އިސްދޫ ހައްތެލި ސަރަހައްދު: މިއީ ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ، އަދި ތާރީހީ ގޮތުން ވެސް މުހިންމު ރަށެއް. -- ފޮޓޯ: ވިޒިޓް އިސްދޫ
ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތު ފާޅުވުމުގެ ކުރިން ދިވެހިން ވީ ބުދަށް އަޅުކަން ކުރި ބައެއް ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށުން މިކަމުގެ މައްޗަށް ފެންނަން ހުރި ހެކިތައް އެބަހުއްޓެވެ. މިކަމުގެ މައްޗަށް ދަލީލު ލިބޭ އެކައްޗަކީ އިސްދޫ ލޯމާފާނެވެ. ހައްދުންމަތީ އިސްދޫގެ ވޭރާއި އެވޭރާ ގުޅޭ ތަންތަން މުގުރައި، ބުދުތައް އުފުރައި، ވޭރު ހުރި ތަނުގައި ހުކުރު މިސްކިތް ބިނާކުރެވުނު ވާހަކަ އާއި، ވޭރަށް ހުރި ދަރުމަތައް ހުކުރު މިސްކިތަށް ބޯގަކުރެވުނު ވާހަކަ އާއި، ރުހުމުގައި އިސްލާމްވި މީހުންނާއި، އިސްލާމް ނުވި މީހުންނާއި، އިސް ހާމުދުރާއި އޭނާގެ އެހީތެރިންނާ މެދު، ކަންތައް ކުރެވުނު ގޮތާއި، އިސްދޫގެ ރައްޔިތުން، އަލުން ބައިބަޔަށް ނުވަތަ އާއިލާތަކަށް ބެހި ގޮތުގެ ވާހަކަ އޮތީ މި ލޯމާފާނުގަ އެވެ. މިއީ ރާއްޖޭގެ ތާރީހުގެ މުހިންމު ބަހާއެކެވެ.
ހައްދުއްމަތީ އިސްދޫ އަކީ ބޮޑުމިނުގައި 358.6 ހެކްޓަރު ހުރި މާ ރަށެކެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އޯ-1 އެވެ.
އިސްދޫގެ އާބާދީގައި 1985 ވަނަ އަހަރު ތިބީ 489 އަންހެނުންނާއި 427 ފިރިހެނުންނާއެކު ޖުމުލަ 916 މީހުންނެވެ. ރަށުގެ އާބާދީ ދިޔައީ މަޑުމަޑުން އިތުރުވަމުންނެވެ. އެހެން ނަމަވެސް 2006 ވަނަ އަހަރަށްފަހު ރަށުގެ ގިނަ ރަށްވެރިން އެކި ސަބަބުތަކަށްޓަކައި ދަފްތަރުން އުނިވުމާއި، އާބާދީ އިތުރުވާ ނިސްބަތް ދަށްވުމުން 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު މިރަށުގެ އާބާދީ އޮތީ 1985 ވަނަ އަހަރު އޮތް ހިސާބުގަ އެވެ. އޭރު ރަށުގެ އާބާދީއަކީ 483 އަންހެނުންނާއި، 424 ފިރިހެނުންނާއެކު ޖުމްލަ 907 އެވެ. ނިމިދިޔަ ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު މިހާރު ރަށުގެ އާބާދީ އުޅެނީ 1425 ގަ އެވެ. އެއީ 691 އަންހެނުންނާއި 734 ފިރިހެނުންނެވެ.
އިސްދޫ ޒުވާނުންކޮޅެއް އެ ރަށުގެ މަގެއްގައި ހިނގާފައި ދަނީ. -- ފޮޓޯ: ވިޒިޓް އިސްދޫ
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި މިރަށުގެ 28 މީހަކު ރަޖިސްޓްރީވެފައި ވެއެވެ. އެއީ 13 އަންހެނުންނާއި 15 ފިރިހެނުންނެވެ.
އިސްދޫއަކީ މައިގަނޑު އިގްތިސާދީ މަސައްކަތެއްގެ ގޮތުން ދަނޑުވެރިކަމުން އާމްދަނީ ހޯދާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. މަސްވެރިކަމާއި، ކޮންސްޓްރަކްޝަންސް މަސައްކަތްތައްވެސް ކޮންމެވެސް ވަރަކަށް ކޮށްއުޅެ އެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ގަސްކާނާ އުފައްދައި ވިއްކުމަކީ ވެސް މިރަށުގައި ވައިގައި ހިފާފައި އޮތް ވިޔަފާރި އެކެވެ.
