Advertisement

ރަށު ނޯޓު: ށ. ބިލެތްފަހި

10 އޭޕްރީލް 2022 - 11:32 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ށ. ބިލެތްފަހީގެ މަންޒަރުތަކެއް


ރަށު ނޯޓު: ށ. ބިލެތްފަހި

10 އޭޕްރީލް 2022 - 11:32 0

ރުކުފަތިން ހަދާފައި އޮތް ހަލަންޏެއް ނުވަތަ ބަތްޕޮޅިއެއް ފެނިއްޖެނަމަ، އަދި އޭގެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރެއްވިއްޖެ ނަމަ އެއީ ށ. ބިލެއްފަހީގެ އުފެއްދުމެއްކަމަށް ބަލާށެވެ. މުޅި ށަވިޔަނި އަތޮޅުންވެސް ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު މި ރަށަކީ ރާއްޖޭގައި މިހާރު ރުކުފަތީގެ މަސައްކަތްތައް ކުރާ ހަމައެކަނި ރަށެވެ. ވިޔުމަކީ ކަވި، ހާއްސަ ހުނަރެއް ކަމަށްވާއިރު ރުކުފަތިން ވިޔުމަކީ އެ ފަންނުގެ ވެސް ހާއްސަ ބަހާއެކެވެ. މިރަށުގައި މިކަމަށް ކުޅަދާނަ ފަންނުވެރިން ގިނަ އެވެ.

ށ.ބިލެތްފަހީގެ ބޮޑުމިނަކީ 63.2 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ސީ-6 އެވެ.

ނަވާރަ ސަތޭކަ އައްޑިހަ ފަސް ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބަށް ބަލާއިރު އެރަށުގައި އޭރު ތިބީ 171 އަންހެނުންނާއި 148 ފިރިހެނުންނާއެކު ޖުމުލަ 319 މީހުންނެވެ. ވަރަށް ކުޑަކުޑަ އާބާދީއެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު އާބާދީ 465 އަށް އިތުރުވި އެވެ. އެއީ 242 އަންހެނުންނާއި 223 ފިރިހެނުންނެވެ. 2017 ވަނަ އަހަރު އާބާދީއަކީ 357 ފިރިހެނުންނާއި 357 އަންހެނުންނާއެކު ޖުމުލަ 693 މީހުންނެވެ. އާބާދީ ދަނީ މަޑުމަޑުން އިތުރުވަމުންނެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު އެ ރަށުގެ އާބާދީގައި މިހާރު 744 މީހުން އެބަތިއްބެވެ. އެއީ 352 އަންހެނުންނާއި 392 ފިރިހެނުންނެވެ.

މިރަށަކީ ރާއްޖޭގައި ކިއްސަރު ވަޑާމުގެ މަސައްކަތަށް ހާއްސަ ރަށްތަކުގެ ތެރެއިން އެއް ރަށެކެވެ. އެ މަސައްކަތުގެ ފަންނުވެރިން މިރަށުގައި ގިނަ އެވެ. މަސްވެރިކަމާއި ރިސޯޓު ވަޒީފާތަކަކީވެސް މިރަށުގެ އިގްތިސާދީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެކެވެ. މާ ފުޅާކޮށް ނޫންނަމަވެސް މިރަށުގައި ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރެ އެވެ. ފަންގިވިނުމާއި ކާށި އަޅައި ވިއްކުން އެއީ ވެސް މިރަށުގެ ރަށްވެހީން އާމްދަނީ ހޯދަން ކުރާ މަސައްކަތެކެވެ.

ބިލެތްފަހީގެ ބަނދަރު: މިއީ ކިއްސަރު ވަޑާމަށް ހާއްސަ އެއް ރަށް. -- ފޮޓޯ: އެމްޓީސީސީ


އާންމު ވިޔަފާރީގެ ފަސް ފިހާރައެއް މިރަށުގައި ރަޖިސްޓްރީކޮށް ހިންގަ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ދެ ތަނެއް ރަޖިސްޓްރީކޮށްގެން ހިންގާއިރު މުޅި ރަށުގައި އަދި ހުރީ އެންމެ ގެސްޓްހައުސްއެކެވެ.

ބިލެތްފައްސަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރަށްގިރުމުގެ މައްސަލަ އެވެ. ކުނިކޮށްޓެއް ނެތުމުގެ މައްސަލަ އަކީ ވެސް ބޮޑު މައްސަލަ އެކެވެ. އެ ރަށުގައި އުފެދޭ ކުނި ރަށުގައި ނައްތާލެވޭނޭ ގޮތެއް އިންތިޒާމު ކުރެވިފައި ނުހުރެ އެވެ. ގޭގޭގައި އުފެދޭ ކުނި ނަގަނީ އެކަމަށް ފީއެއް ކަނޑައަޅައިގެން ރަށު ކައުންސިލްގެ މުވައްޒަފުންނާއި އުޅަނދުތައް ބޭނުންކޮށްގެންނެވެ.

މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ބަލާއިރު، ށ. ބިލެތްފަހި ސުކޫލުގެ ހަތަރު ކްލާސްރޫމާއި މަލްޓި ޕާޕަސް ހޯލު އިމާރާތްކުރުމުގެ މަސައްކަތް އޮތީ ބިޑަށް ހުޅުވާލާފަ އެވެ. ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ މަސައްކަތުގެ 90 ޕަސެންޓް އޮތީ ނިމިފަ އެވެ. ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ހޯދުމަށް އޮތީ ބިޑަށް ހުޅުވާލާފަ އެވެ. ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް، ކުނި ނައްތާލާނޭ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ މަސައްކަތް މާޗް 2023 އަށް ނިންމާލެވޭނޭކަމަށް ސަރުކާރުން ލަފާކޮށްފައި ވެއެވެ. ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ގާއިމުކުރުމަށް މިހާރު އޮތީ ޕްރޮޖެކްޓް ހަވާލުކުރެވިފަ އެވެ.

ބިލެތްފަހިން މި ނޫހާ ވާހަކަ ދެއްކި ގިނަ މީހުންގެ ވާހަކައިން އެންމެ ބޮޑަށް ފާހަގަކުރެވުނީ ފަތުރުވެރިކަމުގެ ތެރެއަށް ވަންނަން އެރަށު ރައްޔިތުން ބޭނުންވެފައި އޮތް މިންވަރެވެ. މި އުއްމީދަށް މަގުފަހިވާފަދަ ޕްރޮޖެކްޓެއް ސަރުކާރުން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ. އެއީ ބިލެތްފަހީގައި އެއާޕޯޓެއް އެޅުމުގެ ޕްރޮޖެކްޓެވެ. ބިލެތްފައްސަކީ މިކަމަށް ބޭނުންވާ ބިން އޮތް، ބިމުގެ ޖާގަ ތަނަވަސް ރަށެކެވެ. ރަށަށް ޓުރިޒަމް ފުޅާކުރެވިއްޖެނަމަ ރަށު ރަށްވެހީން އުފައްދާ ދިވެހި ވަންތަ ތަކެއްޗަށް މާކެޓްލިބި، އެކަށީގެންވާ އަގެއްގައި އެތަކެތި ވިއްކޭނެ އެވެ. މިއީ ޓޫރިޒަމްގެ ސަބަބުން ނުސީދާގޮތުން އެރަށަށް ބޮޑު އާމްދަނީއެއް ވަންނާނޭ ކަމެކެވެ.

ބިލެތްފަހީގެ މާހައުލުން ފާހަގަ ވަނީ ފަހިކަމާއި ތިޔާގި ކަމެވެ. ރާއްޖޭގެ ރަށަކުން ދުށުމަށް ތިޔަ އުއްމީދުކުރާ ހުރިހާ ކުލައެއް މިރަށުން ފެންނާނެ އެވެ. ހިތްގައިމު ތުނޑިތަކާއި މަރުހަބާ ކިޔަނިވި މެހެމާންދާރީއާއި ހިތްހެޔޮ އަލި މޫނުތަކެވެ. ރަށާ ބެހޭ ގޮތުން އަޅުގަނޑަށް ލިބުނު މައުލޫމާތުތަކަށްފަހު މިރަށަކީ ދާންޖެހޭ ރަށެއް ކަމަށް ލިސްޓުކޮށްލައިފީމެވެ.