކު އަންނަ ވައިރޯޅިގެ އަޑުތަކެވެ. އިމާރާތުގެ ވަށައިގެން ވައި ކެފެމުންދާ އަޑެވެ. ހީވަނީ ބަޔަކު ވަރުބަލި ކަމާއެކު މާނޭވަތައް ބޭރު ކުރަމުންދާހެންނެވެ. ބައެއް ފަހަރު އެ ކަހަލަ އިހުސާސެއް ވެސް ކުރެވެމުން ދިޔަ އެވެ. އެކަހަލަ އަޑުތަކެއް އިވެމުންދާހެން ވެސް ހީވަމުން ދިޔަ އެވެ.

ދުނިޔެ މަތި އެއްކޮށް ބަންދުކޮށްލައި ކަޅު އަނދިރިކަން ވަށައިލި އެވެ. ބޮޑުތިކި ވާރޭގެ އަސަރުން މުޅި ތަން އެއް އަޑުކިޔަމުން ދިޔަ އެވެ. ދިޔަދޮވިތައް ފުރި ބަންޑުންވަމުން ދިޔަ އެވެ. މުޅިތަނަށް ވެރިވަމުން ދިޔައީ ތެތްކަމުގެ އަސަރެވެ. ކުރެވެމުން ދިޔައީ ތެތްކަމުގެ އިހުސާސެވެ.

އެ ފިނި ވަގުތު ވެސް ހަމްދާނަށް ކުރެވެމުން ދިޔައީ ހޫނުކަމުގެ އިހުސާސެވެ. އިމާރާތުގައި ވައި ކެފެމުންދާ އަޑާއެކު އޭނާގެ ނޭވާ ކުރުވަމުން ދިޔަ އެވެ. ވަރުބަލިކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. ކުއްލިއަކަށް ހޮނު އެޅި އަޑު އިވުނެވެ. ހީވީ އެ ކޮޓަރީގެ ތެރެއަށް ހޮނު އެޅި ހެންނެވެ. އެހެންވެ އޭނާގެ އަނގައިން ބާރު އާޚެއް ނުކުތެވެ. ބާރަށް އަޑެއް ލައްވާލެވުނެވެ. (ނުނިމޭ)