އާންމު ވިޔަފާރިކުރާ ރަށުގައި ހުރީ ހަތް ފިހާރަ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް ހުރިއިރު، މިރަށުގައި ގެސްޓްހައުސްއެއް އަދި ހިންގަންފަށާފައެއް ނުވެ އެވެ. އެހެން ނަމަވެސް ގެސްޓްހައުސްތަކެއްގެ މަސައްކަތް ހިނގަމުން އެބަ ދެ އެވެ.
ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ކޮބައިތޯ ސުވާލުކުރުމުން ރަށު ކައުންސިލުން ފާހަގަކުރީ ތިން ކަމެކެވެ. އެއީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ރަށުގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި ވައިގެ މަގުން އިސްދޫއަށް ދަތުރުކުރެވެން ނެތުމެވެ.
ފާއިތުވެދިޔަ ތިން އަހަރު މިރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ބަލާއިރު، ގިނަ މަޝްރޫއުތަކެއް ހިންގައި ނިމިފައި ވެއެވެ. ބަނދަރު އަޕްގްރޭޑްކުރުމާއި، އިސްދޫ ސުކޫލުގެ މަލްޓިޕާޕަސް ހޯލާއި އައުޓްޑޯ ޖިމް ގާއިމުކުރުމާއި ކައުންސިލް އޮފީސް އިމާރާތާއި، ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމާއި މެރިކަލްޗަ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް އޮތީ ނިމިފަ އެވެ.
ޕޮލިސް ސްޓޭޝަން ގާއިމުކުރުމާއި، ދަތުރުފަތުރުގެ ނިޒާމުގައި މިރަށް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. ޔޫތު ސެންޓަރުގެ މަސައްކަތާއި، ފެނަކަ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އޮތީ ކޮންޓްރެކްޓް ކުރެވިފަ އެވެ. މީގެ ތެރެއިން ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ނިމޭނޭކަމަށް ސަރުކާރުން ލަފާކޮށްފައި އޮތީ މޭ 6، 2023 ގެ ނިޔަލަށެވެ.
އިސްދޫ ބަނދަރު ސަރަހައްދު --ފޮޓޯ: ވިޒިޓް އިސްދޫ
މިރަށުގައި އާސާރީ ގޮތުން ފާހަގަކޮށްލެވޭ "އިސްދޫ ބޮޑު ހައްތެލި" ކިޔާ އުސްގަނޑަކާއި، "އިސްދޫ ކުޑަ ހައްތެލި" ކިޔާ ސަރަހައްދެއް އޮވެއެވެ. ރަށުގެ އުތުރު ފަރާތުގައި އޮންނަ އިސްދޫ ބޮޑު ހައްތެލީގެ ވަށަމިނުގައި 360 ފޫޓު އަދި އުސްމިނުގައި 45 ފޫޓު ހުރެ އެވެ. މި ތަނަކީ، އިހުޒަމާނުގެ ބުޑިސްޓު ދީނީ އެކުވެންޏެއް ހުރި ތަނެކެވެ. އިސްދޫ ކުޑަ ހައްތެލީގެ ވަށަމިނުގައި 216 ފޫޓު އަދި އުސްމިނުގައި ގާތްގަނޑަކަށް 14 ފޫޓު ހުރެ އެވެ. މި ތަންތަނުގެ ވަށައިގެން ލާފައިހުރި ފާރުގެ ބައިތައް މިހާރުވެސް ފެންނަން ހުރެ އެވެ.
