Advertisement

ޕީރިއަޑްވުން ހުއްޓުވާ ބޭސް ބޭނުންކުރުން ހުއްދަތަ؟

3 އޭޕްރީލް 2022 - 09:05 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ޕީރިއަޑްވުން ހުއްޓުވާ ބޭސް ބޭނުންކުރުން ހުއްދަތަ؟

3 އޭޕްރީލް 2022 - 09:05 0

ޝަރުއީ ގޮތުން އޮތް އާންމު އުސޫލަކީ، ރަމްޟާން މަހު އަންހެން ބޭފުޅުން ޕީރިއަޑްވުމުން އެ ދުވަސްވަރުގެ ރޯދަ ދޫކޮށްލުމެވެ. އަދި އެ ރޯދަ އެހެން ދުވަސްތަކެއްގައި އަލުން ހިފުމެވެ. މިއީ އެކަނބަލުންގެ ފިތުރީ އާދަތަކުގެ މައްޗަށް ރިއާޔަތްކުރެވި ޝަރުއީ އަޅުކަމުގައި މާތް ﷲ ގެ ހަޒުރަތުން ދެއްވާފައިވާ ލުޔެކެވެ. އަދި ރަހުމަތެކެވެ. އުންމުލްމުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެ އެވެ. ތިމަންމެން ކީރިތި މާތް ނަބިއްޔާގެ ދުވަސްވަރު މައްސަރުކަންތައް ދިމާވުމުން، ދޫކޮށްލާ ރޯދަތައް ފަހުން ހިފުމަށް އަމުރުކުރެވެ އެވެ. އެކަމަކު އެ ދުވަސްތަކުގެ ނަމާދުތައް ފަހުންކޮށް ހަމަކުރުމަކަށް އަމުރު ނުކުރެވެ އެވެ.

އުފެދޭ ސުވާލަކީ، ބޭހެއް ބޭނުންކޮށްގެން ޕީރިއަޑްވުން ލަސްކުރެވިދާނެ ހެއްޔެވެ؟ އަދި އެކަން އެގޮތަށް ކޮށްގެން ރޯދަ ހިފުމުގެ ހުކުމަކީ ކޮބާ ހެއްޔެވެ؟

މިސްރުގެ ދާރުލްއިފްތާއުގެ އަމާނަތުލްފަތުވާއިން ސެޕްޓެމްބަރު 5, 2007 ގައި ދެއްވާފައިވާ ފަތުވާގައި ވިދާޅުވެފައި އޮންނަނީ، ޕީރިއަޑްވުން މަނާކުރާ ނުވަތަ ހުއްޓުވާ ބޭސް ބޭނުންކޮށްގެން ސިއްހަތަށް އެކަމުން ގެއްލުމެއް ނުލިބޭނަމަ އެފަދަ ބޭސް ބޭނުންކުރުން ހުއްދަވެގެންވާ ކަމަށެވެ. އަދި އެފަދަ ބޭސް ބޭނުންކޮށްގެން ޕީރިއަޑްވުން ރޯދަ މަހަށްވުރެ ފަސްކޮށް، މުޅި ރޯދަ މަސް އެއްކޮށްލިބިގަތުމަކީ ޝަރުއީގޮތުން ކުރެވިދާނެ ކަމެއްކަމަށެވެ.

ސައުދީ އަރަބިއްޔާގެ މަޝްހޫރު އިލްމުވެރިޔާ އިބްނު ބާޒް ރަޙިމަހުﷲ އާ ވެސް މި ސުވާލު ކުރެވިފައިވެ އެވެ. ޖަވާބުގައި ވިދާޅުވެފައި ވަނީ، މީސްތަކުންނާއެކު ނަމާދު ލިބިގަތުމަށާއި ރޯދަ ލިބިގަތުމަށް، ޕީރިއަޑްވުން މަނާކުރާ ބޭސް ބޭނުންކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. އިބްނު ބާޒް ވިދާޅުވެފައި ވަނީ އެކަމުގައި އޮތް ޝަރުތަކީ ބޭސް ބޭނުންކުރުމުން ގެއްލުމެއް ނުލިބޭކަން ކަށަވަރުވެފައި އޮތުމެވެ. އަދި އެގޮތަށް އެކަން ކުރަންވާނީ ޑޮކްޓަރެއްގެ ލަފަޔާއެކު ފިރިމީހާގެ ރުހުމާއެކުގައިކަމަށް އިބްނު ބާޒް ރަޙިމަހުﷲ ދެކެވަޑައިގަނެ އެވެ.

މަޝްހޫރު އިލްމުވެރިޔާ ޑރ ޔޫސުފުލްޤަރަޟާވީ ރަޙިމަހުﷲ ދެކެވަޑައިގަންނަވާ ގޮތުގައި ވެސް މިކަމަކީ ހުއްދަކަމެކެވެ. ގެއްލުމެއް ނުލިބޭކަން ކަށަވަރުވާނަމަ، އަންހެނާ އެގޮތަށް ބޭނުންވާނަމަ އެކަން ކުރުން ހުއްދަވެގެންވާ ކަމަށާއި އަދި އެ ބޭސް ބޭނުންކޮށްގެން ޕީރިއަޑްވުން ލަސްކުރުމަށްފަހު ރޯދަ ހިފައިފިނަމަ، އެރޯދަ ސައްހަވާނެ ކަމަށް ޑރ. ޔޫސުފުލްޤަރަޟާވީ ވެސް ވިދާޅުވެފައި ވެއެވެ. ނަމަވެސް ތަބީއަތާއި ފިތުރަތުގެ މަތީން ކަންކަން ހިނގަމުންދާ ގޮތް އެގޮތުގައި ބޭއްވުމަށާއި، ޕީރިއަޑްވުމަކީ ތަބީއީ ފިތުރީ ކަމެއް ކަމަށްވާތީ، ﷲ އެކަމުގައި ލެއްވި ތަބީއަތުގައި އެކަން ބޭއްވުމަށް، އިސްކަން ދެއްވާކަމަށް ޑރ އިތުރަށް ފާހަގަކުރައްވާފައި ވެއެވެ.

މީގައި ހަނދާން ބަހައްޓަންޖެހޭ އެންމެ މުހިންމު ކަމަކީ، ޕީރިއަޑްވުން ލަސްކުރުމަށް ބޭނުންކުރާ ބޭހަކީ، އެކި މީހުން ބޭނުންކުރުމަށް އެކި މީހުންނަށް އޭގެ އަސަރުކުރާ ގޮތް ތަފާތު ވެދާނެ އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބޭ ނަމަ، އެފަދަ ބޭސް ބޭނުންކުރުން އެއްވެސް އިލްމުވެރިޔަކު ހުއްދައެއް ނުކުރައްވަ އެވެ. ޕީރިއަޑް މަނާކުރާ ބޭހެއް ކައިގެން މުޅި ރޯދަމަހު ރޯދައަށް ހުންނާނީތޯ ނުވަތަ ހައިޟުގެ ދުވަސްވަރު ގެއްލޭ ރޯދަތައް ފަހުން ހިފައި ހަމަކުރާނީތޯ މިއީ އަންހެނާގެ ފުރިހަމަ އިހުތިޔާރު އެކަމުގެ މައްޗަށް އޮތް ކަމެކެވެ.