ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ޕާކިސްތާނަށް ދެން މުބާރާތުގައި ކުރިއަށްދެވެން އޮތް ހަމައެކަނި ގޮތަކީ ރާއްޖެ ބަލިކޮށްގެން ކަމަށް ޕާކިސްތާންގެ ކޯޗު، ޕެރޫގެ ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ.
އިއްޔެ ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިިޕް ފެށި މެޗުގައި ޕާކިސްތާން އަތުން އިންޑިއާ ވަނީ 3-2 އިން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ތިން ގޯލުގެ ލީޑެއް ނެގިއިރު، މެޗުގައި ޕާކިސްތާނުން ޖެހި ތިން ލަނޑު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފުގެ އިތުރު ވަގުުތުގެ ތެރޭގަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޮލާނޯ ބުނީ މެޗުން ބަލިވުމުގެ މައިގަނޑު ސަބަަބަކީ ދަށް ފެށުމަކުން މެޗު ކުރިއަށްގެންދިއުން ކަމަށެވެ. އަދި، ޕާކިސްތާނުން ދަށްކޮށް ފެށުމާ އެކު އިންޑިއާ އަށް މެޗުގެ ކޮންޓްރޯލް ނަގަން ފުރުސަތު ލިބުނު ކަމަށް ސޮލާނޯ ފާހަގަކުރި އެވެ.
"އިންޑިއާ އިން ޖެހި ފުރަަތަމަ ތިން ގޯލު ވަރަށް ފަސޭހަ. އަހަރެމެން ތިބީ ނިދާފައި. އަހަރެމެންނަށް މުބާރާތުގައި ކުރިއަށްދެވެން އޮތީ ދެން އޮތް މެޗުން (ރާއްޖެ އަތުން) މޮޅުވެގެން. އަހަރެމެން ވަރަށް ރުޅި އައިސްފައި މި ތިބީ. މި މެޗު (އިންޑިއާ މެޗު) ދިޔަ ގޮތް އެނަަލައިސް ކުރުމަށް ފަހު ދެން އޮތް މެޗަށް ތައްޔާރުވާން ޖެހޭ،" އާދިއްތަ ދުވަހު، ރާއްޖެއާ ކުޅޭ މެޗާ ބެހޭގޮތުން ސޮލާނޯ ބުންޏެވެ.
ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް
ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.
މިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެ އަތުން ޕާކިސްތާން 3-0 އިން މޮޅުވިއިރު، މިއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު، ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، ރާއްޖޭގައި ކުޅުނު މެޗަކުން ރާއްޖޭގެ މައްޗަށް ޕާކިސްތާނުން ކުރިހޯދި ފުރަތަަމަ ފަހަރެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުތައް އޮތީ ފީފާ ބްރޭކް ތެރޭގައި ނޫން ކަމަށްވާތީވެ، ޔޫރަޕާއި އޭޝިއާގެ ބައެއް ކްލަބްތަކަށް ކުޅޭ ޕާކިސްތާންގެ ކުޅުންތެރިން އަދި ގައުމީ ޓީމަށް ރިލީސްނުކުރެ އެވެ. އެހެންވެ، ޕާކިސްތާނުން ފުރަތަމަ މެޗުގައި އިންޑިއާއާ ކުޅުނީ، ޑައިމަންޑް ޖުބިލީ މުބާރާތް ކާމިޔާބުކުރި އަށް ވަރަކަށް ކުޅުންތެރިން ނުލަ އެވެ.
ޕާކިސްތާން ޓީމުން ބަންގްލަދޭޝަށް ކުރަން ޖެހުނު ދަތުރު ވެސް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި ޓީމުގެ ދަބަސްތައް ނުލިބޭތީ އެއް ދުވަހު ޕްރެކްޓިސް ނުކުރެވުނު ކަމަށެވެ. އެކަމަކު، އެ ކަންކަމުގެ ޝަކުވާ ނުކޮށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ.
އިންޑިއާ އިން ޕާކިސްތާން އަތުން މޮޅުވިއިރު، ތަފާތަކަށް ފެނުނު އަނެއް ކަމަކީ، އިންޑިއާގެ ކުޅުންތެރިން ފިޒިކަލީ ވަރުގަދަ ވުން ކަމަށާއި ރާއްޖެއާ ކުޅޭއިރު، ޕާކިސްތާނުން އެކަން ވެސް ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ.
ރާއްޖެއާ ކުޅޭ މެޗުން ޕާކިސްތާން މޮޅުވެއްޖެނަމަ ވެސް އެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެތޯ ޔަގީންވާނީ، ބުދަ ދުވަހު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ނަތީޖާ އިންނެވެ. ރާއްޖެ އަތުން ޕާކިސްތާން ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެ އެވެ. އަދި، ރާއްޖެއާ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ގެއްލޭނެ އެވެ.
ޕާކިސްތާނުން ވަނީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީން ކެޓީ އިންޑިއާ އަތުން ބަލިވެގެންނެވެ.