ލޯމާފާނު ފެނުނީ އިސްދޫ އާސާރީ މިސްކިތުގެ ތެރެއިންނެވެ. މިއީ މާލޭ ހުކުރު މިސްކިތް ބިނާކުރުމަށްފަހު ބާކީވި ތަކެތިން ބިނާކުރެވުނު މިސްކިތެއްކަމަށް ބުނެވެ އެވެ. އިސްދޫ ލޯމާފާނުގައި އޮތް މީލާދީ ތާރީހަކީ 1195 އެވެ. އެއީ މީގެ 827 އަހަރު ކުރި އެވެ. އެ ހިސާބުން ބެލީމާ އެއީ އައްސުލްތާން ދިނެއި ކަލަމިންޖާ، ސިރީ ގަޑަނާދީއްތަ މަހާރަދުން ގެ ރަސްކަމުގެ ގާތްގަނޑަކަށް ތިން ވަނަ އަހަރުގައި ލިޔެވިފައިވާ ލޯމާފާނެކެވެ. މި ލޯމާފާނުގައި ގަޑަނާދީއްތަ މަހާރަދުންގެ މަތިފުށާ ބެހޭ ގޮތުން ލިޔެފައިވެ އެވެ. މީގެ އިތުރުން ރަދުން އިސްދޫ އިސްލާމްކުރައްވައި، މިސްކިތެއް ބިނާކުރައްވައި، އެމިސްކިތް ބެލެހެއްޓުމަށްޓަކާ ބޭނުންވަނޭހާ ކަންކަން ފުރިހަމަކޮށްދެވިގޮތުގެ ވާހަކަތައް ވެސް މި ލޯމާފާނުގައި ލިޔެވިފައިވެ އެވެ.
އިސްދޫ ލޯމާފާނުން އެނގޭ ގޮތުގައި ރަދުން އަމުރުކުރައްވާފައި އޮތީ އިސްދޫ ހާމުދުރުންނާއި އެ މީހުންނަށް ތަބާވީ ބަޔަކު ހައްޔަރުކޮށްގެން މާލެ ގެނައުމަށެވެ. އޭގެ ތެރެއިން ރުހުމުގައި އިސްލާމް ނުވީ އެންމެން މަރާލެވުނެވެ. އެ ވާހަކަ ލޯމާފާނުގައި އޮތީ މި ބަޔާންކުރާ ގޮތަށެވެ.
....ސާދަތު ނިކީ ކާޕުރުން މަރަމެ ވިޔެ ވިދާރައި، (ޝަހާދަތްނުކީ ކާފިރުން މެރުމަށް އަންގަވައި)، މަހަންމަދު ޕެތާންބަރުންގެ ދަރްޝަނައަޓަ މަދުމާ މީތަކް ކާޕުރުން ނުމަރައި ސާދަތު ކިޔަވައި، (މުހައްމަދު ރަސޫލާގެ ޝަރީއަތް ގަބޫލުކުރި ކާފިރުން ނުމަރައި، ޝަހާދަތް ކިއުއްވައި.) ސުންނަތު ކޮޓު ވީދެލައި. (ހިތާނުކުރުމަށްފަހު ވީއްލައި.) ....
އިސްދޫ ލޯމާފާނު
އިސްދޫ ބޭސްކުޅި އަކީ ގުދުރަތީ ގޮތުން ދިވެހިރާއްޖޭގައި އުފެދިފައިވާ ކުޅިތަކާއި ޗަކަ ބިންތަކާ ވަރަށް ތަފާތު ކުޅި އެކެވެ. އެ ކުޅި އަށް އެރުމަކީ ހަމުގެ މައްސަލަ ތަކާއި ހުޅުތަކުގައި ރިއްސުމަށް ކުރެވިދާނެ ރަނގަޅު ފަރުވާއެއްކަމަށް ކިޔަ އެވެ. އިސްދޫ ބޭސްކުޅި އަށް އެރުމަށްޓަކައި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އިސްދުއަށް ވަރަށް ގިނައިން މީހުން ޒިޔާރަތް ކުރޭ ވެސްމެ އެވެ. އެއީ އާއިލާ ނުވަތަ ރައްޓެހިންނާ އެކު ދަތުރު ގޮސް މަޖާކޮށްލުމަށް ވެސް ވަރަށް ހިތްފަސޭހަ ސަރަހައްދެކެވެ.
އިސްދޫ އަކީ ދިވެހި ތާރީހުގެ މުހިންމު ސަފުހާ އެކެވެ. ރާއްޖޭގެ ރަށްރަށުގައި ހުރި މިފަދަ އާސާރުން ގާތުން ދުށުމަކީ ދިވެހިރާއްޖޭގެ ތާރީހާ ގާތަށް މީހާ ގެންގޮސްދޭނެ ކަމެކެވެ. ގުދުރަތީ ރީތިކަމާއި މުއްސަނދިކަން ލިބިފައި އޮތް އިސްދޫއަކީ ރާއްޖޭގެ ތާރީހުގެ ވެސް ހަޒާނާއެކެވެ.
Comment